ރޭގަނޑުގެ ހަމަހިމޭންކަން ފޫއަޅުވާލާ، އަހަރެންގެ ހަމަނިދި ދުއްވާލަނީ މަންމަގެ ގިސްލުމުގެ އަޑެވެ. ބައެއް ރޭރޭ މަންމައާއި ބައްޕަގެ އަރައިރުމުގެ އަޑަށް އަހަރެންނަށް ބޭރަށް ނިކުންނަން މަޖުބޫރުވެއެވެ. ފެނިގެންދަނީ ބަލަން ކެތްވާވަރުގެ މަންޒަރެއް ނޫނެވެ. މަންމައަށް އެހީގެ އަތެއް ފޯރުކޮށްދޭން އަހަރެންވެސް ބޭނުމެވެ. ހުރި ހަމައެކަނި ދަރިއަކީ އަހަރެންނެވެ. ކަމެއް ކުރެވުނަސް ކުރެވޭނީ އަހަރެންނަށެވެ. ނަމަވެސް ބައްޕަގެ ރުޅީގެ ކުރިމަތީގައި އަހަރެންގެ އަޒުމް ބަލިކަށިވެއެވެ. ބައެއް ފަހަރު އެ ބާރުގަދަ އަތުގެ ޝިކާރައަކަށް އަހަރެންގެ ހަށިގަނޑުވެސް ވެއެވެ. ވޭން އަޅާ ތަންތަނުގައި މަލަން އަޅާދޭން މަންމަ އަންނާނެއެވެ. އަހަރެންގެ ލޮލަށް ބަލާނުލާ އިނދެ އަހަރެންގެ ޒަޚަމްތަކަށް ސަމާލުކަން ދޭނެއެވެ. ދެމީހުންކުރެ އެކަކަށްވެސް ބަހެއް ބޭރުވާ ވަރެއް ނުވާނެއެވެ. މި ހަމަހިމޭންކަން އަހަރެމެން ދެމައިންގެ މެދަށް ވެރިކޮށްލީ ދުރުހިލޭ ކަމުގެ އިހުސާސެކެވެ.

އަހަރުތައް ވޭތަވަމުން ދިޔަ ވަރަކަށް މަންމައަކީ އަހަރެންނަށް ނުދަންނަ މޫނަކަށް ވެއްޖެއެވެ. ބައްޕައާ ދިމާލަށް އަހަރެންނަށް ނަފްރަތުގެ ނަޒަރަކުން ނޫނީ ބަލާނުލެވެއެވެ. ލޯތްބަކީ މިއީ ހެއްޔެވެ؟ އެކަކު އަނެކަކު ދެކެ ނަފްރަތުކުރުން ހެއްޔެވެ؟ ލިބޭ އަނިޔާއަށް ކެތްކުރުން ހެއްޔެވެ؟ އަމިއްލަ އަޑުގެ މައްޗަށް ލަދު އިސްކުރުން ހެއްޔެވެ؟ އެހެންވިއްޔާ އަހަރެން ލޯބިވާކަށް ބޭނުމެއް ނޫނެވެ. ލޯތްބަށް އަހަރެން ވަރަށް ސަލާމެވެ. ކައިވެންޏަކީ ހިތާމައާއި ވޭން ގެނުވާ އެއްޗެކެވެ. ހުހަށް ހުއްޓަސް ބޭނުންވާ އުފަލެއް ލިބިދާނެއެވެ. މުޅި އުމުރު ހިތާމައިގެ ކަނޑަކަށް ޢަރަގުކޮށްލުމަށްވުރެ އެގޮތްވެސް މާ ރަނގަޅެވެ.

އަހަރެންނަށް ލިބިފައިވަނީ ބައްޕަގެ ގޮތްދޫނުކުރުމާއި ރުޅިގަނޑެވެ. އެކަން އަހަރެންނަށް ބޮޑުވަމުން އައި ވަރަކަށް ފާހަގަވަމުން ދިޔައެވެ. އަވަސް އަވަހަށް ކުދި ކުދި ކަންކަމާ ރުޅި އިސްކުރެވެއެވެ. ބޭނުންވަނީ އެއްޗެއް ހަލާކުކޮށްލާށެވެ. ރުޅި އައީމާ އަހަރެންނަށް ކެތްކުރަން އުނދަގޫވެއެވެ. ދެއަތް ތުރުތުރު އަޅައެވެ. މީހަކަށް އަނިޔާއެއް ދިނުމަށް ފެންބޮވައިގަނެވެއެވެ. އަހަރެން ތަޖުރިބާކުރަމުން ދިޔަ މި ކަންތަކުގެ ސަބަބުން އަމިއްލަ ނަފްސު ދެކެ އިހުނަށްވުރެ ފޫހިވިއެވެ. އެ ނުލަފާ އިންސާނާގެ ކިބައިން ގޯސް ސިފައެއް ވިއްޔާ އަހަރެންނަށް މިހުރީ ލިބިފައެވެ. ދެން ފެންނާނީ އަހަރެންވެސް އަންހެނުންނަށް އަނިޔާކުރާ މަންޒަރު ބާވައެވެ؟ ނޫނެކެވެ. އަނިޔާކުރެވޭނީ މީހަކު އަހަރެންގެ އަމުރުގެ ދަށަށް ގެނެވިގެންނެވެ. އަހަރެން ކައިވެނި ނުކޮށްފިނަމަ އެއްވެސް މީހަކު މިފަދަ އަނިޔާއެއް ތަހައްމަލު ކުރާކަށް ނުޖެހޭނެއެވެ. މި ބަސްތައް އަހަރެންގެ ލޭގައި ދައުރުވާ އަޒުމަކަށް ހެދީމެވެ. ދުވަހަކުވެސް ލޯބި ނުވާން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އަހަރެންގެ އަމިއްލަ ހައްގުގައެވެ. ސަލާމަތްކުރެވޭނީ ދިރިއުޅުމެކެވެ.

އަހަރެންނަށް ވިސްނާނުލެވި އޮތް ކަމަކީ، ރުޅީގެ މައްޗަށް އެއްވެސް ބާރެއް ނޯންނަ ފަދައިން ހިތުގެ މައްޗަށްވެސް އަހަރެންގެ އެއްވެސް ބާރެއް ނުހިނގާ ކަމެވެ. އަހަރެންގެ ހިތަކީ ގޮތްދޫނުކުރާ ހިތެކެވެ. ބޯ ކިތަންމެ ހަރުނަމަވެސް ހިތް ފިސާރި މަކަރުވެރިއެވެ. ވިސްނާނުލާ ހުއްޓާ ލޯބިވެވުނީ ކާކުގެ ޒިންމާދާރުކަން ކުޑަވެގެން ހެއްޔެވެ؟ ހިތަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުން ހެއްޔެވެ؟ ނޫނީ ހަމަ ވިސްނުމަށް މާ ބޮޑަށް ބަރޯސާ ވެވުމުން ހެއްޔެވެ؟ ކޮންމެއަކަސް ލޯތްބާއި އެއް ހަމައެއްގައި އަހަރެންނަށް ހުއްޓިއްޖެއެވެ. ހިތުގެ ވިންދުތަކުގައި ކުއްޖެއްގެ ނަން ލިޔެވިއްޖެއެވެ. ސަމާހާއެވެ. އަހަރެންނަށް ސަމާހާ ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ.

އަހަރެންނަކީ މާ ރައްޓެހިން ގިނަ މީހެއް ނޫނެވެ. ގާތް ރަހުމަތްތެރިއެއްގެ މަގާމުގައި ހުންނަނީ ހައްސާން އެކަންޏެވެ. ގޭތެރޭގެ މަސްރަހު ހަލަބޮލިވާން ފެށުމުން ހިމާޔަތް ހޯދަނީ ހައްސާނުގެ ގޭގެ ހަތަރު ފާރުގެ ތެރެއިންނެވެ. އޭނާގެ މައިންބަފައިންނަކީ ހިތްހެޔޮ ބައެކެވެ. ދުވަހަކުވެސް އަރައިރުންވާ ތަނެއް އަހަރެން ނުދެކެމެވެ. އެމީހުންނަކީވެސް ކައިވެނިކޮށްގެން ތިބި ބައެކެވެ. އަހަރެންގެ މައިންބަފައިންނަށް އެހެން ނޫޅެވެންވީ ކީއްވެހެއްޔެވެ؟ ކޮންމެއަކަސް ހައްސާންގެ އާއިލާއާއި އަހަރެންގެ އާއިލާގެ މެދުގައި އުޑާއި ބިމުގެ ފަރަގު ހުއްޓެވެ. އަހަރެންނާއި ސަމާހާ އާ ދިމާވީވެސް ހައްސާންއާއި އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ.

ސަމާހާ އަކީ ހައްސާނުގެ ކޮއްކޮއެވެ. އެ ގެއަށް ގޮސް އުޅުމުގެ ތެރޭ އަހަރެމެން ދެމީހުންގެ މެދުގައި އެކުވެރިކަމުގެ ގުޅުމެއްވަނީ ބަދަހިވެފައެވެ. އެއީ މަޑުމައިތިރި ކުއްޖެކެވެ. އަހަރެންގެ ޚިޔާލުތަކަށް ކަނުލާ އަޑުއަހާ، އެއަށް ގަދަރުކުރާ ކުއްޖެކެވެ. އާއިލާ މައްސަލަތަށް ހައްސާނަށް ވުރެ ބޮޑަށް އަހަރެންނަށް ހިއްސާކުރެވެނީ ސަމާހާއާއެވެ. ގިނަ ވަގުތުތަށް ސަމާހާއާއެކު ހޭދަކުރެވެއެވެ. ބައެއް ފަހަރު ވާހަކަދެއްކުމުގައެވެ. އަނެއްބައިފަހަރު ބަހުޡްކުރުމުގައެވެ. އުޑުގައިވާ ތަރިތަކާއި، ގުރަހަތަކުން ފެށިގެން ބިމު އަޑީގައި އަނދަމުންދާ އަލިފާނާ ބެހޭގޮތުން ޚިޔާލު ބަދަލުކުރަމުން ދިޔައީމެވެ. އެއީ ފުޅާ ވިސްނުމެއްގެ ވެރިއެކެވެ. ފޮތް ކިޔުމަށް މަރުދޭ ކުއްޖެކެވެ. އޭނާގެ ފަރާތުން އަހަރެންވެސް ނޭނގޭ އެތައް އެއްޗެއް ދަސްކުރީމެވެ. މިހެން އުޅެނިކޮށް، ވިސްނާނުލާ ހުއްޓާ އަހަރެންގެ ވިހަ ގަދަ ރުޅީގެ މައްޗަށް ބާރު ފޯރުވޭ ހަމައެކަނި މީހަކަށް ސަމާހާ ވެއްޖެއެވެ. އޭރުވެސް ލޯބި އޮތީ އަހަރެމެން ދެމީހުންނާ ދާދި ދުރުގައެވެ.

މަތީ ސާނަވީ ގްރޭޑްތަށް ފުރިހަމަ ކުރުމަށްފަހު ސަމާހާ ދިޔައީ އިނގެރޭސިވިލާތަށް ކިޔަވާށެވެ. އަހަރެންވެސް ވަޒީފާއަކަށް ދާން ފެށީ ހަމަ އެ ދުވަސްވަރުއެވެ. ސަމާހާ ނެތުމުގެ ފަޅުކަން ހިތަށް އިހުސާސު ވެއެވެ. ދޭތެރެ ދޭތެރެއަކުން އޭނާގެ ހަނދާންތައް އަހަރެންގެ ވިސްނުން ފޫއަޅުވާލައެވެ. ބައެއް ފަހަރު އޭނާގެ ހުވަފެންތަކުން ނިދި ގެއްލުވާލައެވެ. ފުރޮޅި ފުރޮޅި އެނދުގައި އޮންނަން ޖެހޭ ރޭތައް ގިނަވެއްޖެއެވެ. ހީވާކަހަލައެވެ. ސަމާހާ އާ އެއްވަރަށް އަހަރެންގެ ނިދިވެސް އަހަރެންނާ އެހާމެ ދުރެވެ. އެންމެ ފަހުން ފޭސްބުކް އިން ވާހަކަ ދައްކަން ފެށީމެވެ. އަހަރެމެންނަކީ ކުރިން ފޭސްބުކް އިން މާ ވާހަކަ ދައްކާ އުޅުނު ބައެއް ނޫނެވެ. ދުވާލަކު ދެތިން ފަހަރު ދިމާވާއިރު އެއީ ބޭކާރު ކަމެއް ކަމުގައި އަހަރެން ދެކުނީމެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެއެވެ. ސަމާހާ ވަނީ އަހަރެންނާ އެތަކެއް މޭލު ދުރުގައެވެ. ކުރިން އަބަދު ފެނުނު މޫނު މިހާރު ފެންނާނީ އަހަރަކު އެއްފަހަރުއެވެ. އެ ޚިޔާލުން އަހަރެންގެ ހިތަށް އުނދަގޫތަކެއް ގެނުވިއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކާ މެދު އުފެދުނު މި ޝައުގުން އަހަރެންގެ ހިތަށް ބިރުވެރިކަން އިހުސާސުވިއެވެ. އަހަރެންގެ ބާރުގެ ދަށުން ރެކިގަންނަކަމުގެ އިހުސާސުވިއެވެ. ސަމާހާ އާ މެދު މި އުފެދުނު ޖަޒުބާތުގެ ރާޅުބާނީތައް ހިތުގެ އެއްކަނުން އަނެއްކަނަށް ފެތުރެން ފަށައިފިއެވެ. އިސާހިތަކު މުޅި ހިތް ސަމާހާގެ ރަހީނަކަށް ވެއްޖެއެވެ. އަހަރެންގެ ބާރުވެރި މުށުތެރެއިން ރެކި ގަތް އިރު ރޭކާވެސް ނުލައެވެ.

ޓައިމް ޒޯނުގެ ގޮތުން ރާއްޖެއާއި ލަންޑަންގައި މާ ބޮޑު ތަފާތެއް ނެތްކަން ނަސީބެކެވެ. އެހެންނޫންނަމަ ދުވާލުގެ ވަގުތުތަށް ވާހަކަ ދެއްކުމުގައި ހޭދަ ނުވީހެވެ. ހަނދުވަރުގެ އަލިކަން އުދަރެހަށް ފެތުރުމަށްފަހު ފޯނު ކޯލުތަކުން އަހަރެންގެ ހިތް ފަޅުފިލުވާނުލެވުނީހެވެ. މިގޮތުގައި ދުވަސްތައް ގުނަމުންގޮސް މަސްދުވަސް ވެއްޖެއެވެ. ފާއިތުވާ ކޮންމެ މަހެއް އަހަރެންނާއި ސަމާހާ ގާތް ކޮށްދެއެވެ. މިހާ ހިސާބަށް ކަންތައް ދިޔައިރު ދެމީހުންގެ ހިތުގެ ވިންދުގެ މިސްރާބު ހުރީ އެއް ދިމާލަކަށެވެ. އެކަމާމެދު އަހަރެންގެ ހިތުގައި އެއްވެސް ޝައްކެތްނެތެވެ. ލޯބި ހުށަހަޅަން ބޭނުންވިއެވެ. އަހަރެންގެ މިލްކަކަށް ހަދަން ބޭނުންވިއެވެ. ނަމަވެސް ސަމާހާ ހަމަލޮލުން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރީމެވެ. ޗުއްޓީއަށް އައުމުން އަހަރެންގެ ހިތުގެ އުދާސްތައް އޭނާގެ އުނގަށް ބަންޑުން ކޮށްލާނަމެވެ. އަހަރެންގެ ހިތް މިވީހާ ދުވަހު ކުޅެމުންދިޔަ ރާގު އިއްވަދޭނަމެވެ. ހިތުގެ އެންމެ ފުން މިނުން އަހަރެން އަޒުމް ކަނޑައެޅީމެވެ.

ފަހަކަށް އައިސް އަހަރެންގެ މޫނުމައްޗަށް ވެރިވެފައި ހުންނަ ހިނިތުންވުން މަންމައަށް ފާހަގަކުރެވެއެވެ. އަހަރެމެން އެކަކު އަނެކަކާ ވާހަކައެއް ނުދައްކަމެވެ. މަންމަ މަސައްކަތްކުރެއެވެ. ބައެއް ފަހަރު ކުދި ކުދި ވާހަކަތައް ކާ މޭޒުމަތިން ފަށައެވެ. ނަމަވެސް އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ހުއްޓާލައެވެ. ބައެއް ފަހަރު ނިދަން އޮންނަ އިރު އަހަރެންނަށް މަންމައާ މެދު ވިސްނެއެވެ. މަންމަގެ މައްޗަށް އަހަރެންގެ ހިތުގައި އުފެދިފައިމިވަނީ ކޮންފަދަ ރުޅިވެރިކަމެއް ހެއްޔެވެ؟ ރަނގަޅަށް ވިސްނާލާނަމަ މަންމައަކީ އެއްވެސް ކުށެއް ނެތް މީހެކެވެ. ބައްޕަގެ އަނިޔާގެ ދަލުގައި ޖެހިފައި ހުރި ނިކަމެއްޗެކެވެ. ފިރިމީހާގެ ފަރާތުން ލޯބި ނުލިބުނު ތާނގައި އަމިއްލަ ދަރީގެ ރުހުންވެސް ނުލިބުނެވެ. އެފަދަ އަނިޔާއެއް އެ ފުރާނައަށް ހައްގުހެއްޔެވެ؟ ނަމަވެސް އަހަރެން މަންމައަށް މައާފްކުރާކަށް އަދި ތައްޔާރެއް ނޫނެވެ. މައާފަށް އެދެންވީ ކޮން ކަމަކާ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ޅަ ދުވަސްތައް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީމާ ހެއްޔެވެ؟ ނޫނީ ބައްޕަގެ އަނިޔާތަކުން މިންޖުވާން މަސައްކަތްނުކުރީމަ ބާވައެވެ؟ މާ ފިނޑިވީމަ ހެއްޔެވެ؟ އަހަރެންނަށް ލިބުނު އަނިޔާތަކުން ސަލާމަތްކުރަން މަސައްކަތް ނުކުރީމާ ބާވައެވެ؟ ކޮންމެއަކަސް މަންމަގެ މައްޗަށް މި ހިތުގައިވާ ޝަކުވާތައް ފުދޭވަރަކަށް ގިނައެވެ. އެހާފަސޭހައިން މި ގިލަން ފިލައިގެނެއް ނުދާނެއެވެ. ސަމާހާ އަހަރެންނަށް ވަރަށް ނަސޭހަތްދެއެވެ. ނަމަވެސް އޭނާގެ ބަސްތައް އަހަރެންގެ ހިތާ ހަމައަށް ވާސިލްނުވާ ހަމައެކަނި މައުޟޫއަކީ މިއީއެވެ. އަހަރެންގެ މަންމަގެ ނަން އިވުނަސް ހިތުގެ ދޮރުތައް ވަގުތުން ބަންދުވެއެވެ. މަންމަގެ މައްޗަށް ހިތުގައި އުފެދުނު ރުޅީގެ ތޫފާން އެހާމެ ވަރުގަދައެވެ.

ޗުއްޓީއަށް ސަމާހާ މާލެ އަތުވެއްޖެއެވެ. ދުވަސްތަކަކަށްފަހު އަހަރެންނަށް އޭނާގެ މޫރިތި މޫނު ފެނުނު ވަގުތު ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ. އަހަރެން ހުރީ އަތުން ފެށިގެން ފަޔާ ހަމައަށް ފިނިވެފައެވެ. ހިތުގެ ތެޅުން އާދަޔާ ޚިލާފަށް ބާރެވެ. ސަމާހާއާއި ހަތަރު ކަޅި ހަމަކުރެވުނު ވަގުތު އެ ލޮލުގައި އަހަރެންނަށް އުފެދިފައި ހުރި ލޯބި ހާމަވެގެންދިޔައެވެ. އެ ކަޅީގައި ވަނީ ވިދުމެކެވެ. އެ ބެލުމުގައި ވަނީ އަހަރެންގެ ހިތަށް ހަންޖަރު ހަރާފަދަ އަސަރެކެވެ. ހަނދުވަރު ދޭ ރެއެއްގައި ރާޅު ބީއްސާ ހިސާބުގައި ތިބެ އަހަރެން ސަމާހާގެ އަތުގައި ހިފާލީމެވެ. އޭނާ އަހަރެންނާ ދިމާލަށް ބަލާލީ ފުން ނަޒަރަކުންނެވެ. ހިތް ބަންޑުން ކޮށްލެވުނީ ވިސްނާލާނެ ފުރުސަތެއް ނުލިބި ހުރެއެވެ. ސަމާހާގެ ކަންފަތް ބުޑުގައި މަޑުމަޑުން އިއްވަމުން ދިޔަ ޅެންތަކުން އޭނާ ރަކިވިއެވެ. މޫނު އަނބުރާލީ އެ ކޯތާފަތަށް ވެރިވި ޖަންބުކުލަ އަހަރެންނަށް ފެނިދާނެތީއެވެ. ސަމާހާގެ ދަތްދޮޅީގައި ހިފާ އަހަރެންގެ މޫނާ ދިމާލަށް އަނބުރާލީމެވެ. އަހަރެންގެ ހިތް އެދެމުންދިޔައީ އެ ތުނި ތުންފަތުގައި ބޮސް ދޭށެވެ. ތަރިތަކުގެ ބެބުޅުން ގަދަ، މި ރީތި ރޭ، އެ ހިތް އަހަރެންގެ ހިމާޔަތަށް ގެންނާށެވެ. ނަމަވެސް ސަމާހާ އަހަރެންނަށް ކޮށްލި އެންމެ ސުވާލަކުން ހިތް ކޯޅުމެއްގެ ތެރެއަށް ވައްޓާލެވިއްޖެއެވެ.

އަހަރެންނާ އިންނާނަން ހެއްޔެވެ؟

ސާދާ ސުވާލެކެވެ. ލޯބިވާ މީހަކާ ކުރުން ހުއްދަ ސުވާލެކެވެ. ނަމަވެސް އަހަރެންގެ ހިތް މުޅިން ކިލަނބުކޮށްލީ މި އާދައިގެ ސުވާލުންނެވެ. ޖަވާބު ވަރަށް ފަސޭހައެވެ. އަހަރެން ސަމާހާ ދެކެ ލޯބިވެއެވެ. މުޅި އުމުރު އޭނާއާއެކު ހޭދަކުރަން ބޭނުންވެއެވެ. އެ އުނގުގައި ބޯ އަޅައިގެން ނިދާލަން މި ހިތް އެދެއެވެ. އެ ހަށިގަނޑުން އުފާހޯދާ ހުވަފެން މި ލޯ ދެކެއެވެ. ދެން މިކަމުގައި އޮތީ ނުވިސްނޭ ކޮން ކަމެއް ހެއްޔެވެ؟ ޖަވާބު އޮތީ އަހަރެންގެ ދުލުކުރީގައެވެ. ނަމަވެސް އަހަރެންނަށް އެ ބަސްތައް ބޭރުކުރޭނޭ ހިތްވަރެއް ނުލިބުނެވެ. އަމިއްލަ ދިރިއުޅުމުން އިބުރަތް ހާސިލްކުރެވުނީ ބާވައެވެ؟ މައިންބަފައިންގެ ނާކާމިޔާބުވި ކައިވެނީގެ ރަހަ ލިބެން އަހަރެން ބޭނުން ނުވަނީ ހެއްޔެވެ؟ ކޮންމެއަކަސް ސަމާހާ އަށް އަހަރެންގެ ހިތުގެ ކޯޅުންގަނޑު ފަހުމު ވެއްޖެއެވެ. އަހަރެންގެ މޫނަށް އަރައި ފައިބަމުންދިޔަ ކުލަވަރު އޭނާ ދެނެގަނެފިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ތެދުވިއެވެ. ލަސްލަހުން ގައިގައި ހުރި ވެލިތައް ފޮޅާލުމަށްފަހު ހިނގައިގަތެވެ. އަހަރެންނާ ދުރަށެވެ. އަހަރެންނަށް އިނދެވުނީ ގަބުވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ފަހަތުން ދާން ބޭނުންވިއެވެ. އެ އަތުގައި ހިފާ އެ ހަށިގަނޑު އަހަރެންގެ މެޔާލާ ބޮނޑިކޮށްލަން ހިތް ގޮވަމުންދިޔައެވެ. ނަމަވެސް އެ ވަގުތު އަހަރެންނަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. ކަނޑުގެ ރާޅުތައް އައިސް ފައިބުޑަށް ބީއްސާލާ މަންޒަރަށް ގެއްލި އިނދެވުނެވެ. ހިތް ދިޔައީ ރޮމުންނެވެ. މިފަހަރު ހިތުގެ މައްޗަށް ސިކުނޑި ވެރިވެގަތީއެވެ.

ދަން ވަންދެން އަމިއްލަ ނާކާމިޔާބީއަށް ވިސްނަން އިނދެ ގެއަށް އައިސް ވަން އިރު ގޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އާންމުކޮށް އަހަރެންގެ އިންތިޒާރުގައި އިންނަ މަންމަ މިއަދަކު ފެންނާކަށް ނެތެވެ. ފޯނު ޖީބުން ނަގާ އަނެއްކާވެސް އޭގެ ސްކްރީނަށް ބަލާލީމެވެ. ބައްޕަގެ އެތަކެއް މިސްޑް ކޯލްތަކެއް ހުއްޓެވެ. ފޫހި ގޮތަކަށް އަހަރެން ފޯނު ސޯފާއަށް އެއްލާލީމެވެ. މަޑުމަޑުންގޮސް އަހަރެންވެސް ފޯނާއި ދާދި ގާތުގައި އިށީނދެލީމެވެ. ބޮލަށް ވެރިވެފައިވަނީ އާދަޔާޚިލާފު ތަދެކެވެ. އިރުކޮޅެއް ވަންދެން މި ހަމަހިމޭންކަމުގައި އަހަރެން އިނީމެވެ. އަހަރެންގެ ސަމާލުކަން ދަމައިގަތީ ރިންގުވާން ފެށި ފޯނެވެ. އަނެއްކާވެސް ބައްޕަގެ ކޯލެކެވެ. ލޯ މަރާލުމަށްފަހު ބައްޕައަށް ގޮވާލީމެވެ. ގެއަށް އައިސް ހުރިކަން އަންގާލާށެވެ. ނަމަވެސް ހަބަރެއް ނުވިއެވެ. އިންތަނުން ތެދުވާން ޖެހުމުން އެކަމާ ކިތަންމެ ފޫހިވިޔަސް ގޮސް ބައްޕަގެ ކޮޓަރި ދޮރުގައި ދެތިން ފަހަރު ޓަކި ޖަހާލީމެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލީ މަޑު މަޑުންނެވެ. ތަޅު ނުލާ ހުރުމުން ކުޑަކޮށް ހައިރާންވިއެވެ.

ކޮޓަރީގައި އެއްވެސް މީހެއް ނެތުމުން ސުވާލުތައް ގިނަވާން ފެށިއެވެ. މިފަހަރު ރިންގުވާން ފެށި ފޯނު އަހަރެންނެގީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެއޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އެކޮޅުން ވާހަކަ ދައްކަމުންދިޔައީ އަހަރެން އެމީހަކު ދެކެ އިންތިހާއަށް ނަފްރަތު ކުރާ އަހަރެންގެ ބައްޕައެވެ. ބުނި އެއްޗަކުން އަހަރެންގެ ހިތް ހުއްޓުވާލިކަހަލައެވެ. ދުވެފައި އަހަރެން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. ސައިކަލަށް އެރުމުގެ ކުރިން ހައްސާނަށް ގުޅާ އެ ހަބަރު ދިނީމެވެ. އޭނާވެސް އެބަ ދަމޭ ބުނެ ފޯނު ކަނޑާލިއެވެ.

އައި.ސީ.ޔޫ އާ ހަމައަށް އަހަރެން އެރި އިރު ބައްޕަ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެއްވެސް އެއްޗެކޭ ނުބުނު އަހަރެން އެ ހުދު ކޮޓަރީގެ ތެރެއަށް ވަދެގެން ދިޔައީމެވެ. ތެޅެމުންދިޔަ ހިތަކާއެކު އަހަރެން ބަލާލީ ކުރިމަތީ އޮތް މީހާއަށެވެ. މުޅި މޫނުގެ އެކި ތަންތަނަށް ވަނީ ހޮޅި ގުޅާފައެވެ. ކައިރީގައި އިން ހިތުގެ މޮނީޓަރު ދިޔައީ ލަސްލަހުން ހިނގަމުންނެވެ. އަހަރެން ގޮސް އިށީނީމެވެ. މަންމަގެ މަޑު މަޑު އަތް ނަގާ އަހަރެންގެ ހޫނު އަތުގެ ހިމާޔަތްކަން ދިނީމެވެ. މަންމަގެ ލޯ ހުޅުވުނެވެ. އަހަރެން ފެނި އެ ދެލޮލުން ކަރުނަ ފޯދާލިއެވެ. އަހަރެންގެ ލޮލުން އެއްވެސް ލަދެއް ނެތި ހޫނު ކަރުނަތައް ފައިބަމުންދިޔައެވެ. މަންމައާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާމެދު ދެރަވެ ގިސްލެވެއެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވެއެވެ. މަންމަ އަށް ހާޓްއެޓޭކް ޖެހެންވީ ހަމަ އަހަރެންނާއި ބައްޕަގެ އިހުމާލުންނެވެ. އެކަމުގައި އެއްވެސް ޝައްކެތްނެތެވެ. ރަނގަޅު ދަރިއަކަށް ނުވެވުނު ތާނގައި އަހަރެންނަށް ރަނގަޅު އިންސާނަކަށްވެސް ނުވެވުނެވެ.

މަންމަގެ އެންމެ ފަހު ނޭވާ ދޫކޮށްލީ އަހަރެންނަށް މައާފްކުރުމަށް ފަހުއެވެ. އަހަރެން މަންމަ ދެކެ ވާ ލޯބި ދުލުކުރިއަށް ގެނައީމެވެ. މިވީހާ ދުވަހު އުޅެވުނު ގޮތާމެދު ލަދުވެތިވާވާހަކަ ބުނެލީމެވެ. މަންމައަކަށް ވާހަކައެއް ނުދެއްކެއެވެ. ނަމަވެސް އެކި އެކި އިޝާރާތުން އަހަރެންނާ މުހާތަބުކުރަމުން ދިޔައެވެ. އެ ދެ ލޮލުން ފެނުނީ މައިވަންތަކަމުގެ ލޯތްބެވެ. އަހަރެންގެ މައްޗަށް މަންމަގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތްކަން އަހަރެންނަށް އެ ވަގުތު އެނގިގެންދިޔައެވެ. މައިންނަކީ އެފަދަ މާތް ބައެކެވެ. ކެތްތެރި ބައެކެވެ. އޯގާތެރި ބައެކެވެ. އަހަރެން އެކަން ހަނދާން ނައްތާލީ ކިހިނެއްހެއްޔެވެ؟

އައި.ސީ.ޔޫ އިން ނިކުތް އިރު ބައްޕަގެ އިތުރުން ހައްސާނު އާއި ސަމާހާ ބޭރުގައި ތިއްބެވެ. އަހަރެން ފެނުމާއެކު ސަމާހާ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. އެއާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔަ ކަހަލައެވެ. ކުޑަ ކުއްޖެއް ހެން އަހަރެން ރޯން ފެށީމެވެ. ސަމާހާގެ އުނގުގައި އޮވެ ހިތް ފުރެންދެން ރުއީމެވެ. އަހަރެންގެ އިހުސާސުތައް ބަންޑުން ކޮށްލީމެވެ. މުޅި ދުނިޔެއަށް އަހަރެންގެ ނިކަމެތިކަން ދައްކާލީމެވެ. ސަމާހާ އަހަރެންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ގިސްލަ ގިސްލާފައި އޭނާވެސް ރޮމުން ދިޔައެވެ. އެ ވަގުތު އަހަރެންނަށް ލިބުނު ބާރެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާގެ އުނގުން ބޯ ހިއްލާލުމަށްފަހު އަހަރެން އޭނާއާ ލޮލާ ލޯ ހަމަކޮށްލީމެވެ.

"މެރީ މީ."

އަހަރެން ކޮށްލީ ސުވާލެއް ނޫނެވެ. އަހަރެން ދިނީ ސުވާލަކުން ޖަވާބެކެވެ. ލަސްކުރާކަށް ބޭނުމެއް ނޫނެވެ. ވަގުތު ފާއިތުވާކަށް ބޭނުމެއް ނޫނެވެ. އަހަރެންނަކީ އަހަރެންގެ ބައްޕައެއް ނޫނެވެ. އަހަރެންގެ ފަރާތުން ސަމާހާއަށް އަނިޔާއެއް ނުލިބޭނެކަން ޔަގީނެވެ. ކަށަވަރެވެ. އެއަށްވުރެ އަހަރެން އޭނާ ދެކެ ލޯބިވެއެވެ. އެހެންކަމުން މި ކުޑަ ކުޑަ ބިރުގެ ސަބަބުން އަހަރެންގެ ހިތުގެ ބައިވެރިޔާ ދޫވެގެން ދާކަށް ނޭދެމެވެ. މަންމައާއި ވާހަކަ ދެއްކުމުން އަހަރެންނަށް ލިބުނު ހިތްވަރުގެ ބޭނުން ހިފާ ދުލުކުރިއަށް ގެނައި ބަސްތަކުން ސަމާހާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދާލިއެވެ. އޭނާ އަވަސް އަވަސް ބޯ ޖަހާލުމަށްފަހު އަނެއްކާވެސް އަހަރެން މެޔާލާ ބޮނޑިކޮށްލިއެވެ.

މަންމައަށް ނުދެވުނު ގަދަރު އަހަރެންގެ އަނބިމީހާއަށް ދޭނަމެވެ. އަހަރެން މަންމަ ގާތުގައި ކުރި ވަޢުދަށް އުމުރު ދުވަހު ކަމޭހިތާނަމެވެ. އެއީ އަހަރެންގެ އާ އަޒުމެވެ. ގެވެށި އަނިޔާއަކީ މި މުޖުތަމައުގައި އާންމު ކަމެކެވެ. ބަންދު ކޮޓަރިތަކުގައި ވޭނާއި ހިތްދަތިކަމުގައި ދުވަސްތައް ހޭދަކުރަމުންދަނީ ކިތައް އަންހެނުންނެއް ހެއްޔެވެ؟ ބައެއްފަހަރު ދަރިންގެ ހައްގުގައެވެ. އަނެއްބައިފަހަރު އަމިއްލަ ހައްގުގައެވެ. އަހަރެން ބޭނުމީ މި ބިރު މުޖުތަމައުން ކަނޑުވާށެވެ. އަހަރެންގެ އެކަނި މަސައްކަތުން މިކަމެއް ނުވާނެއެވެ. ނަމަވެސް އަހަރެން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާ ދަރިންގެ ފަރާތުން އައު ބަދަލެއް ފެންނާނެއެވެ. އެއީ އަހަރެންގެ އުއްމީދެވެ. އެއީ އަހަރެންގެ މަންމަގެ ހައްގުގައި ވާ ވައުދެކެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިޔާލު

    ހަމަ ހުވާ ރޮވިޖެއް..ވަރަށް އަސަރުގަދަ އިބްރަތްތެރި ރީތި ވާހަކައެއް މީ...

    16