ފެނަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ އެންމެ މުހިންމު އެކައްޗެވެ. ދުވަސްތަކެއް ވަންދެން ކާއެއްޗެއް ނުކައި އިންސާނަކަށް ކެތްކޮށްލެވުނު ނަމަވެސް އެއްވެސް އިންސާނަކަށް ފެން ނުބޮއެ މާ ގިނަ ދުވަހަކު ކެތްކޮށެއް ނުލެވެއެވެ. އަދި ހަށިގަނޑަށް ލިބެންވާ މިންވަރަށް ފެން ނުލިބޭ ނަމަ އެކަމަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ވަރުދެރަވެ، ބަލިތަކަށް މީހާ ހުށަހެޅޭނެ ކަމެކެވެ. އަދި ހަކަތަ ދަށްވުމާއި ހަޖަމްކުރުމުގެ ނިޒާމަށް ނޭދެވޭ އަސަރުތައް ކުރުން ފަދަ އެތައް ކަމެއް ފެން ނުލިބިއްޖެ ނަމަ ދިމާވެއެވެ.

ފެން ބުއިމަކީ ހަންގަނޑު ރީތިކޮށްދީ މީހާ މުސްކުޅިވާ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އަދި ތާޒާކަންމަތީ މީހާ ހުރުމަށްޓަކައި ފެން ބޯން ޖެހެއެވެ. އަދި ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ހަންގަނޑު ހިކުމާއި، ކަރުތެރެ ހިކުން ކަހަލަ ކަންކަން ދިމާވާ ނަމަ ފެން ބުއިން އިތުރު ކުރަންވާނެއެވެ.

ނަމަވެސް ފެން ބޯން ޖެހޭ ގޮތެއް ވެސް އޮވެއެވެ. ދުވާލަކަށް އަށް ތަށި ފެން ބޯން ޖެހޭ ވާހަކައަކީ އާންމުކޮށް ވެސް އަޑު އިވޭ ވާހަކައެކެވެ. ނަމަވެސް މީހާގެ ހެދިބޮޑުވުމާއި މީހާ ހަރަކާތްތެރިވާ ނިސްބަތަށް ބަލާފައި އެއަށް ވުރެ ގިނައިން ވެސް ފެން އިންސާނުންގެ ހަށިގަނޑަށް ބޭނުންވެއެވެ.

ކަންމިހެން އޮތް އިރު ފެން ބޯން އެންމެ ރަނގަޅީ ދުވާލުގެ އެކި ގަޑިތަކަށް ބަހާލައިގެންނެވެ. އާއްމުކޮށް ރޭގަނޑު ނިދަމުން ގިނަ އަދަދަކަށް ފެންބުއިމަކީ ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ. ޚާއްސަކޮށް މާބޮޑަށް ބަނޑުހައިވުމުން ކެއުމުގެ ބަދަލުގައި ނިދަމުން ފެން ބުއިމަކީ ބައެއް މީހުން ވަރަށް ގިނައިންކޮށް އުޅޭ ކަމެކެވެ.

ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ. ނިދުމުގެ ކުރިން ފެން ބުއިމަކީ ނިދި ޚަރާބުވުމުގެ އިތުރުން ހިތުގެ ދުޅަހެޔޮކަން ދަށްކޮށްލާ ކަމަކަށް ވެދާނެއެވެ. އަދި އެކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފެންބޮވި ފަލަވެ، ބަނޑުލުމަށް މެދުވެރިވެއެވެ. އެހެންވީމަ ފެން ބޯންވީ މުޅި ދުވަހަށް ބަހާލައިގެންނެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން ފެން ބުއިމާއި ދުރުވާން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ހަޤީޤަތުގައި ނިދުމުގެ ކުރިން ފެން ބުއިމަކީ ރަގަޅުކަމެއް! ހިތުގެ ދުޅަހެޔޮކަމަށް ބޭނުންވާ ކަމެއް! ގޯސްވަނީ ބަނޑަށް އުނދަގޫވާވަރަށް ބުއިމުން

    55
  2. ހޫމް

    ވަރަށް ހީސްލަވާނެ ގިނައިން ފެން ބޮއެގެން ނިދީމަ

    15
    1
  3. ހަސީނާ

    އަށްތަށިފެންބޯންބުނާއިރު އެބުނާތަށީގެ ބޮޑުކުޑަމިންވެ ސް ބުނެދިނުންރަނގަޅުކަމަށްފެނޭ. ނުވަތަ
    8 ތަށިފެނުގާހުންނަންޖެހެނީ ކިހާވަރެއްތޯ؟

    12
  4. ޒަބޫ

    އެކަކު ބުނަނީ ގިައިން ފެން ބޯން... އަނެކަކު ބުނަނީ ނުބޯޝޯ ދެން.... ދެން މާދަން ބުނާނެ ފެން ނުވަރަން ވެސް

    15
  5. ޏަވިޔަނި

    ނިދުމުގެ ކުރިން ފެން ގިނައިން ނުބޯތި ތައްމަށް ހީސް ލެވިދާނެ

    13
  6. ނަޒާހަތު އިބްރާހިމް ރަޝީދު

    ކޯންޗެއް ކިޔަވައިގެންތޯ މެޑިކަލް އެޑްވައިސް ތިދެނީ

  7. އަލީ

    މިފަދަ ސިއްޙީ މައުލޫމާތު ޖެހުމުގެ ކުރިން ޑޮކްޓަރުންގެ މަޝްވަރާ ހޯދަން ޖެހެ. ޒިންމާދާރު ނޫސްވެރިންނަށް ވުން ވަރަށްމުހިންމު.