އިއްޔެގެ ވަގުތެއްގައި ޕާކިސްތާނުގެ ކަރާޗީގެ އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓުން ދަތުރު ކުރި މީހުންގެ ތެރެއިން މިހާތަނަށް 97 މީހަކު މަރުވެފައިވާ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. މި ހާދިސާއިން ސަލާމަތްވެފައި ވަނީ މަދު ބަޔެކެވެ.

މިއީ މިހާދިސާގައި ސަލާމަތްވެފައިވާ އުމުރުން 24 އަހަރުގެ މުހައްމަދު ޒުބެއިރު އަށް އެމަންޒަރު ސިފަވި ގޮތުގެ ވާހަކައެވެ.

ހުކުރު ދުވަހު ވެއްޓިފައިވާ އެގައުމުގެ އެ ފަލައިޓަކީ ލާހޫރު އިން ކަރަޗީއަށް ދަތުރު ކޮށްފައިވާ ފްލައިޓެކެވެ. ފްލައިޓް ވެއްޓިފައިވަނީ ދެ އިންޖީނު ފެއިލް ވެގެން ކަމަށް އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

ކަރަޗީ އަށް ފްލައިޓް ވެއްޓުނު ވަގުތު އޭގެ ފިޔައިން ޖެހި އިމާރާތްތަށް ބުރިކުރަމުން، މުޅި ހިސާބުގަނޑުގައި އަލިފާން ރޯވެގެން އައި ކަމަށް މުހައްމަދު ޒުބެއިރު ވަނީ ބުނެފައެވެ.

ޒުބައިރަކީ އެ ފްލައިޓްއިން ދަތުރު ކުރި މީހެކެވެ. އޭނާ ބުނީ، ފްލައިޓް ވެއްޓެމުން ދިޔަ ވަގުތު އިވެމުންދިޔައީ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ރުއިމުގެ އަޑެވެ. އެންމެންވެސް ތިބީ ގޮތްހުސްވެ ހާސްވެފައެވެ.

"މުޅި ފްލައިޓްގައި އިވުނީ އެންމެން ރޯ އަޑު. އެންމެން އުޅުނީ ސަލާމަތްކަން ހޯދަން. ސީޓު ބެލްޓް ނައްޓާލަފައި އަލި ކަމެއް ފެނުމުން ހިނގައި ގަތީ. ވަކި ހިސާބަކުން ފުންމާލިން." ޒުބައިރު ބުންޏެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެ ހާދިސާގައި އޭނާގެ ހަޑިގަނޑު ވަރަށް ބޮޑަށް އަނދާފައިވީ ނަމަވެސް ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

"ހޭވެރިކަމަށް އައިއިރު މުޅި ތަނުން ފެނުނީ އަލިފާން. އިމާރާތްތައްވެސް ވަނީ ބިމާއި ހަމަވެފައި، އެއްވެސް މީހަކު ފެންނާކަށް ނެތް" ޒުބައިރު ކިޔައިދިނެވެ.

މި ހާދިސާއާއި ގުޅިގެން އެހިސާބުތަކުގެ ހޮސްޕިޓަލްތައް ކުއްލި ހާލަތަކަށް ގެނެސްފައިވާއިރު، މިހާތަނަށް އެ ހާދިސާ ހިނގި ސަރަހައްދުން 97 ހަށިގަނޑެއް ހޯދާފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ. މީގެ ތެރެއިން 78 މީހަކު ސިފަ ވަކިކުރަން ނޭގޭ ވަރަށް އަނދާފައިވާ ކަމަށް އެފަރާތްތަކުން ބުނެފައެވެ.