ބޮލީވުޑުގައި ކާމިޔާބު އެތައް ފިލުމުތަކެއް ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ސައިފް ޢަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ ޢަލީ ޚާން ފިލުމުތަކުން ފެނުމަކީ ސައިފަށް މަޖާ ކަމެއް ކަމުގައި އޭނާ ބުނެފިއެވެ.

''ކޫލީ ނަންބަރު 1''ގެ ރިމޭކްގައި ވަރުން ދަވަންއާއި އެކު މަސައްކަތް ކުރަމުން އަންނަ ސާރާ ވަނީ އޭނާގެ ބައްޕައަށް އެ ފިލުމުގެ ބައެއް ލަވަތަކާއި ސީންތައް ދައްކައިފައެވެ.

''ކޫލީ ނަންބަރު 1''ގެ މި ލަވަތަކާއި ސީންތައް ބެލުމަށްފަހު އިންޑިޔާގެ ނޫހެއް ކަމަށްވާ މުމްބާއީ މިރާއަށް ދިން އިންޓަވިއެއްގައި ސައިފު ބުނެފައިވަނީ އެ ލަވަތަކުން އެނގެނީ މި ކެރިއަރގައި ސާރާ މަސައްކަތް ކުރަމުން ދަނީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި ވަރަށް އުފަލުން ކަމަށެވެ. އަދި އޮން ސްކްރީނުން ސާރާ ފެނުން މަޖާ ކަމަކަށް ވަނީ ސައިފަށް ސާރާއަކީ އަދި ވެސް އޭނާގެ ކުޑަކުޑަ އަންހެން ދަރިފުޅު ކަމަށް ވާތީއެވެ. ނަމަވެސް ސާރާ ވެސް ބޮޑުވަމުންދާ ކަމަށް ވެސް ސައިފު ވެސް ފާހަގަ ކޮށްފައިވެއެވެ.

ސައިފުގެ ފިލުމީ މަސައްކަތަށް ބަލާއިރު މިހާރު އޭނާ ކުޅެމުން ދަނީ ޕަވަން ކުރިޕަލާނީގެ ހެއްވާ، ބިރުވެރި ފިލުމެއް ކަމަށްވާ ''ބޫތު ޕޮލިސް''އެވެ.

ސާރާ ޢަލީ ޚާންގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ސާރާ ފެނިގެން ދާނީ މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޑޭވިޑް ދަވަންގެ ހެއްވާ މަޖާ ފިލުމެއް ކަމަށްވާ ''ކޫލީ ނަންބަރު 1''ގެ ރިމޭކުން ވަރުން ދަވަންއާއި އެކުގައެވެ.