ދުނިޔޭގެ އެންމެ ބޮޑު އެއް ފާސްޓު ފުޑް ޗެއިން ކަމުގައިވާ މެކް ޑޮނަލްޑްސް އިން ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ވިއްކާ "ޗިކެން ނަގެޓް" ބާލީހަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މެކްޑޮނަލްޑްސް އިން ވިއްކާ "ޗިކެން ނަގެޓް" ގެ ސިފައަށް ތައްތާރުކޮށްފައިވާ މި ބާލީހަކީ، އެ ކުންފުނިން މިހާރު ކުރިޔަށްގެންދާ ޕްރޮމޯޝަނެއްގެ ދަށުން ވިއްކާ "ލިމިޓެޑް އެޑިޝަން" އުފެއްދުމެކެވެ.

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން، އެމެރިކާގެ މަޝްހޫރު ރެޕަރ، ޓްރެވިސް ސްކޮޓްގެ ކުންފުނި "ކެކްޓަސް ޖެކް" އާއި ގުޅިގެން މެކްޑޮނަލްޑްސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ތެރެއިން މި ބާލީހުގެ އިތުރުން "ލިމިޓެޑް" ޓީޝާޓް ތަކާއި ސޯޓާއި ބޮލުގައި އަޅާ ތޮފީގެ އިތުރުން އެނޫންވެސް ތަކެތި އަންނަނީ ވިއްކަމުންނެވެ.

މި ހުރިހާ އުފެއްދުންތަކުގެ ތެރެއިންވެސް އެންމެ ގިނަ ބައެއްގެ ތަރުޚީބު ލިބިގެން ގޮސްފައިވަނީ "ޗިކެން ނަގެޓް" ބާލީހަށެވެ. ތިން ފޫޓުގެ ބޮޑުމިން ހުންނަ މި ބާލީސް 90 އެމެރިކާ ޑޮލަރަށް މެކްޑޮނަލްޑްސް އިން އެމެރިކާގައި ވިއްކަން ފެށިތާ މާގިނައިރެއް ނުވެ އޭގެ ސްޓޮކް ހުސްވެފައިވާ ކަމަށްވެސް ކުންފުނީގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ މެކްޑޮނަލްޑްސް އިން މި ބާލީހަށް އޯޑަރު ކުރުމަށްފަހު ބައެއް މީހުން އެތަކެތި ވިޔަފާރި ވެބްސައިޓުތައް މެދުވެރިކޮށް އަގުބޮޑުކޮށް ވިއްކަންވެސް ވަނީ ފަށާފައެވެ.

މިމަހު މެކްޑޮނަލްޑްސް އިން ފެށި ހަރަކާތުގެ ތެރެއިން އެ ކުންފުނީގެ ފުޓްޗެއިންގެ މެނޫ ޕްރިންޓް ކޮށްފައިވާ ބިމުގައި އަޅާ ރަގް އާއި، ބްލޭންކެޓާއި ޕްލާސްޓިކް ތައްޓާއި ލަންޗް ޓްރޭގެ އިތުރުން އެނޫންވެސް ހިފައިގެންގުޅޭ ތަކެތި ވިއްކަމުން ދެއެވެ.

މިއީ 1992 ވަނަ އަހަރަށްފަހު މެކް ޑޮނަލްޑްސް އިން މަޝްހޫރު ފަންނާނަކާއި ގުޅިގެން ކުރިޔަށްގެންދާ ފުރަތަމަ ޕްރޮމޯޝަނެވެ. އެ ކުންފުނިން މި ޕްރޮމޯޝަން ފަށާފައި މިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށެވެ.