އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ "ޓިކް ޓޮކް" އެޕްލިކޭޝަނާއި ވަރަށް ދެކޮޅު މީހެކެވެ. މިހާރު ވެސް ވަނީ ޓިކް ޓޮކް އެމެރިކާގައި ބޭނުން ކުރުން މަނާ ކުރުމަށް ރިޔާސީ ޤަރާރެއް ނެރެފައެވެ. ޓްރަމްޕްގެ ރިޔާސީ ޤަރާރު ބުނާ ގޮތުން 90 ދުވަސް ތެރޭގައި ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކައި ނުލައިފިނަމަ ޓިކްޓޮކް އެމެރިކާގައި ބޭނުން ކުރުން މަނާ ވާނެއެވެ.

ޓިކްޓޮކް މަނާ ކުރުމުގެ މަސައްކަތް ޓްރަމްޕް ފަށާފައި ވާއިރު ޓިކްޓޮކް އާއި ވާދަކުރުމަށް އެހެން އެޕްލިކޭޝަންތައް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް އެޕްލިކޭޝަނަކީ "ޓްރެއިލާ" އެވެ. ޓްރަމްޕް ވެސް މިހާރު ވަނީ ޓްރެއިލާ ބޭނުން ކުރަން ފަށާފައެވެ.

ނޮވެމްބަރ 03 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށްޓަކައި ޓްރަމްޕް ވަނީ ކެމްޕޭން ވީޑިއޯއެއް ޓްރެއިލާގައި އާއްމު ކޮށްފައެވެ. ޓްރަމްޕްގެ ޓްރެއިލާ އެކައުންޓް ވެސް މިހާރު ވަނީ ވެރިފައި ކޮށްފައެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރެއިލާގައި ކެމްޕޭން ކޮށްގެން ޓްރަމްޕަށް މާބޮޑު މަގުބޫލު ކަމެއް ނުލިބޭނެއެވެ. ޓްރެއިލާ އަށް ވުރެ ޓިކްޓޮކް ބޭނުން ކުރާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރެވެ. ޓިކްޓޮކް ޑައުންލޯޑް ކޮށްފައިވާ މީހުންގެ އަދަދު މިހާރު ދެބިލިއަނަށް އަރައެވެ.

https://twitter.com/TaylorLorenz/status/1294732169349337089

އެމެރިކާގައި ޓިކްޓޮކް މަނާ ކުރަން ޓްރަމްޕް މަސައްކަތް ކުރަމުން ގެންދާއިރު ޓިކްޓޮކް ގަންނަން މައިކްރޯސޮފްޓުން ދަނީ މަޝްވަރާތައް ކުރަމުންނެވެ. އަދި ޓްވިޓާ އާއި އެކު ވެސް ޓިކްޓޮކް އިން މަޝްވަރާތަކެއް ކުރިއަށް އެބަގެންދެއެވެ.