ޗުއްޓީ ހޭދަކޮށްލުމަށް ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ބޭނުންވާނެ އެތައް ބަޔަކު އެބަ ތިއްބެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގޮތްގޮތަށް އެޤައުމެއްގެ ސަގާފަތާއި އެއްގޮތަށް ހަދާފައިވާ އެތައް ގެސްޓް ހައުސްތައް، ރެސްޓޯރެންޓް، ހޮޓެލް ފަދަ ތަންތަން އެބަ ހުއްޓެވެ. ވަކި ހާއްސަ ސަގާފަތެއް ރަމްޒުކޮށްނުދިނަސް އެ ތަނެއް އަޅާފައިވާ ތަނެއްގެ ސަބަބުން އެތަނަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ ހިތްވެސް ވެދާނެ އެވެ. މިއީ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ނާޒުކު ތަންތަނުގެ ލިސްޓުގައި ހިމެނޭ ބައެއް ތަންތަނެވެ.

ފަރުބަދައެއްގެ އެއްފަޅީގައި ހަދާފައިވާ ނާޒުކު ފަތުރުވެރިންގެ މަންޒިލެއް އުސް ތަންތަނަށް އަރައި ފޭބުމަށް ބިރުގަންނަ މީހުން ވަރަށް ގިނަ އެވެ. އެފަދަ ފަރާތްތަކަށް މިތަނަކީ ވަރަށް ބިރުވެރި ތަނަކަށް ވާނެ އެވެ. އަދި މިތަނަށް ދިއުން ޖެހިލުން ވާނެކަންވެސް ޔަގީނެވެ. މި ފަދަ ގޮތްގޮތަށް ހަދާފައިވާ ތަންތަން ގިނައިން ހުންނަނީ ފަރުބަދަތައް ގިނަ ޤައުމުތަކުގައި އެވެ. މިފަދަ ބައެއް ތަންތަނަށް ދެވޭނީ ހަމައެކަނި ވަކި ހާއްސަ ހުނަރެއް ހުރި ފަރާތްތަކަށް އެކަންޏެވެ. އެގޮތުން އުސްތަންތަނަށް އެރައި ފޭބުމުގެ ހުނަރު ހުންނަން ޖެހޭނެ އެވެ.

ސަންޓްއަގަޓާ ޑޭ ގޯޓީ، އިޓަލީ

ފޮޓޯ: ގޫގުލް

މިތަން ފެންނަ ކޮންމެ މީހަކަށް ވެސް މިއީ އާދަޔާ ހިލާފު ރީތިކަމެއް ލިބިފައި ހުރި ހިތްގައިމު ތަނެއްކަމުގެ އިހުސާސް ކުރެވޭނެ އެވެ. އަދި އެފަދަ ތަނަކުން ބޭނުންވާ ހުރިހާ ހިތްހަމަޖެހުމެއްވެސް ލިބޭނެ ކަމުގެ އިހުސާސްވެސް ކުރުވާނެ އެވެ. ބަލާލަން ހިތްގައިމު ކަމުގައި ވިޔަސް މިތަނަކީ ކޯރެއްގެ މަތީގައި ހުރި ތަނެކެވެ. އަދި މިތަނަކީ ދުނިޔެއިން ވަކިވެފައިވާ އެކަނި ހުރި ތަނެއްގެ އިހުސާސް ވެސް ކުރެވިދާނެ އެވެ.

ކަޓްސްކީ ޕިލާ، ޖޯޖިޔާ

ފޮޓޯ: ގޫގުލް

ޖޯޖިޔާގައި ހުންނަ މިތަނަކީ 130 ފޫޓު މަތީގައި ހަދާފައިވާ އިމާރާތެކެވެ. މިއީ ދުނިޔޭގައި ހުރި އެންމެ ނާޒުކު އަދި އެންމެ އެކަހެރިކޮށް ހުރި ފައްޅިއެވެ. މި އިމާރާތް ހުންނަނީ ޖޯޖިޔާގެ ވެރިކަން ކުރާ ރަތް ތިލިސީގެ 200 ކިލޯމީޓަރުގެ ހުޅަނގުގައި އެވެ. މިތަނަކީ އެހާ ގިނަ ބަޔަކު އަރައި ފައިބައި ހަދާ ތަނެއްވެސް ނޫނެވެ.

ދަ ޝެލޯސް ނެސްޓް، ޔުކްރެއިން

ފޮޓޯ: ގޫގުލް

ދަ ޝެލޯސް ނެސްޓް ނުވަތަ ލަވް ނެސްޓަކީ ގަސްޕްރާގައި ހަދާފައިވާ ރީތި ގަނޑުވަރެކެވެ. 1911 ވަނަ އަހަރު އަޅާފައިވާ މިތަން ވަނީ އެސަރަހައްދަ ކުރިމަތިވި ބިންހެލުމުން ވެސް ސަލާމަތް ވެފައެވެ. މިތަނަކީ ދުނިޔޭގެ މިފަދަ ތަނަކުން ފެންނަން ހުރި ހަމައެކަނި ގަނޑުވަރޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިތަން ފަތުރުވެރީންނަށް ހުޅުވާލާފައިވާއިރު މިތަނުގައި އިޓަލީގެ ރެސްޓޯރެންޓެއްވެސް ހުރެއެވެ.

ޗައިނާ ހެންގިން ޓެމްޕަލް

ފޮޓޯ: ގޫގުލް

މިތަނަކީ މީގެ 1500 ވަރަކަށް އަހަރު ކުރީން ބިނާކޮށްފައިވާ އިމާރާތެކެވެ. މިތަން ފަރުމާ ކޮށްފައިވާ ގޮތަށް ބަލާލުމުން މިއީ އާދަޔާ ހިލާފަށް ރީއްޗަށް ހަދާފައިވާ އަދި ކުޅަދާނަ ފަންނުވެރީންތަކެއް ބިނާކޮށްފައިވާ ތަނެއްކަން ހާމަވާނެ އެވެ. މި އިމާރާތުގައި 40 ކޮޓަރު ހުންނަ އިރު އިމާރާތުގެ އެތެރެ އަކީ ކަނޑައި ނަގައިގެން ހަދާފައިވާ ތަންތަންކަން އިމާރާތަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފާހަގަ ވާނެ އެވެ.

މެޓިއޯރާ، ގްރީސް

ފޮޓޯ: ގޫގުލް

މިތަނަކީ 1995 ވަނަ އަހަރުން ފެށިގެން ޔުނެސްކޯއިން ވޮލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. މިފަދަ އިތުރު ތަނެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހުންނައިރު މިތަނަކީ އެތައް ޤަރުނެއް ކުރީން މާ ސިންގާ ގަލެއްގެ މަތީގައި ބިނާކޮށްފައި ތަނެކެވެ.

މިރީތި ތަންތަނުގެ ތެރެއިން ތިބާގެ ބަކެޓް ލިސްޓްގައި ހިމަނާލާނީ ކޮންތަންތަނެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު