ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާ ކުރުމަށް، އިސްލާމީ މިންގަނޑުތަކާއި އެއްގޮތް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގައި ކުރަމުންދާ ކަން އެޤައުމުން ހާމަކޮށްފިއެވެ.

މި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ ޖެއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީގެ ސައިންސްވެރިންނާއި ކިންގް އަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ، "ސައުދީވެކްސް" ގެ ތަޖުރިބާކާރުން ގުޅިގެންނެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ސައިންސްވެރިއެއް ކަމަށްވާ ޑރ. އަންވަރު ހާޝިމް ނޫސްތަކުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށްޓަކައި ނިއުޓްރިއެންޓް ބޭނުންވާ ދިރޭ ސެލް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ސެލް ބޭނުން ކުރާކުރާނީ އިސްލާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި، އޫރުގެ ހަށިގަނޑުން ނަގާ ބައިތަކާއި އެނޫންވެސް ދީނުގައި ކައިބޮއެ އުޅުން ޙަރާމް ތަކެތި މި ވެކްސިން އުފެއްދުމަށް ބޭނުން ނުކުރާނެ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.

މި ވެކްސިނާއި ގުޅޭގޮތުން، ސައުދީގެ ފުރަތަމަ ޕްރައިވެޓް ވެކްސިން ކުންފުނި، "ސައުދީވެކްސް"ގެ ފަރާތުން މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރ މާޒިން ހައްސާނައިން ވިދާޅުވީ ދީނުގެ މިންގަނޑުތަކާއި އެއްގޮތަށް މި ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ، ދީނީ ސަބަބުތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ވެކްސިން ޖަހަން ބޭނުން ނުވާތީ ކަމަށެވެ.

"ދީނާއި ފުށު އަރާފަދަ ގޮތަކަށް ހަދާފައިވާ ވެކްސިން ބޭނުން ކުރުމަށް މުސްލިމުން ނޭދޭނެ. އެހެންކަމުން ދީނީގޮތުން ހުއްދަ ލޭބަލް ޖަހާފައިވާ ވެކްސިނެއް އުފެއްދުމަކީ މިފަދަ ދަނޑިވަޅެއްގައި ވަރަށް މުހިންމު ކަމެއް،" އިސް ތަޖުރިބާކާރަކު ނޫސްތަކުގައި ބުނެފައި ވެއެވެ.

ސައުދީން ކޮވިޑް-19 ގެ ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައި ވާއިރު، ދުނިޔޭގެ އެކި ޤައުމުތަކުގައި ސަތޭކައަށްވުރެ ގިނަ ވެކްސިން މި ބައްޔަށް އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ހާމަކޮށްފައި ވެއެވެ. މީގެ ތެރެއިން ބައެއް ވެކްސިންގެ ކްލިނިކަލް ޓްރަޔަލް ފެށިފައިވީނަމަވެސް މިހާތަނަށް މިއިން އެއްވެސް މަސައްކަތެއް ނިމުމަކާއި ހަމައަށް އައިސްފައި ނުވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައި ވާއިރު، މި ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ނުހޯދިއްޖެ ނަމަ ދުނިޔެއަށް އަރައިނުގަނެވޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވާނެއެވެ.

ތަޖުރިބާކާރުން ލަފާކުރާގޮތުން ކޮވިޑް-19 ގެ ވެކްސިނެއް އެންމެ އަވަހަށްވެސް ކާމިޔާބުވެ ބޭނުންކުރަން ފެށޭވަރު ވާނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުހައްމަދު

    ކުއްތާވެސް ހަރާމް، އެކަމަކު އެއެއްޗެހި ބޭނުން ހިފޭނެ ގޮތް ވެސް ދީނުގައި އޮންނަކަމަށްވަނީ!

    2
    4
  2. މޮގޮމޮބޯ

    ތިވެކްސިން ދުވަހަކުވެސް ކަލޭމެންނަކަށް ނުއުފެއްދޭނެ.

    6
    3
    • ޟަގޭ

      ކަލޭތީ ބޮޑު ޖާހިލެއްތަ؟ ﷲ އައްޓަކާ ކަމެއްދޫކޮއްލައިފިނަމަ އެއްވުރެ މާ ހެޔޮގޮތެެއް ދެއްވާނެ.

      6
      1
  3. މޫސަ

    ޥެކްސިން އުފެއްދުމަކީ ވަރަށް ހެޔޮކަންބޮޑުވެގެންވާކަމެއްބާ؟

    5
    1
  4. ޖޯކު

    މަވެސް މިހިރީ ތިޔަ ވެކްސީން ހަދާ ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި. އަލްހަމްދު. މާޝާﷲ

  5. އިޒްރައިލް

    ތިޔަ މީހުންނަށް އުފެއްދުނު ވެކްސިނެއް ފެނުނު އެއްވެސް ލޮލެއް ދުނިޔޭގައިވޭތަ؟

  6. މީ

    މާޝާﷲ