ދިރިއުޅުމުގައި އަހަރެންނަށް ވަރަށް އަޖައިބުކުރަނިވި ކަންތަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.. އުމުރުން ހަތް އަހަރުގައި އާއިލާ މީހުންނާއެކު ތުރާކުނަށް ކުރި ދަތުރެއްގައި ދޯނި ކަނޑުމަތި އަޅައި، ހިތަށްވެސް ނާރުވާ ވަރުގެ ބިރުވެރި ކަމަކާއި ކުރިމަތިލާން ޖެހުނެވެ. އުމުރުން އެގާރަ އަހަރުގައި އާއިލާ މީހަކު ޖިންނި މޮޔަވެފައި ހުރެ ގަހަކަށް ފުއްމައިގެން އެރރި މަންޒަރު ހައިރާންކަމާއެކު އަހަރެން ދުށީމެވެ. އުމުރުން ސޯޅަ އަހަރުގައި ރައްޓެހިން ތަކަކާއެކު އަނބު ބިންނަން ވަތް ގެއަކުން އާދދަޔާޚިލާފް ހިޔަންޏެއް އެތަނުން މީހަކަށް ހަމަލާދިންތަން އަހަރެން ދެކުނީމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަހަރެންގެ ހިތަށް މިހާވަރެއްގެ ބިރުވެރިކަމެއް ނުވައްދައެވެ. އަހަރެންގެ އަތް ފައި މިވަގުތު ފިނިވެފައި ވާ ވަރަކަށް ފިންޏެއް ނުވެއެވެ. އަހަރެންގެ ދުލުގައި ގޮށްޖެހި ކިޔަންވީ ތަސްބީހައެއް ހަނދާން ނެތިފައި ހުންނާކަށް ނުޖެހެއެވެ.

ހިތް ތެޅޭވަރުން ތެޅެއެވެ. މޭ ފަޅާލައިފައި ނިކުމެދާނެހެންވެސް ހީއެބަވެއެވެ. ލޮލުން ފައިބަން އިންޒާރު ދެމުންދާ ކަރުނަތައް ހުއްޓުވޭތޯ އަހަރެން ހިތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔައީމެވެ. މި ހަނގުރާމައިގައި އަހަރެންގެ ހަމމަ ވިސްނުން ވަނީ އަހަންނާ އެއް ކޮޅަކަށް އަރާފައެވެ. ހަމައެކަނި ފުސް މޫނު ހަދާލާފައި ވަނީ ހިތެވެ. މިހާވަރު ވާންވީ ސަބަބެއް ނެތތެވެ. އަހަރެންގެ ލޮލުގެ ކުރިމަތީ ހުއްޓި އެހުރީ ބޮޑު ބިރެއް ނޫން ވިއްޔާއެވެ.

އެއް ކަކޫ މައްޗަށް ތިރިވެ އިން އަހްލާމްގެ ލޮލުން އަހަރެންނަށް ސިފަވަނީ ދިގު އިންތިޒާރަކަށް އައި ފޮނި ނިމުމުގެ ކާމިޔާބީއެވެ. އޭނާގެ އެއް އަތް ކަކޫ މަތީ އިތުބާރާއެކު ބާއްވާލެވިފާ ވާއިރު އަނެއް އަތުން ތުރުތުރު އަޅާ ހާލު ހިފަހައއްޓާލައިގެން އެ އިނީ ޖަވާހިރުލީ އަނގޮއްޓެކެވެ. ތުންފަތުގައި ކުރަހާލެވިފައިވާ ހިނިތުންވުމުގައި އާދޭހެއްވެއެވެ. އަހަރެން ދޭ ޖަވާބަކުން އެ ހިނިތުންވުމުގެ އަސަރު މުޅިންހެން ކެނޑިގެން ދިއުންވެސް އެކަށީގެން ވެއެވެ. އޭނާގެ ފަހަތުގައި މާމެލާ މެލީގެ ގުލްޒާރަކުން ""އަހަރެންނާ ކައިވެނި ކުރާނަންތަ؟" އިނގެރޭސިން ލިޔެވިފައިވާއިރު، އާއިލާ އާއި ގާތް ރަހުމަތްތެރިން މި ހަނދުވަރު ދޭ ރޭގައި އަހަރެމެން ދެމީހުންގެ ބައިވެރިން ގޮތުގައި އެއްވެ ތިއްބެވެ. އެންމެން ނޭވާ ހިފަހައްޓާލައިގެން ބަލަހައްޓައިން އެ ތިބީ އަހަރެންގެ މޫނަށެވެ. މި ކުޑަ އެއްވުމުގެ ތެރެއިން، ތަންކޮޅެއް ދުރުގައި ހުއްޓި ތިބި މެދު އުމުރުގެ ދެމަފިރިން އަހަރެންގެ ލޮލުގައި އަޅައިގަތެވެ.. އަހަރެންގެ ކޮންމެ ހަރަކާތަކަށް ޝައުގުވެރިކަމާއެކު ބަލަމުން ދިޔައިރު އެ ލޯތަކުގައި ވިދަމުންދާ ކަރުނަތައް ސާފުކަމާއެކު ފެނެއެވެ. މިއީ އަހަރެންގެ މައިންބަފައިން ދުވާލެއް ރޭގަނޑެއް ނުބަލާ ދެކެމުން އައި ހުވަފެނެކެވެ.

އަހަރެންނަށް މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސިދާނެ ހެއްޔެވެ؟

އަހަރެންގެ ލޯބީގެ އުދަރެސް ބަނަވެފައި އަނދިރިއެވެ. މި ދާއިރާގައި އަހްލާމްގެ ކުރިން ލިބިފައިވާ ތަޖުރިބާ ހިތިވެފައި ނާކާމިޔާބެވެ. ހިތް ދެވުނު މީހުންގެ ލިސްޓު މާ ދިގެއް ނޫނެވެ. ނަމަވެސް ލޯބިވި ކޮންމެ ފަހަރަކު ހިތް ބަންޑުން ވާ ވަރރަށް ލޯބިވީމެވެ. ކޮންމެ ފަހަރަކު ގުޅުން ކެނޑުމުން އާ އަޒުމަކާއެކު ހިތުގެ ދޮރުތައް ހުޅުވާލަމެވެ. އުއްމީދުކުރީމެވެ. އަދި މިހހިތަށް ފައިން އެރުމުގެ ބަދަލުގައި، އަތުން ނަގާ ފިރުމާލާނޭ ފަރާތެއް އަހަރެންގެ ދިރިއުޅުމަށް އަންނާނެއެވެ. ނަމަވެސް އަނިޔާ ފިޔަވާ އިތުރރު އެއްޗެއް މިހިތަކަށް ނުލިބެއެވެ. ހިތުގައި ޖަހަމުންދިޔަ މިސްރާބެއް ނެތް ވިންދުތަކަށް ބަރޯސާވެ ހުރެ އެޅުނު ފިޔަވަޅުތަކުން އަތުން ބީވެ ދިޔައީ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު އެކަންޏެއް ނޫނެވެ. ދިރިއުޅުމުގެ ބައިވެރިޔަކަށް ވާނޭ ފަރާތަކަށް ދޭނން ރައްކާކުރި އިއްފަތްތެރިކަންވެސް ނަގާލެވުނީއެވެ. ކުށްވެރިޔަކީ ސީދާ ގޮތަކަށް ބުނާނަމަ އަހަރެންނެވެ. މާ ފަސޭހައިނން ހެއްލެނީއެވެ. ހިތް މައުސޫމު ވެފައި ރާސްތާއިން ކައްސާލަން ފަސޭހައީއެވެ. ޅަ ސިކުނޑިއެއްގެ ވެރިއަކަށް ވީމައި ހެއްޔެވެ؟؟ ނޫނީ އިތުބާރު ކުރުމުގައި މާ ދޫދެވުނީ ހެއްޔެވެ؟

ކޮންމެގޮތެއްވިޔަސް ހެދުނު ޅަ އެއްޗެހިވެސް ބައިވަރެވެ.

ފުރަތަމަ ފަހަރަށް ފިރިހެނަކަށް އިތުބާރުކޮށް ހިތް ހިބަކޮށް ދިނީ ވިސްނުމުގައި މާ ބޮޑު ތެތްކަމެއް ނުވަނީސްއެވެ. އަހަރެންނަކީ އާދައިގެ ކުއްޖެކެވެ. މާ ގަޔާވާ، ޚާއްސަ ސިފައެއް އަހަރެންގެ ކިބައިގައި ވާ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ނަމަވެސް މި ބުނާ ފިރިހެން ކުއްޖަކު އަހަރެންގެ ދިރިއުޅުމަށް އައި ވަގުތުން ފެށިގެން އާދައިގެ އެއް ކަމެއްވެސް ނނުހިނގައެވެ. ފެންނަ ކުލަތައް ގަދަވެފައި ރީއްޗެވެ. އިވެން ފެށީ ލޯބީގެ ލަވަތަކާއި ޅެންތަކެވެ. އުޑުމަތީގައި ތަރި ގިނަހެން ހީވެއެވެ. ހަނދަށް ދެވެން ފެށި ސަމާލުކަން އިތުރުވިއެވެ. ވާރެއާ ތެމޭ ހިތްވިއެވެ. ރާޅު ބީއްސާ ހިސާބުގައި ހިނގާލުމަށް ހިތް އެދެން ފެށިއެވެ. ނަމަވެސް މިހުރިހާ ކަމެއްވެސް ފުރިހަމަ ވަނީ އޭނާ އާއެކުއެވެ. ފުރަތަމަ ފަހަރަށް ލޯބީގެ ރަހަ ދުލުކުރީގައި ޖެހުނުކަން ފަހުމްވީ އެހާ ހިސާބުންނެވެ. ބަހާރު މޫސުމުން ފެށުނު މި ލޯބީގެ ގިލަން ނިމިގެން އައީ ޚަރީފް މޫސުމުގެ ތޫފާނަކާއެކުއެވެ. ލޯބީގެ މައްޗަސް މިހިތް ކުރަމުން ދިޔަ އިތުބާރު އެއް މިޔަކަށް ފަނޑު ވިޔަސް އަހަރެން އުއްމީދު އާކުރީމެވެ. މިއީ އަދި ނިމުމެއް ނޫންތާއެވެ.

ފޭސްބުކް އިން އަހަރެން ކިޔާލި ލިޔުމެއްގައި ވެއެވެ. އުމުރުން އެކާވީސް އަހަރު ވާއިރު އެމީހަކު ދިރިއުޅުމުގެ ބައިވެރިޔާ، ނުވަތަ ސޯލް މޭޓް ވާނީ އެމީހަކާއި ދިމާވެފައެވެ. ޝައުގުން ފުރިފައިވާ ހާލު އަހަރެން އެ ލިޔުންކޮޅު ކިޔާ ނިމުނނުއިރު އަހަރެންވީ އެކަން ޤަބޫލު ކުރާ މީހަކަށެވެ. އޭރު އެކާވީސް ވާން މާ ގިނަ ދުވަހެއް ނެތެވެ. ވިސްނެން ފެށުނެވެ. އަނެއްކާ އެމީހަކު އަހަރެންގެ މުށުތެރޭ އޮވެ ބީވީ ބާވައެވެ؟ ނޫނީ އަހަރެންނަށް ދުވަހަކުވެސް އެ ބައިވެރިއަކު ނުލިބޭނެބާވައެވެ؟ އެކާވީސް ވާން ވަގުތު ކުޑަތަން ވެއްޖެއެވެ. މިހެން ހުއްޓާ މީހަކާ ދިމާވެއްޖެއެވެ. އަހަރެންނަށްވުރެ ދެތިން އަހަރު ދޮށީ މީހެކެވެ. ހިނިތުންވުމުގައި ޖާދޫއެއް ވެއެވެ. ބަސްމަގު ތަނަވަސްވެފައި މުއްސަންޖެވެ. ޅެން ބަހުރުވައިން އަހަރެން ހހެއްލާލީ މާ ބޮޑު އުނދަގުލަކާ ނުލައެވެ. ކުރރެހުންތެރިއެކެވެ. އެ ދެ އަތުގައި ވަނީ ހުނަރެވެ. ކޮންމެ ތަސްވީރެއްގައި ވާހަކައެއް ފޮރުވިފައިވާ ކަހަލައެވެ. މީނާގެ ލޯބީގައި އަހަރެން ގެނބިގެން ދިޔައީ ފަތަން ނޭނގޭ ހާލުއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. މިއީ އަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. އަހަރެންގެ ސސޯލްމޭޓެވެ. އެކާވީސް އަހަރު ފުރުނު އިރު އަހަރެންގެ އުއްމީދު ހާސިލްކުރެވިއްޖެއެވެ.

ކައިވެންޏާ ހަމައަށް ވާހަކަ ދިޔަ އިރު އަހަރެންގެ އަތުގައި ދެވެން އޮތް ހުރިހާ އެއްޗެއް އޭނާ އަށށް ހިބަކޮށް ދެވިއްޖެއެވެ. ހިތާއި ރޫހާއި، ޖިސްމު ވެސް ދުނިޔޭގެ މި ވަބާގައި ޖެހި ގުރުބާން ކުރެވިއްޖެއެވެ. އޮއްސިގެން ދާ ހަނދު ފަދައިނން ހީވެސް ނުކޮށް ހުއްޓާ އަހަރެންގެ ދިރިއުޅުމުން މީނާ ރެކިގެން ގޮސްދާނެކަމަކަށް އަހަރެން އުއްމީދެއް ނުކުރަމެވެ. ނަމަވެސް އާޚޚިރުގައި ކަންތައް ވީ ހަމަ އެހެންނެވެ. ކައިވެންޏަށް ހަފްތާއަކަށް ވެފައި ވަނިކޮށް އޭނާ އާއި ވާހަކަ ދެއްކެން އޮތް މަގެއް ވިއްޔާ ބަންދުވީއެވެ. ފޯން ނިއްވާލާ ނަމްބަރު ބަދަލުކޮށްލީއެވެ. އޭނާގެ ރަހުމަތްތެރިން ބުނާގޮތުގައި ފުރައިގެން ދިޔައީއެވެ. ދިޔަ ތަނެއް ނނޭނގޭ ތާނގައި އެހެން ކަންތައް ކުރި ސަބަބު ވެސް އަހަރެންނަށް ވަނީ ކަޝްފުވެފައެވެ. ކުރަން ބޭނުންވި ބައިވަރު ސުވާލުހުއްޓެވެ. ޝަކުވވާގެ ރާޅުބާނީތައް ހިތުގައި އުތުރި އަރަމުން ދިޔައެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނެތި އަހަރެންނަށް ޖެހުނީ ވިކަމެއް ނުވާކަމަށް ހަދައި ދިރިއުޅުމމާއިގެން ކުރިއަށް ދާށެވެ. އެއީ ކިހާ އުނދަގޫ ކަމެއް ކަން އިނގޭ ހެއްޔެވެ؟

ފިރިހެނުންނަށް ކުރި ދަގަނޑު އިތުބާރު ފީވެ، ދަބަރު ޖަހައިގެން ދިޔައީ އެފަހުންނެވެ. ނަފްރަތުގެ ހުޅޅު ރޯ ކުރަން ހިތުގެ އެކި ކަނުކަނަށް ދަރުއަޅާ ފުރީ އަހަރެންގެ މި ދެއަތުންނެވެ. ދުވަހަކުވެސް އެހެން ފިރިހެނަކަށް މި ހިތް ނުދޭން އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އަހަރުތަކަށް ވަންދެން އަމިއްލަ ނަފްސު ބިނާކުރުމުގެ މަސައްކަތް ކުރީމެވެ. ކިޔަވަން ބޭރަށް ގޮސް ހުރި ހުރުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ލައްކަ ފޭޑިއެއް ދަސްވިއެވެ. މީސްމީހުންގެ ގޮތްގަނޑާ، އެކި މިޒާޖުތައް ހިތުދަސްކުރީމެވެ. ފިރިހެނެއްގެ ފަރާތުން ދެން ކެއްސެއް ނުލިބޭ ވަރަށް ހަރުކަށި ކުރީމެވެ. ނަމަވެސް އަހަރުތަކަކަށްފަހު އަހަރެން މި ހުރީ ފިރިހެނެއްގެ ކުރިމަތީ ހުއްޓިއެވެ.

އިންތިހާއަށް ލޯބިވާ މީހެއްގެ ހާޒިރުގައެވެ.

މަންމަ ބުނެއެވެ. އެންމެން އެއް ގޮތެއް ނުވާނެއެވެ. ބައްޕަވެސް އެހުރީ ނޫން ހެއްޔެވެ؟ ބައްޕަ ކަހަލަ އެތަކެއް ފިރިހެނުން މި ދުނިޔޭގައި އުޅޭނެއެވެ. އަހްލާމްއަކީ ހަމަ އެފަދަ މީހަކަށް ވެދާނެ ނޫން ހެއްޔެވެ؟ ދެން މިކަމުގައި ފަސްޖެހެންވީ ކީއްވެ ހެއްޔެވެ؟ މިހާތަނަށް އަހްލާމް އާ މެދު ޝަކުވާއެއް ކުރަން ޖެހުނު ދަނޑޑިވަޅެއް އައި ހެއްޔެވެ؟ އަހްލާމް ތިޔަ ދިރިއުޅުމަށް އައި ފަހުން ހިނިތުންވުމުގެ އަސަރު ތިޔަ ތުންފަތުން ފިލައިގެން ދޭ ހެއްޔެވެ؟ އެންމެ ފަހަރަކުވެސް ތިޔަ ދެ ލޮލަށް ހިތާމައިގެ ކަރުނަ ވެރިކުރުވި ހެއްޔެވެ؟ އެންމެ ސިކުންތަކަށްވެސް ތިޔަ ހިތް ނަހަމަ ގޮތުގައއި ހުއްޓުވާލި ހެއްޔެވެ؟ ދެން ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟

ނަމަވެސް އަހަރެން ހުރީ ކިތަންމެ ވަރަކަށް ވެސް ބިރު ގަނެފައެވެ. އަހްލާމް އަށް އިތުބާރު ކުރެވެއެވެ. ނަމަވެސް އަހަރެން މުޅި ހިތުގެ އެންމެ ފުންމިނުން އިތުބާރު ކުރި މީހުންވެސް ކެހި ދީ ފިލައިފިއެވެ. އަހްލާމް އެހެން ވާނެ ބާވައއެވެ؟

ހަމަ ވިސްނުމުގެ މުށު ތެރެއިން ދުރުވެ، ހިތުގެ ޚިޔާލަކަށް އަހަރެން އެދުނީ އެންމެ ފަހުގެ ނިންމުން ނިންމަށް ތައްޔާރުވެ ހުރެއެވެ. ހިތް ބުންޏެވެ. ކުރިމަތިން ތިޔަ ފެންނަ އިންސާނާއަށް ބަލާލަބަލާށެވެ. އެ ދެލޮލުން އެ ފެންނަ ލޯބި ވަޒޒަން ކޮށްލަ ބަލާށެވެ. އެ ވަރުގަދަ އަތުން ތިޔަ ހިމަތޮޅި ހަށިގަނޑު ހިމާޔަތްކުރި ދުވަސސްތައް ހަނދާނަށް ގެނެސް ބަލާށެވެ. އެ އޯގާތތެރި ބެލުމުން ތިޔަ ހަރުކަށި ހިތް މަޑުކޮށްލި ދުވަސްތައް ހިތަށް ގެނެބަލާށެވެ. އެ މަޑުމޮޅި މިޒާޖުގައި ވާ ތަފާތުން އަމިއްލަ އަށް ނިކަން ހިސާބުކޮށްލާށެވެ. މިއީ ހަޔާތުގެ ބައިވެރިޔާ ނޫން ހެއްޔެވެ؟ ތިބުނާ ފަރިޝްތާ އަކީ މިއީ ނޫންހެއްޔެވެ؟

ފުން ނޭވާއެއް އަހަރެން ދޫކޮށްލީ ފިއްތައިގެން ހުރި އަތަށް ލުޔެއް ދީ، ދޫކޮށްލަމުންނެވެ. އަހަރެންގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. ޖަވާބު ވަރަށް ސާފެވެ. ލޮލުން ފައިބަން ހިފަހައްޓައިގެން ހުރި ކަރުނަތަކަށް އިޖާބަ ދިނީމެވެ. މިނިވަން ކަމާއެކު އޭގެ އަމިއްލަ ރާސްތާއެއް ހޯދުމަށެވެ. އަތް މަޑުމަޑުން އަހްލާމްގެ އަތް ތެރެއަށް ލާ ފިއްތާލީމެވެ. އޭނނާގެ މޫނުމަތި އިހުނަށްވުރެ އުޖާލަވެގެން ދިޔައެވެ. އެ ވަގުތު އަހަރެންގެ ހިތަށް ވެރިވީ ބުނަން ނޭނގޭ ކަހަލަ އިހުސާސެކެވެ. ހިތުގެ އެންމެ ފުން މިނުން މިއީ އަހަރެންގެ ލޯބިވެރިޔާ، އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އަހަރެންގެ ދިރިއުޅުމުގެ ބައިވެރިޔާ، އަހަރެންގެ ފަރިޝްތާ ކަމުގައި ނިންމީމެވެ. އަދި މަޑު އަޑަކުން އޭނާގެ ހިތް އެދެމުންދިޔަ ޖަވާބު ދުލުކުރިން ބޭރުކޮށްލީމެވެ.

އެއާއެކު ފެށިގެން ދިޔައީ އަހަރެންގެ ހަޔާތުގެ އެންމެ ފޮނި ސަފްހާތަކެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފޭސްބުކް އިން އަހަރެން ކިޔާލި ލިޔުމެއްގައި ވެއެވެ. އުމުރުން އެކާވީސް އަހަރު ވާއިރު އެމީހަކު ދިރިއުޅުމުގެ ބައިވެރިޔާ، ނުވަތަ ސޯލް މޭޓް ވާނީ އެމީހަކާއި ދިމާވެފައެވެ.

    މިފަދަ ކަންކަން ނޭނގޭނެ ﷲ ފިޔަވާ އެހެން ފަރާތަކަށް. މި އެއްޗެހި ގަބޫލުކުރުމަކީ ކުފުރެއް