އިންޑިއާގެ ވެޓެރަަން އެކްޓަރ އާރަތީ ޑަސް މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ހާޓްއެޓޭކެއް ޖެހިގެން އޭނާ މަރުވެފައިވަނީ ވެސްޓް ބެންގަލް ގައި ހުންނަ އޭނާގެ ގޭގައެވެ.

އާރަތީ މަރުވިއިރު، އުމުރަކީ 77 އަހަރެވެ. އޭނާ މަޝްހޫރު ވެފައި ވަނީ ނެށުމުގައެވެ. އޭނާއަކީ މިސް ޝެފާލީ ނަމުގައި ސްޓޭޖް މަތީގައި މަޝްހޫރު ތަރިއެކެވެ.

އާރަތީ ވަނީ ބެންގާލީ ގިނަ ފިލްމްތަކުން ފެނިގެން ގޮސްފައެވެ. އެގޮތުން ފިލްމް ހެދުމުގައި ލެޖެންޑެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ސަތްޔަޖިތް ރޭގެ ދެ ފިލްމަކުން އޭނާ ފެނިގެން ގޮސްފައި ވެއެވެ. އޭނާ ވަނީ ބައެއް ޑްރާމާތަކުންވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި އަޝްލިލް، ސުމްރާތް އޯ ސުންދަރީ، ސަހެބް ބިބި ގޮލާމް ހިމެނެވެ.

އޭނާ މަރުވުމާއި ގުޅިގެން ވެސްޓް ބެންގަލްގެ ޗީފް މިނިސްޓާރ މަމަތާ ބަނެރްޖީ ވަނީ ހިތާމަ ފާޅު ކޮށްފައެވެ. އަދި އާއިލާއަށް ހިތްވަރުދީފައި ވެއެވެ.

ދާދި ފަހުން އޭނާގެ އޮޓޯބައިގްރަފީއެއްވެސް ނެރަފައި ވެއެވެ. އޭނާގެ އޮޓޯބައިގްރަފީ ނެރެފައި ވަނީ ސަންދްޔާ ރޭޓާ ސެފަލީގެ ނަމުގައެވެ.