އެމެރިކާގެ އިނޮއިސް އަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަންހެނެއް ކަމަށްވަ ޔުނިކް ކްލޭ އަކީ ތިން ކުދިންގެ މަންމަ އެކެވެ. އޭނާ އަށް އެންމެ ހަގު ދަރިފުޅު ލިބުނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.

"ޔޫޗިކާގޯ މެޑިސިން" ނަމަކަށް ކިޔާ ހޮސްޕިޓަލެއްގައި ކްލޭ ވިހޭއިރު ވެސް އޭނާ ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ނަމަވެސް ހާލަތު އެހައި ގޯހެއް ނޫނެވެ. ކްލޭ އަށް ކޮވިޑް-19 ޖެހިފައި ވީނަމަވެސް ހޮސްޕިޓަލުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން ކަމަށާއި އޭނާ ވިހެއުމުން ހޮސްޕިޓަލުން ދޫކޮށްލި ކަމަށް އާއިލާ އިން ބުނެއެވެ.

"އަހަރެންގެ ދައްތަ މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އަހަރެމެން ގަބޫލު ކުރަނީ. ދައްތަ އަށް ކޮވިޑް-19 ޖެހިފައި ވަނިކޮށް ހޮސްޕިޓަލުން ދޫކޮށްލި ސަބަބު ހޮސްޕިޓަލުން ސާފުކޮށްދޭން ޖެހޭ. އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެ." ކްލޭގެ އާއިލާ މެންބަރަކު ބުންޏެވެ.

ކްލޭގެ އާއިލާ އިން ބުނި ގޮތުގައި ކްލޭ އަކީ ކޮވިޑް-19 ޖެހިގެން ނުރައްކާ ވެދާނެ ފަދަ އިތުރު ބަލިތަކެއް ވެސް ތަހައްމަލް ކުރަމުން އައި މީހެކެވެ. އެހެންކަމުން އެމައުލޫމާތު ހޮސްޕިޓަލަށްދީ، ކްލޭ ހޮސްޕިޓަލްގައި ބާއްވައި ދިނުމަށް އެދުނު ކަމަށް އާއިލާ އިން ބުނެއެވެ. ނަމަވެސް އޭނާ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދޭން ޑޮކްޓަރުން ވަނީ ދެކޮޅު ހަދާފައެވެ.

ކްލޭ މަރުވީ ހޮސްޕިޓަލުން ދޫކޮށްލިތާ ހަފްތާއެއް ފަހުން، އޭނާގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައެވެ.

ކްލޭގެ މަރާއި ގުޅިގެން އެމެރިކާގެ މީޑިއާތަކުން ހޮސްޕިޓަލްގެ އޮފިޝަލުންނާއި ސުވާލު ކުރުމުން ބުނީ މަރުވި މީހާގެ އާއިލާއަށް ހޮސްޕިޓަލްގެ ފަރާތުން ތައުޒިއާ ކިޔާ ކަމަށާއި، ވަކި ބަލި މީހެއްގެ މައުލޫމާތު ހާމަ ކުރުމަކީ ހޮސްޕިޓަލްގެ ސިޔާސަތެއް ނޫން ކަމަށެވެ. އެހެންކަމުން ކްލޭގެ މަރާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު