ނިންޖަކީ ބައެއް ފަހަރަށް ވަޒީފާއަށް ދާ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައެވެ. ނިދީން ނުހޭލެވިގެން ވަޒީފާއަށް ނުނިކުމެވި، ބައެއް ހާލަތްތަކުގައި އެ މައްސަލައިގައި ވަޒީފާއިން ވަކިވާން ޖެހޭ ހާލަތު ދިމާވެފައިވާ މީހުންވެސް މަދެއް ނޫނެވެ. މިއީ އެފަދަ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވެދާނެއެވެ.

އިނގިރޭސިވިލާތުގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "އޮލީވިއާސް" އިން، މިހާރު ހުޅުވާލާފައިވާ ރަނުގެ މި ފުރުސަތަކީ ނިދާލައިގެން އާމްދަނީ ލިބޭ ވަޒީފާގެ ފުރުސަތެކެވެ. މި ވަޒީފާއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ވަކި ޚާއްސަ ޝަރުތުތަކެއް ވެސް ނެތްއިރު، ވަޒީފާގެ މަސްއޫލިއްޔަތަކީ މައިގަނޑު ގޮތެއްގައި ނިދުމެވެ.

"އޮލީވިއާސް" އިން މި ފުރުސަތު ހުޅުވާލާފައި ވަނީ، އެ ކުންފުނިން ވިއްކާ އެނދުގެ ކްއެލިޓީ ހިފެހެއްޓުމުގެ ގޮތުން، އެނދުތައް ޓެސްޓު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން މި ވަޒީފާ ލިބޭ މީހަކަށް، އެ ކުންފުނިން ތަޢާރަފްކުރާ ކޮންމެ އެނދެއްގައި ނިދާލުމުގެ ފުރުސަތު ލިބެއެވެ.

އެ ކުންފުނިން ބުނާގޮތުން، މި ވަޒީފާގައި އަދާކުރަން ޖެހޭނެ ކަމަކީ ކުންފުނިން އުފައްދާ އެނދުތަކުގައި ނިދައި ކަނޑައެޅޭ ވަކި މުއްދަތެއް ވަންދެން އެގޮތުގައި އެނދު ބޭނުންކޮށް އެނދާއި ގުޅޭގޮތުން ޚިޔާލު ދިނުން ކަމަށެވެ. އެ ޚިޔާލުތައް ބަލާނީ ކުންފުނިން ކުރިޔަށް އޮތްތަނުގައި ނެރޭ އެނދުތައް އިތުރަށް ފުރިހަމަކޮށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށް "އޮލީވިއާސް" އިން ބުނެއެވެ.

"އޮލީވިއާސް" އިން ބުނާގޮތުން، އެ ކުންފުނީގެ އެނދުތައް ޓެސްޓު ކުރުމުގެ ވަޒީފާއަށް ނިކުންނަ ފަރާތަކަށް އެއިން އެނދެއްގައި ނިދާލާ ކޮންމެ ގަޑިއިރަކަށް 60 ޕައުންޑް ނުވަތަ 74 އެމެރިކާ ޑޮލަރު ލިބޭނެއެވެ. އަދި ކޮންމެ މަހަކު އެ ކުންފުނީގެ ދެ އެނދު އެމީހަކަށް ޓެސްޓު ކުރުމަށްޓަކައި ލިބޭނެ ކަމަށްވެސް ކުންފުނިން ބުނެފައި ވެއެވެ.

އެ ކުންފުނިން މިހާރު މި ވަޒީފާއަށް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ހުޅުވާލާފައި ވާއިރު، ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ރަނގަޅަށް ލިޔަންކިޔަން ދަތުމާއި ނުނިދުމުގެ މައްސަލަ ދިމާވެފައިވާ މީހަކަށް ނުވުމެވެ.

"އޮލީވިއާސް" އިން ބުނާގޮތުން، ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ ސަބަބުން އެ ކުންފުނީގެ އުފެއްދުންތަކަށް އަންނަނީ ޑިމާންޑު ބޮޑުވަމުންނެވެ. އެހެން ކަމުން މި ދަނޑިވަޅުގައި ކުންފުނިން އުފައްދާ ތަކެތީގެ ފެންވަރު އިތުރަށް ރަނގަޅުކޮށް އެގޮތުގައި ހިފެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށް ކުންފުނިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާރިފް

    ވަޒީފާގެ ފުރުސަތު : މަސްއޫލިއްޔަތަކީ ނިދުން

    ބޭނުންވާ އަދަދު:
    01

    މަޤާމުގެ ޝަރުޠުތައް:
    ކޮވިޑް ރޯނގާ ޖެހި ރަނގަޅު ވެފައިވުން |

    ހުށަހަޅަންޖެހޭ ލިޔުންތައް:
    ކޮވިޑް ރޯނގާ ޖެހި ރަނގަޅުވީ ކަމުގެ ސެޓްފިކޭޓް , އެއްމެފަހުން ހެދި 2 ޓެސްޓް ނައްސި ވިކަން އިންގޭނެ ލިޔުން