ނުރައްކާތެރި ކޮވިޑް-19 އަކީ ވައިގެ ޒަރިއްޔާއިން ވެސް ފެތުރޭ ބައްޔެއް ކަމަށާއި، އެކަމަށް ހެކި ލިބޭ ހޯދުންތައް ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

32 ޤައުމެއްގެ 239 ސައިންސްވެރިންގެ ދިރާސާއިން ހޯދިފައިވާ މި ހޯދުމާއި ގުޅިގެން އެމެރިކާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުން، މި ބަލި ވައިގެތެރެއިން ފެތުރުމުގެ ފުރުސަތު އޮތުމަކީ އޭގެ ނުރައްކާ ކުރިން ބެލެވިފައިވާ ވަރަށްވުރެ އިތުރުވެގެންދާ ކަމެކެވެ. އެހެންކަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރިން ނެރެފައިވާ މިންގަނޑުތައް އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް ސައިންސްވެރިންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.

ވައިގެ ތެރެއިން ކޮވިޑް-19 ފެތުރޭ ކަމަށް ބުނަމުންދިޔަ ބުނުން މީގެ ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ވަނީ ދޮގުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ، މި ބަލި ފެތުރެނީ، ބަލި ޖެހިފައިވާ މީހެއްގެ ނޭފަތުން ނުވަތަ އަނގައިން ސީދާ އެނޫން މީހެއްގެ ހަށިގަނޑަށް ވައިރަސް އަށް މެދުވެރިކުރާ މާއްދާއެއްގެ އަސަރު ކުރުމުން ކަމަށެވެ.

ސައިންސްވެރިންގެ ފަހުގެ ހޯދުންތަކާއި ގުޅިގެން އެފަރާތްތަކުން ވަނީ ސިއްޙަތު ޖަމިއްޔާއަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އެ ސިޓީގައި ދިރާސާގެ ހޯދުންތައް ހިމަނާފައި ވެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސިއްޙަތު ޖަމިއްޔާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސައިންސްވެރިން ބުނެފައިވަނީ ގޮތުން ކޮވިޑް ޖެހިފައިވާ މީހަކު ކުޑަ ކޮޓަރިއެއް ނުވަތަ އެނޫންވެސް ބަންދު ތަނެއްގައި ހުރެ ކިނބިހި އަޅައި ކެއްސާނަމަ، އެތަނުގެ ވައިގެ ތެރޭގައި މި ބައްޔަށް މެދުވެރިކުރާ ވައިރަސް ފެތުރިފައިވެދާނެކަން ހޯދުންތަކުން ހާމަވާ ކަމަށެވެ. އެހެންކަމުން މި ބައްޔަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަން އެކަމުން ހާމަވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޮވިޑް-19 އަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއްތޯ ބެލުމަށް މީގެ ކުރިންވެސް ދިރާސާތަކެއް ކުރެވުނެވެ. ނަމަވެސް މިއީ މިކަމާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ ސައިންސްވެރިން ބައިވެރިވެ، އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދިޔަ ދިރާސާކަން ފާހަގަކޮށްލެވެއެވެ.

ވައިގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރޭކަމުގެ ހެކި ހޯދިފައިވާކަމަށް ސައިންސްވެރިން ބުނެފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިމުން

    ރާއްޖޭގެ ބޯޑަރު ހުޅުވައިގެން ހަލާކުގެ ތެރެއަށް ވެއްޓުން ނޫން ކަމެއް ލާދީނީ ކިނބޫ ނުކުރާނެ...

    26
    6
  2. Elena

    Hama aslu ves ey
    Maves hama hairaan vehje mi meehunge gamaru kamun ?

    8
    2
  3. އަބްދޫ

    ކުރިންވެސް ތިވާހަކަ ބައެއް ގައުމުތަކުގެ ސައިންޓިސްޓުން ބުނި އެމީހުން ބުނީ ކިބިހި އެޅުމުން ބުރައިގެންދަ ތިކިތަކުގައި 3 ގަޑިއެއް އާއިރު ވައިގެތެރޭގަ ހުންނަކަމަށާ ކިބިހީގެ ޒަރީއާއިން ވައިރަސް 9 ފޫޓަށް ދަތުރު ކުރާކަމަށް އެވާހަކަ ގަބޫލު ނުކޮށް 3 ފޫޓް ހޯދީ ކޮންތާކުންކަމެއްނޭގެ އަދި ބަލި މުޅިންރަނގަޅުވާން 27 ދުވަސް ނަގާކަމަށް އެހާދުވަހަށް ބަލަންޖެހެކަމަށް ވެސް ނޫސްތަކުން ފެނުނު.

  4. އަބްދޫ

    ރަނގަޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ސިއްހިއެހީތެރިންނަށް ސަރުކާރުން ފޯރުކޮށްދިންނަމަ 2 މަސްތެރޭ މާލެއްން ވައިރަސް ފިލުވަލެވުނީސް.