އިނގިރޭސިވިލާތަށް އުފަން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ރޭސް ކާރު ދުއްވާ އެއް ފަރާތް ކަމުގައިވާ ލެވިސް ކާލް ޑޭވިޑްސަން ހެމިލްޓަން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. އުމުރުން 35 އަހަރުގެ ހެމިލްޓަން ކޮވިޑް-19 އަށް ފައްސިވިކަން ހާމަކޮށް އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ބަހްރަން ގައި ކުރިއަށް އޮތް ސާހިރް ގްރޭންޑް ޕްރިކްސް އަށް ދިއުން ހުއްޓިފައިވާ ކަމަށެވެ.

ހެމިލްޓަން އޭނާގެ އިންސްޓަގްރާމުގައި ކުރި އަސަރުން ފުރިގެންވާ ޕޯސްޓެއްގައި ބުނީ ބަހްރައިން ގައި ބާއްވާ ރޭހަށް ނުދެވޭތީ ވަރަށް ކަންބޮޑުވެފައިވާ ކަމަށާއި އެ ރޭހަށް ދިއުމަށް ޖުލައި މަހުން ފެށިގެން އޭނާ އާއި އޭނާގެ ޓީމު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އެޅި ކަމަށް އޭނާ ބުނެފައިވާއިރު އޭނާ ބުނީ ފާއިތުވި ދުވަސްތަކުގައި ވެސް ނަގާފައިވާ ތިން ސުންކުވެސް ނައްސި ކަމަށެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެނިގެން އެންމެ ފަހުން ނެގި ސުންކު ފައްސި ކަމަށް އޭނާ ބުންޏެވެ.

10 ދުވަހަށް އަމިއްލަ އަށް އެކަހެރި ވެގެން ހުރި ހެމިލްޓަން ބުނީ ރޭހަށް ނުދެވޭތީ ހިތާމަ ކުރާ ކަމަށާއި ނަމަވެސް މިހާރު އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ ގަވާއިދުތަކަށް ބޯލަނބައި އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް މަދުން ފެންނާތީ އެކަމަށް އުފާކުރާކަމަށް އޭނާ ބުނެފައިވާއިރު ހެމިލްޓަން ބުނީ ފިޓުކޮށް ހުރުމަށާއި ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ފޭނުންނަށް ދިން މެސެޖެއްގެ ގޮތުން ހެމިލްޓަން ވަނީ މި ދަނޑިވަޅަކީ އުނދަގޫ ދަނޑުވަޅެއް ކަމަށާއި މި ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު ކަށަވަރުކޮށްގެން ތިބުމަށް އެދިފައެވެ. އަދި އަމިއްލަ ނަފްސަށް ބަލާ ފަދައިން އެހެން މީހުންނަށްވެސް ބެލުމަށް އޭނާ އެދިފައި ވެއެވެ.

 

View this post on Instagram

 

A post shared by Lewis Hamilton (@lewishamilton)

ހެމިލްޓަންގެ އިންސްޓަގްރާމް ފޮލޯވާސްގެ ގޮތުގައި 21.1 މިލިއަން މީހުން އެބަ ތިއްބެވެ.

ހެމިލްޓަންގެ އިތުރުން ފާއިތުވި ދުވަސްތަކުގައި ގިނަ މަޝްހޫރު ފަރާތްތަކުން ވަނީ ކޮވިޑް-19އަށް ފައްސި ވެފަ އެވެ. އޭގެ ތެރޭގައި ބޭޑް ބަނީ ފަދަ ބޮޑެތި ފަންނާނުން ހިމެނެ އެވެ.

ރޭސް ޖެހުމުގެ ދާއިރާގައި ހެމިލްޓެން އަށް ވަނީ އެތައް ވަނައެއް ލިބިފަ އެވެ. އޭގެ ތެރޭގައި 2007 ވަނަ އަހަރު ބޭއްވި އޮސްޓްރޭލިއަން ގްރޭންޑް ޕްރިޒް އާއި 2007 ވަނަ އަހަރު ކެނެޑާގައި ބޭއްވި ގްރޭންޑް ޕްރިޒް އާއި 2007 ވަނަ އަހަރު ބަހްރައިން ގައި ބޭއްވި ގްރޭންޑް ޕްރިޒް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުއެސްޓް

    ރޭސްޖަހާ މީހާއޭ؟؟؟؟