މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ.

އަހަރެން އިނީ އެހެން ރޭ ރެއެކޭވެސް އެއްފަދައިން ފޮތެއް ކިޔާށެވެ. ވާރޭގެ ތެތްކަން މުޅި ހިސާބުގަނޑަށް ފެތުރިފައިވުމުން، އޭސީ ގެ ވަޔާ ނުލާވެސް ކޮޓަރި ތެރެއަށް ވެރިވެފައިވަނީ އަރާމު ދުންފިންޏެއްގެ އަސަރެވެ. ދޭތެރެ ދޭތެރެއަކުން ވިދާލައެވެ. އިރުކޮޅުކޮޅާ ގުގުރާލައެވެ. މުޅި ދުނިޔެ ވަނީ ގަދަ ނިންޖަކުން ނިދާފައެވެ.

އަހަރެން ފިޔަވައެވެ.

އިންސޮމްނިޔާ އަކީ އަހަރެންގެ ދިރިއުޅުމުގެ ބޮޑުބައެއް ހިއްސާކުރާ ނަފްސާނީ ބައްޔެކެވެ. ޑަކްޓަރުން ބުނާ ގޮތުގައި އަހަރެންގެ މި ބައްޔަކީ މާޒީގައި ތަހައްމަލް ކުރަން ޖެހުނު ހިތި ތަޖުރިބާއެއްގެ ނަތީޖާއެވެ. ހިސާބަކަށް މިއީ ދޮގެއް ނޫނެވެ.

އަހަރެންނަކީ ގދ. ތިނަދޫއަށް އުފަން ކުއްޖަކީމެވެ. ތިނަދޫއޭ ބުނުމުން ގިނަ މީހުންގެ ޚިޔާލަށް އަންނާނީ ދެކަމެކެވެ. އެއްކަމަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ބަޑީގެ ބާރުގަ ރައްޔިތުން ރަށުން ބޭލުވި ހާދިޡާއެވެ. އަނެއްކަމަކީ އެނަމާ ކާރިސާއެވެ. އަހަރެންމީ އެނަމާ ބޯއްޓު ބަންޑުން ޖެހި ހާދިޡާގައި ސަލާމަތްވި މީހުންތަކުގެ ތެރެއިން މީހެކެވެ.

ފަހުގެ ތާރީޚެއްގައި އަހަރެންނަށް ނިދުނު ދުވަހެއް ހަނދާނަށް ގެންނަން މަސައްކަތް ކުރުމުން ޚިޔާލަށް އަންނަނީ ޅަ އިރުގެ ދުރު ހަނދާންތަކެވެ. މަންމަގެ އުނގުގައި އޮވެގެން ނާނާގެ އަޑަށް ދެ ލޯ މަރާލައިން އޮވެ ނިދިޖެހޭ ރޭތަަކެވެ. އުމުރުން އެންމެ ދިހަ އަހަރުގައި އަހަރެންނާ ކުރިމަތިވި، މުޅި ރާއްޖެ ރޮއްވާލި އެ ހާދިޡާއަށްފަހު ހަމަޖެހިގެން ލޯ މަރާލެވުނު ދުވަހެއް ނޭނގެއެވެ.

މަސައްކަތްކުރަމެވެ. ނިދާ ބޭސް ބަރާބަރަށް ކަމެވެ. ނަމަވެސް ލޮލުފިޔައެއް ނުޖެހެއެވެ. ދެ ލޮލަށް ބަރުވެގެން ގޮސް ބޮލުގައި ދިހުން ނަގާ އިރުވެސް ނިދި އަހަރެންނާ އެއްބައިވާކަށް ނޫޅެއެވެ. ލޯ މެރިއްޖެއްޔާ އަހަރެންނަށް ފެންނަނީ ލޮނުގަނޑު ބޮލުން މައްޗަށް އަރާ މަންޒަރެވެ. މުސްކުޅިންނާއި، ކުޑަ ކުދިންނާއި، އަންހެނުން ރޮއި ހޭރޭ އަޑެވެ. މަރުވެގެން ފެންގަނޑުން މައްޗަށް އަރަމުންދާ ފުރާނަނެތް މަސްގަނޑުތަކެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް އެ ހަނދާންތައް އަހަރެންނާ ދުރަށްދާކަށް ޚިޔާލެއް ނުކުރެއެވެ.

އިރު، އަނދިރިގަނޑު ފޫއަޅުވާލާ އިރުވެސް އަހަރެން އިންނާނީ ހަމަ މި މޭޒު ދޮށުގައި ކޮންމެވެސް ފޮތެއް ކިޔާށެވެ. ދިގު ރޭތައް ކަނޑައްތުކުރަމުން ދަނީ މިފަދަ ގޮތަކަށެވެ. މިގޮތުން މިހާތަނަށް އެކި ވައްތަރު ވައްތަރުގެ ފޮތް ކީއްޖެއެވެ. އެކި ޒާތްޒާތުގެ ފިލްމާއި ސީރީސް ބެލިއްޖެއެވެ. އަހަރެންނަށް ވަގުތު ގިނަވެފައި ދަން ދިގެވެ. ސިކުނޑި ވަރުބަލިވެގެން ގޮސް މީހާ ވަރުދެރަވާއިރުވެސް ނިދި އަހަރެންނާއި މާ ދުރެވެ. ދެން ހެނދުނު ހޭލުމަށްފަހު މަސައްކަތާއިގެން ކުރިއަށް ދާންވީއެވެ. އަހަރެންގެ ލޮލުގެ ހިޔަންޏެކޭ، ލޯ ތިރީގައި ހެދިފައިވާ ކަޅު ވަށްބުރުތަކެކޭ އެއްވަރެވެ.

ނަމަވެސް މިކަމުގައި ކުރާނޭކަމެއް ނެތެވެ. ނިންޖަކީ އަހަރެން ދަންނަ އެއްޗެއް ނޫނެވެ.

*** ****

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ދިރިއުޅުމަށް އާ މޫނެއް ތަޢާރަފްވެއްޖެއެވެ. ރީތި ހިނިތުންވުމެއްގެ ވެރިއެކެވެ. ހީލާ ކޮންމެ ފަހަރަކު މުޅި ހިސާބުގަނޑު ދިއްލާލާ ކަހަލައެވެ. މޫނަށް އެޅޭ އަޑިކޮޅުން އަހަރެންގެ ހިތުގެ ވިންދު ހުއްޓުވާލައެވެ. ލޯ ކުޑަވެފައި އެ ބެލުމުގައި އަސަރެއްވެއެވެ. ކުލަ މާ އަލި ނޫނަސް ރީއްޗެވެ. އެ މޫނުގައި ވަނީ ޖާދުވީ ކަމެކެވެ. ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތުގައި އުދަބާންޏެއް އުފައްދާލި ކަހަލައެވެ.

މިއީ އަހަރެންގެ ދިރިއުޅުމުގައި މާ މުހިންމު މަގާމެއް ދެވޭނޭ މީހެެއްކަމަކަށް ކުރިންނެއް ނުދެކެމެވެ. އާދައިގެ ގޮތަކަށް ދިރިއުޅުމަށް އައި މީހެކެވެ. ވަޒީފާ އަދާކުރަމުންދާ އޮފީހަށް އަލަށް އައި ކުއްޖެކެވެ. ކަން ދިމާކުރި ގޮތުން މަސައްކަތުގެ ދާއިރާގައި ގިނަ ކަންތައްތައް އެކުގައި ކުރަން ޖެހި ރަހުމަތްތެރިކަން އުފެދުމަށް މަގުފަހިވީއެވެ.

އޮފީހުން ބަދަހިވާން ފެށި މި ގުޅުން، ކޮފީ މޭޒުތަކަށްވެސް ގެންދިޔައީމެވެ. ހަނދުވަރުދޭ ރޭތަކުގައި، ގޮނޑުދޮށުގެ ރާޅު ބީއްސާ ހިސާބުގައި އިށީނދެތިބެ ލައްކަ ވާހަކަތަކެއް ހިއްސާކުރެވުނެވެ. ހިތުގެ އެކިއެކި ހިސާބުތަކަށް ލައި ފޮރުވާފައިހުރި ސިއްރުތަށް ނަގާ ބައިވެރިޔާގެ އުނގަށް އަޅާލީމެވެ. ބިރުގަންނަ ކަންތަކާ އުފާވާ ހަނދާންތަކުގެ ތިޖޫރީ ހުޅުވާލީމެެވެ. ޅެން ބަހުރުވައިން ނޫން ނަމަވެސް ހިތުގެ ވިންދުތަކުގެ ރާގު ބަދަލުވެއްޖެ ވާހަަކަ ދެމީހުންގެ ދުލުކުރިއަށްވެސް ގެނެވިއްޖެއެވެ. އެހާ ހިސާބުން ފެށިގެން ދިޔައީ އަހަރެމެން ދެމީހުންގެ ލޯބީގެ ސާގާއެވެ.

ލޯބީގެ ގޮތުން މީގެ ކުރިންވެސް އަހަރެން މީހުންނާއި ގުޅުނީމެވެ. ދެތިން މަހަށް ވުރެ ކާމިޔާބެއް ނުވެއެވެ. މާ އަވަހަކަށް އަހަރެން ފޫހިވަނީއެވެ. އަހަރެންގެ އުދާސްތައް ކެކި އުތުރި އަރާ ދަން ގަނޑިތަކުގައި ލޯބިވެރިން ތިބެނީ އަރާމު ނިދީގައެވެ. ލޮލުން ކިތަންމެ ކަރުނެއް އޮހޮރުނަސް، އޭގައިން މިއިން މީހެއްގެ ހިތަށް އެއްވެސް އެއްޗެކޭ ނާރައެވެ. ދުވާލު ދިމާވުމުން އަހަރެން އެމީހުންނާ މެދު ދެކޭގޮތް ހުންނަނީ މުޅިންހެން ބަދަލުވެފައެވެ.

ނަމަވެސް މިއީ އެފަދަ މީހެއް ނޫނެވެ. އަހަރެންނަށް އެކަން އެނގުނީ ވިއްސާރަ ރެއެއްގައި އޮފީސް މީހުންނާއެކު ފިލްމެއް ބަލާލަން އެންމެން އެއްތަންވި ދުވަހެއްގައެވެ. ބަލާހިތުން ހުރި ފިލްމެކެވެ. ނިކުތްތާ މާ ގިނަ ދުވަހެއް ނުުވާނެއެވެ. ރަހުމަތްތެރިން އަންނަ ޚަބަރާއެކު ކާތަކެތިން ފްރިޖް ބަރާކޮށް ގޭތެރެ ތައްޔާރުކޮށްލީމެވެ. ފިލްމު ބަލަން އެންމެން ތިބީ އަހަރެންގެ ކޮޓަރީގައެވެ. އަހަރެން އިނީ ލޯބިވެރިޔާގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އެންމެން ތިބީ އެނދުގައެވެ. މިހެން އިންދާ ދުވަހަކުވެސް ނުވާ ކަމެއް ވެއްޖެއެވެ.

އަހަރެންނަށް ނިދިއްޖެއެވެ.

ދުވަހަކުވެސް ނުނިދޭހާ އަރާމު ނިންޖަކުންނެވެ. ހުވަފެނެއްގެ ރަހަ ނުލިބުނަސް، މީރު ނިންޖަކުންނެވެ. ހޭލެވުނު އިރު ހުރިހާ ރަހުމަތްތެރިންވެސް ތިބިތާ ތިއްބެވެ. އެންމެނަށް ވަނީ ނިދިޖެހިފައެވެ. އަހަރެންގެ ލޯ އަމާޒުވީ އަހަރެންގެ ލޯބިވެރިޔާއަށެވެ. އޭނާ އިނީ އަހަރެންނާ ދިމާލަށް ފުން ނަޒަރަކުން ބަލަހައްޓައިގެންނެވެ. އަހަރުތަކަކަށްފަހު ހަމަޔަށް ނިދާލެވުމުން އަހަރެން ހުރީ ކުޑަކޮށް އާޝޯހުވެފައެވެ. އޭނާގެ ބެލުމުގައި ވާ ތޫނު ކަމަކުން އަހަރެންނަށް އިސްޖަހާލެވުނެވެ. ނިދުނު ސަބަބެއް އެއްގޮތަކަށްވެސް ނޭނގުނެވެ. ނަމަވެސް ހިތްހަމަ ޖެހިއްޖެއެވެ. އަނެއްކާވެސް އަހަރެން އަނބުރާ ލޯބިވެރިޔާގެ އުނގުން ހިމާޔަތް ހޯދީމެވެ. ދެމީހުންގެ މެދަށް ވެރިވެގަތީ ހިމޭންކަަމެކެވެ. އަހަރެމެންގެ ދެމީހުންގެ ގުޅުންވެސް އިހުނަށްވުރެ ވަރުގަދަ ވި ކަމުގެ އިހުސާސު ދެމީހުންނަށްވެސް ކުރެވުނު ކަހަަލައެވެ.

އަހަރެންގެ ޑަކްޓަރު ގާތު އިހަކަށް ދުވަހެއްގެ ރޭ މި ހިނގާދިޔަ ކަންތަކުގެ ވާހަކަ ހިއްސާކޮށްލީމެވެ. ޑަކްޓަރު ބުނާގޮތުންނަމަ އަހަރެންގެ އިންސޮމްނިޔާއަށް އޮތް ޝިފާއަކީ އަހަރެންގެ ލޯބިވެރިޔާއެވެ. ބައެއްފަހަރު ބޭސްފަރުވާއިން ނުލިބޭ ކުރިއެރުން އެހެން އިންސާނެއްގެ ފަރާތުން ލިބިދާނެއެވެ. ނަފްސާނީ ބަލިތަކަކީ މިފަދައަކުން މަސައްކަތްކުރާ އެއްޗެކެވެ. ހަމަ އެކަނި ބޭސްފަރުވާއަކުން ސަލާމަތްކަން ހޯދުމަކީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެކޭ އޭނާ ބުންޏެވެ.

އޭނާގެ ވާހަަކަ އަަހަރެން ގަބޫލުކުރަމެވެ. އަހަރެން މިއީ އެކަމަށް ހުރި ހެއްކެކެވެ. ލޯބިވެރިޔާގެ ކޮނޑުމަތީ އެތަކެއް ފަހަރެއްގެ މަތިން ބޯ އަޅާލައިގެން އޮވެ ނިދިއްޖެއެވެ. ދުވަހަކުވެސް ނުނިދޭހާ ގަދަ ނިދިންނެވެ. ހުވަފެންތަކެއް އަހަރެންނަކަށް އުނދަގުލެއް ނުކުރެއެވެ.

އިރާދަކުރެއްވިއްޔާ ކައިވެނީގެ ގޮތުން ދެމީހުންގެ ގުޅިގެންދާކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.

މިހާރު އަހަރެންގެ ނިދި އަހަރެންނާ މާ ދުރުހެން ހިޔެއްނުވެއެވެ،

ނިމުނީ