އިންޑިއާގެ ޓީވީ އެކްޓަރ ރަންޖަން ސެހްގަލް މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް ފެއިލްވެގެންނެވެ.
ޕަންޖާބްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވިިއިރު، އޭނާ ވަރަށް ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އުމުރުން 36 އަހަރުގައި ރަންޖަން މަރުވިއިރު، އޭނާއަކީ މަޝްހޫރު ޝޯވއެއް ކަމަށްވާ ކްރައިމް ޕެޓްރޯލްގައި މަސައްކަތްކޮށްފައެވެ. އަދި މީގެ އިތުރުން، ގުސްތާޚް ދިލް އިންނާއި، ތުމް ދީނާ ސާތް މެރާ، ސަބްކީ ލަޑްލީ ބެބޯ، ކުލްދީޕާކް ފަދަ ޝޯވތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ރަންޖަން އުޅުނީ ކޮސްޓިއުމް ޑިޒައިނާ ނިވްޔާ އާއި ކައިވެނިކޮށްގެންނެވެ.
ރަންޖަން ބޮލީވުޑްއަށް ވަދެފައި ވަނީ ސަރްބްޖިތް ފިލްމުންނެވެ. އެ ޑްރާމާގައި އައިޝްވާރިޔާ އާއި ރަންދީޕް ހޫދާވެސް ފެނިގެން ގޮސްފައި ވެއެވެ. މީގެ އިތުރުން، ރަންޖަން ވަނީ ޝަހްރުކް ޚާންގެ ޒީރޯއިންވެސް ފެނިގެން ގޮސްފައެވެ.
މީގެ އިތުރުން، އޭނާ ވަނީ ޕަންޖާބްގެ ގިނަ ފިލްމްތަކުގައިވެސް މަސައްކަތްކޮށްފައެވެ.
މި ފުރަބަންދު ތެރޭގައި އިންޑިއާގެ އެންޓަޓެއިންމެންޓް ދާއިރާގައި މަސައްކަތް ކުރާ ގިނަ އެކްޓަރުންތަކެއް ވަނީ މަރުވެފައެވެ. ބައެއް މީހުން މަރުވެފައި ވަނީ އަމިއްލައަށެވެ.