ދިވެހިންގެ ކެއުމުގެ އާދަތައް ބައްޓަންވެފައި އޮންނަ ގޮތަށް ބަލާ ނަމަ އާންމުކޮށް ދިވެހިންގެ ކެއުން ބިނާވެފައި އޮންނަނީ ވަރަށް ގިނައިން ކާބޯހައިޑްރޭޓްސް ހިމެނޭ ގޮތަށެވެ. އެގޮތުން ބަތާއި ރޮށި ފަދަ ގޮދަން އެކުލެވޭ ބާވަތްތައް ދިވެހިން ކެއުމުގައި ގިނަ އަދަދަކަށް ހިމަނައެވެ. އަދި ދިވެހިންނަކީ މަހުގެ ބާވަތްތަކާއި ދޯޅު ބަޔަކަށްވީ ނަމަވެސް ދިވެހިންނަކީ ތަރުކާރީ އާއި އެހާ ރައްޓެހި ބައެއް ނޫނެވެ.

ނަމަވެސް ތަރުކާރީ ކޮންމެވެސް ވަރަކަށް ކެއުމުގައި ހިމަނަންވާނެއެވެ. ކުރިއާ އަޅާ ބަލާ އިރު މިހާރު ތަރުކާރީ އާއި މޭވާ، ކެއުމުގައި ހިމަނާ މިންވަރު އިތުރުވެ އެތަކެތިން ތަފާތު ވައްތަރުގެ ކެއުމާއި ބުއިން ވެސް ތައްޔާރު ކުރެއެވެ.

ނަމަވެސް އާއްމުކޮށް ބޭނުން ނުކުރާ ނަމަ އެ އެއްޗެއްގެ އަޖުމަ ބެލުމަކީ ގިނަ ބަޔަކު ކުރަން ބޭނުން ނުވާ ކަމެކެވެ. އެހެންކަމުން "ބްރޯކޮލީ" އަކީ އާއްމުކޮށް އެ ނުކާ މީހުންނަށް އަޖުމަ ބަލާލަން ވެސް ކަމުދާ އެއްޗަކަށް ނުވެއެވެ. ބްރޯކޮލީއޭ ބުނުމުންވެސް "އައްޗީޑި"އޭ ބުނާ މީހުން މަދެއް ނޫނެވެ.

ހަގީގަތަކީ ބްރޯކޮލީއަކީ ތެލުލައިގެނާއި، ސްޓީމްކޮށްލައިގެން އަދި ހުހަށް ކެއުމަށް ވެސް ރަނގަޅު ތަރުކާރީއެކެވެ. އަނގަޔަށް މީރުވުމުގެ އިތުރުން ބްރޯކޮލީގައި އެތައް ފައިދާއެއް ހިމެނެއެވެ. ބްރޯކޮލީއަކީ ތަރުކާރީގެ މަންމަކަމަށް ބައެއް ކައްކާ މީހުން ސިފަކުރެއެވެ.

ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ ބްރޯކޮލީއަކީ ވިޓަމިން ކޭ އިން މުއްސަނދިވެފައިވާ ފަތުގެ ބާވަތެކެވެ. ބްރޯކޮލީ ކެއުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމުގެ އިތުރުން، ކަށިތަކާއި ،ދަތްތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ބްރޯކޮލީއަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދީ ބަރުދަން ލުއި ކުރުމަށް ވެސް ބްރޯކޮލީ އެހީތެރިވެދޭ އެއްޗެކެވެ. ބްރޯކޮލީ ކެއުމުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ، ބަނޑުހައި ހޫނުކަން އިހުސާސް ނުވެ ގިނަ ވަގުތު ހުރެއެވެ. އެހެންކަމުން ގިނައިން ކެއުމާ ދުރުކޮށްދިނުމަށް މިއީ ވަރަށް ވެސް ފައްކާ ތަރުކާރީއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަހަރެން

    ވަރަށް އަގު ވެސް ބޮޑެވެ.

    10