އަހަރެންނަކީ މާ ޚާއްސަ މީހެއް ނޫނެވެ.

އުފެދުމުގައި އެއް ކަންފަތުން އަޑު އިވުމުން މަހުރޫމްވެފައިވާ މީހެކެވެ. މެދު ފަންތީގެ އާއިލާއަކަށް އުފަން، ލިބޭ އެތިކޮޅުން ދެކޮޅު ނުޖެހޭ އެކަނިވެރި ބަފައެއްގެ ހުރި ފަސް އަންހެން ކުދިންތެރެއިން، އަހަރެންނަކީ އެންމެ ދޮށީ ދަރިފުޅެވެ. ކިޔެވުމުގެ ދާއިރާއިން މާ ރަން ވަނަތަކެއް ހާސިލްކުރާނެ ފުރުސަތެއް ނުލިބެއެވެ. ބައްޕަގެ ހުރި ފެންވަރަކުން އަހަރެން ތައުލީމު ހާސިލް ކުރީމެވެ. ސާނަވީ ތައުލީމް ނިންމުމަށްފަހު އަހަރެން ބޭނުންވީ ޝެފްއަކަށް ވާށެވެ. ކޮންމެވެސް ރިސޯޓެއް ނުވަތަ ރެސްޓައުރެންޓެއްގެ ބޮޑު ކައްކާއަށް ވުމަކީ އަހަރެން ވަރަށް ކުޑައިރުއްސުރެވެސް ދެކެމުންއައި ހުވަފެނެކެވެ. އަހަރެންގެ ފެންވަރުން އަހަރެންނަކީ ކެއްކުމުގެ ތަފާތު ފޭޑިތަކަށް އާ މީހެއް ނޫނެވެ. މަންމަ ދުނިޔޭގައި ހުރި އިރު އަބަދުވެސް އަހަރެންގެ ތަފާތު ރަހަތަކަށް ނުހަނު ތަޢުރީފްކޮށް ތަރުހީބުދެއެވެ. މަންމަގެ ފޮނި ބަސްތަކުން އަހަރެން ހިތްވަރުލިބި ގަތީމެވެ. ޤައުމީ ޔުނިވަރސިޓީގެ ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ އިން ކަލިނަރީ ކޯހެއް ހަދަން ނިންމީ އަހަރެންގެ މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމުގެ މަގްސަދުގައެވެ.

ކިޔަވާ ނިމުމަށްފަހު ވަޒީފާގެ މައިޒާނަށް އަހަރެން ނިކުތީ ފޮނި އުއްމީދުތަކަކާއެކުއެވެ. ފަސޭހަކަމާއެކު މަސައްކަތުގެ މާހައުލަށް ހޭނި، އެކަމުގެ ވައްޓަފާޅި ދަސްވެއްޖެއެވެ. ކެއްކުމަކީ އަހަރެންނަށް ނޭވާލުންހާ ފަސޭހަކަމެކެވެ. އަހަރެން ތައްޔާރުކުރާ ޑިޝްތަކަށް ރެސްޓައުރަންޓަށް އަންނަ ކަސްޓަމަރުންގެ ތަރުހީބު ލިބެމުންދިޔައެވެ. އެންމެފަހުން މާ ގިނަ ދުވަސްތަކެއް ނުވެ މަޤާމުގެ ކުރިއެރުންވެސް ލިބިއްޖެއެވެ.

ހޮޓެލް ޖެންގެ ބޮޑު ކައްކާގެ މަޤާމް ފުރިހަމަކުރަމުން ދިޔައީ އެކަމަށް ވަރަށް ގަޔާވެ ހުރެއެވެ. މިކަމުގައި އަހަރެއް ނުވަނީސް އަހަރެންނަށް ވަރަށް އާދަޔާޚިލާފް ކަމަކާއި ކުރިމަތިލާން ޖެހުނެވެ. މިއީ އާންމު އުސޫލުން އަހަރެން ކިޔާ ވާހަކަތަކުގާ ހިނގާކަހަލަ ކަމެކެވެ. އަސްލު ދިރިއުޅުމުގައި މިފަދަ ނަސީބަކާއި ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެކެވެ. މި ސަބަބާހުރެ، އަހަރެން ފަސް ޖެހުނީމެވެ. ހިތް ރައްކާކުރީމެވެ. ހިތުގައި ވަށައިގެން ރާވާފައިވާ ފާރުތަކުގެ އިތުރުން ދެތިން ވަރުގަދަ ތަޅު އަޅުވާ ބަންދުކުރީމެވެ. އަހަރެން ހުރީ އެހާވެސް ހުށިޔާރު ވެގެންނެވެ. ނަމަވެސް އެ ޒުވާނާގެ އެންމެ ހިނިތުންވުމަކުން ބަޓަރު ހޫނަށް ވިރިގެންދާ އުސޫލުން އަހަރެންގެ ހިތްވެސް ވިރިގެންދިޔައީއެވެ.

އެދުވަހަކީ، ޖެންގެ ބަދިގެފަރާތް ފިސާރި ހަލަބޮލި ދުވަހެކެވެ. ހަލުއި ކަމާއެކު މަސައްކަތްކުރަމުން ދިޔަ އަތްތައް ވަރުބަލިކަމެއް ނެތި މީރު ރަހަތައް އިއުޖާދުކުރަމުން ދިޔައެވެ. އަހަރެންވެސް ކަސްޓަމަރަކު އޯޑަރުކުރި ޚާއްސަ ޑިޝްއެއް ތައްޔާރު ކުރުމުގައި މަސްޢޫލުވެ އުޅުނީމެވެ. މިހާރު މިފަދަ ދެތިން ޑިޝް މިއަދަށް ތައްޔާރު ކުރެވިއްޖެއެވެ. ނަމަވެސް ފޫހިކަމެއް ނެތި އަހަރެންގެ މަސައްކަތައިގެން ކުރިއަށްދިޔައީމެވެ. މި ވަޒީފާގައި އަހަރެން އެންމެ ގަޔާވާ އެއް ތަންކޮޅަކީ މިއީއެވެ. ކުރަން އެހާ ޝައުގުވެރިކަން ހުންނަ ކަމެއް ކުރަން ލިބުމެވެ.

މިހެން އުޅެނިކޮށް ޑިއުޓީގައި ހުރި ސުޕަވައިޒަރު ބަދިގެ ފަރާތަށް ޒިޔާރަތެއްކޮށްލައިފިއެވެ. އެންމެންގެ ލޯތައް އަމާޒުވެފައިވަނީ އޭނާއަށެވެ. އާންމުގޮތެއްގައި ހިތި ހަބަރަކާ ނުލާ މީނާގެ މޫނުވެސް މި ދޮރުން އެތެރެއަަކަށް ނުފެންނާނެއެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ ކުށް ހީ އެންމެންގެ މޫނުގެ ކުލަވަރުތަކަށް ސަވާރުވެެއްޖެއެވެ. އަހަރެންވެސް ކުޑަކޮށް ހާސްވިއެވެ. އެންމެ ފަހުން މިތަނުން ނެރުނީ އަހަރެންގެ އަމިއްލަ ދެއަތުން ތައްޔާރުކުރި ޑިޝްއެއް ކަމަށްވާތީއެވެ. އަނެއްކާ މައްސަލަ އުޅެނީ އޭގައި ބާވައެވެ؟

އަހަރެންނަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ސުޕަވައިޒަރު އަހަރެންނަށް އިޝާރާތްކޮށްލިއެވެ. ބޭރަށް ނިކުމެލުމަށެވެ. ތެޅެމުންދިޔަ ހިތަކާއެކު އަހަރެން ހިނގައިގަތީމެވެ. އޭޕްރޯން ބޭލުމަށްފަހު މޭޒުމަތީގައި ބާއްވާ، ބަދިގޭގެ ދޮރުން ނިކުމެލީމެވެ. ސުޕަވައިޒަރު އަހަރެން ގެންދިޔައީ ކާންތިބި ބަޔަކާ ދިމާލަށެވެ. ގިނަ ބައެއްގެ ލޯތައް އަހަރެންނަށް އަމާޒުވުމުން ޒާތަކަށް ލަދުވެސް ގަނެއްޖެއެވެ. އަހަރެން ހިނގާފައި ދިޔައީ އިސްޖަހައިގެން ހުރެއެވެ. ސުޕަވައިޒަރު ހުއްޓުނު ކަމުގެ އިހުސާސުވެގެން އަހަރެންވެސް ހިނގުން މަޑުކޮށްލީމެވެ. ބޯ ހިއްލާލާ ކުރިމައްޗަށް ބަލާލީ ދެނެވެ.

އިށީނދެގެން އިނީ އަހަރެންނަށްވުރެ ދެތިން އަހަރު ދޮށީ މީހެއްކަން މޫނުމައްޗަށް ބަލާލުމުން އިނގެއެވެ. ނިތްކުރީގައި ދެތިން ރޫ ހާމައަށް ފެންނަން ހުރުމުން ހިތްހަމަ ނުޖެހިފައިކަން ދޭހަވެއެވެ. ނޫނީ ހަމަ ހުންނަ ގޮތް ތޯއްޗެވެ. ލޮލުގެ ކަޅީގައިވަނީ މަޑު މުށިކުލައެކެވެ. ރާއްޖެއަށް އެހާ އާންމު ކުލައެއް ނޫނެވެ. އިސްތަށިގަނޑު ވަނީ ފަރިތަކަމާއެކު އެއްފަރާތަކަށް ފުނާ އަޅާ ތަތްކޮށްލާފައެވެ. އެންމެ އިސްތަށްޓެއްވެސް އެ އަމުރާ ދެކޮޅެއް ނުވެއެވެ. ތުނި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަމާއި ހައިބަތު ރަމްޒުކޮށްދެއެވެ. އަހަރެން ހިތް ދިރުވާލީމެވެ. ބަލާބެލުމަށް ބޮޑު ކުންފުންޏެއްގެ ވެރިޔަކާ ވައްތަރެވެ. މީނާ ރުޅި އަރުވާލައިފިނަމަ އަހަރެންގެ ދުވަސް ދިޔައީއެވެ. ވަޒީފާ ވެސް އަތުން ދޫވެދާނެއެވެ.

ބިރުން ހުރެ ނަމަވެސް ހިނިތުންވެލީމެވެ. ފަހަރެއްގައި ހީލުމުން އޭނާގެ ރުޅިގަނޑު ހިސާބަކަށް ހިފަހައްޓާލެވިދާނެއެވެ. އަހަރެންގެ ފިރިހެން ރަައްޓެހިން ބުނާގޮތުގައި އަހަރެންގެ ހިނިތުންވުން ވަރަށް ނަލައެވެ. އެއީ އަހަރެން ގަބޫލުކުރާ ކަމަކަށް ނުވިއަސް މި ވަގުތަކީ އެކަން އިމްތިހާނުކޮށްލަން ރަނގަޅު ވަގުތުކޮޅެކެވެ.

އަހަރެން ހީލުމާއެކު ކުރިމަތީ އިން މީހާގެ ނިތްކުރީގައި އުފެދިފައިހުރި ރޫތައް މުޅިންހެން ފިލައިފިއެވެ. އެއީވެސް އަޖައިބުވާންވީ ވަރު ކަމަކެވެ. އޭނާގެ ތުނި ތުންފަތުގެ އެއްކަން ވަރަށް ނޫން ގޮތަކަށް މައްޗަށް އުފުލުނެވެ. މިއީ މީނާއަށް ހީލެވޭ އެންމެ ބޮޑުވަރުހެއްޔެވެ؟ ދުވަހަކުވެސް ހިނިތުންވާން ދަސްވެފައިހުރި މީހެއް ނޫންބާވައެވެ؟ އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުވެދާހެން ހީވެގެން ކުޑަކޮށް ދަތްޕިލަ ހާމަކޮށްލީމެވެ. މިހާރު އަހަންނެކޭ ގަމާރެކޭ މާ ބޮޑު ތަފާތެއް ނުހުންނާނެކަން ޔަގީނެވެ. ސަލާމަތަށް އެދި އަހަރެން ސުޕަވައިޒަރާއި ދިމާލަށް އިންޒާރުގެ ނަޒަރަކުން ބަލާލީމެވެ. ނަސީބަކުން އަހަރެންގެ ބެލުމުގައިވާ މެސެޖް އޭނާއަށް ފަސޭހަކަމާއެކު ފޯރައިފިއެވެ.

ސުޕަވައިޒަރުގެ ދުލުކުރިން ނިކުތް ބަސްތަކުގެ ތެރެއިން އަހަރެންނަށް އަޑު އިވުނީ އަހަރެންގެ ޑިޝްއާ ގުޅުން ހުރި ބަސްތައް އެކަންޏެވެ. އޭނާ އިތުރު ވާހަކަތަކެއްވެސް ދެއްކިއެވެ. ނަމަވެސް ޑިޝް ވަރަށް ކަމުގޮސްފިޔޭ ބުނި ހިސާބުން އަހަރެން އޭނާގެ އަޑު ޓިއުން ކޮށްލައިފީމެވެ. މިހާރު އަހަރެންގެ މޫނުމަތީގައި ވާނީ ފައްކާ ހިނިތުންވުމެކެވެ. ތަޢުރީފުގެ ބަހެއް ރައްދުވާ ކޮންމެ ފަހަރަކު ރަކި ވާން ދަންނަ ގޮތަކީ އެއީއެވެ. ދެން މީހަކު ކިޔާ އެއްޗެއް އަހަރެންގެ އަޑު އިވޭ ހަމައެކަނި ކަންފަތަށް އިވޭކަމަކަށް ނުވާނެއެވެ. އިތުރަށް ދައްކަން އޮންނާނީވެސް ވަކި ކޮން ބޮޑުތަކުރުފާނު ވާހަކައެއް ހެއްޔެވެ؟

ސުޕަވައިޒަރާއި، ކުރިމަތީ އިން ރީތި ޒުވާނާ އަހަަރެންނާ ދިމާލަށް ބަލަހައްޓައިގެން ތިބީ ޖަވާބަަަކަށް އިންތިޒާރުކުާ އުސޫލުންނެވެ. އަހަރެންގެ ސިކުނޑި ވަގުތުން ސުމަކަށް ދިޔައެވެ. ކުރީ އަނެއްކާ ކޮން ސުވާލެއްބާވައެވެ؟ އަހަރެންނަަކަށް ރަނގަޅަށް އަޑެއް ނީވެއެވެ. އަލުން ސުވާލު ތަކުރާރުކޮށްލަން ބުނެފިއްޔާ އޭނާއަށް ގަދަރުނުކުރާ ކަމަށް ބެލެވިދާނެހެއްޔެވެ؟ ސުޕަވައިޒަރު އެކަމާ ރުޅި އިސްކޮށްފާނެއެވެ. ދެން އެންމެ ރަނގަޅުވާނީ އަނެއްކާވެސް ހިނިތުންވެލާފައި މާ ނޫން ގޮތަކަށް ބޯ ޖަހާލުމެވެ. އޭރުން ވާހަކަ ހުއްޓާލި ހިސާބަކުން އެމީހުން ފައްޓަފާނެެއެވެ. ނަސީބު ލައްވާލައިފިއްޔާ އިތުރު ސުވާލަކަށް ނުގޮސް ވާނުވާ އެނގޭވަރު ވެދާނެއެވެ.

ސިކުނޑީގެ ބަސް އަހާ އަހަރެން މަޑު މަޑުން ބޯ ޖަހާލީމެވެ. އޭރުވެސް ބައްތިރީސް ދަތް މޫނުމަތީގައި ވަނީ ސޭލް އަޅުވާލެވިފައެވެ. މިހާރު ދެ ކޮލަށް ތަދުވާވަރު ވެއްޖެއެވެ. މަސްނުވި ހިނިތުންވުމުގެ މައްސަލައަކީ މިއީއެވެ.

އަަހަރެންނަށް ސިހުމެއް ލިބުނީ ކުރިމަތީ އިން ޒުވާނާ ކުއްލިއަކަށް ގޮނޑިން ތެދުވުމުންނެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. އަހަރެންގެ ހިތް މަޑު މަޑުން އޭނާގެ މި ސިފަތައް ނޯޓު ކުރަމުން ދިޔައެވެ. ކޮންކަމަކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. މިއީ މީނާ ފެންނަ އެންމެ ފަހު ފަހަރަށްވުން ވެސް އެކަށީގެންވެއެވެ.

ކޯޓުގެ މެދުގޮށް އަޅުވަމުން ދިޔައިރުވެސް އޭނާގެ ލޯ ހުރީ އަހަރެންގެ ލޮލަށް އަމާޒުވެފައެވެ. އުމުރުން މި ވީހާ ތަނުގައި އެހާ ފުން ނަޒަރަކުން އަހަރެންނާ ދިމާލަށް ފިރިހެނަކު ބަލައިފައެއް ނުވެއެވެ. ލަދު ގަންނަ ގޮތް ވިއެވެ. ދެ ކޮލަށް ބާރުވެ، ހަށިގަނޑުގައި ހުރި ނަމަ ހުރި ލެޔެތް ކޮލަށް ބަރާވާހެން ހީވާން ފެށިއެވެ. މިހާރު ރަތް ޖަންބެކޭ އަހަރެންގެ ދެ ކޮލެކޭ މާ ބޮޑު ތަފާތެއް ނޯންނާނެކަން ޔަގީނެވެ. ދެން ފެނިގެންދިޔައީ އަހަރެން އުއްމީދު ނުކޮށްހުރި މަންޒަރެކެވެ.

ޒުވާނާގެ ހިނިތުންވުމެވެ. ކޮލަށް އެޅިގެން ދިޔަ އަޑިކޮޅު ފެނުމާއެކު އަހަރެންގެ ހިތުގެ ތެޅުން ސީދާ މެކުހަށް ޖަހައިފިއެވެ. ބޮލު ތެރޭގައި އިވެމުންދިޔައީ ރަނގަބީލުގެ އަޑެވެ. މީހަކާ މާ ގަޔާވާހެން އަހަރެންގެ ސިކުނޑިއަށް ހީވެއްޖެއްޔާ ސައިރަން ގެ އަޑު ނޫން ދެވަނަ އަޑެއް ބޮލު ތެރެއަކުން ނީވޭނެއެވެ. ނަމަވެސް މިއަދު އެކަމާ ފަރުވާލެއް ނެތެވެ. އަހަރެން އޭނާގެ މި ހިނިތުންވުން ހިތުގައި ކުރަހާލީމެވެ. އެ ލޯ ފަހު ފަހަރަށް ބަލާލި ވަގުތު އޭގައި ވި ވިދުން ހިތުން ދަސްކޮށްލީމެވެ.

ޒުވާނާ ޖެން އިން ނިކުތުމާއެކު ސުޕަވައިޒަރު އަހަރެންނަށް މަރުހަބާކިޔެވެ. އަހަރެން ހީކުރީ ޑިޝް ގެ މީރުވާހަކަ ދެއްކުމުން އެކަމަށް ސަނާ ކިޔަނީ ކަމަށެވެ. ނަމަވެސް އެ ހިސާބުން ހުއްޓާލާކަށް މީނާ ނޫޅުނެވެ. އަހަރެން އެހާ އަވަހަށް އެއްބަސްވީތީ ކުޑަކޮށް ހައިރާންވި ވާހަކަ ބުނެލިއެވެ. ސިހުން ލިބުނީ ދެނެވެ. އަހަރެންނަށް އަނެއްކާ އެއްބަސް މި ވެވުނީ ކޮންކަމަކާ ބާވައެވެ. ލަދު ނަގާ ދުރަށް ކޮށްޕާލާފައި އަހަރެން ސުޕަވައިޒަރު ގާތު ނާހަން ހުރި ސުވާލު އަހައިފީމެވެ. ވަރަށް ނޫން ގޮތަަކަަށެވެ. ލިބުނު ޖަވާބަކުން އަހަރެންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

އެ ޒުވާނާ އެހީ އަހަރެން އޭނާއާއެކު ޑޭޓް އަކަށް ދާނަންތޯއެވެ. ވިސްނާލުމަކާއި ނުލާ އަހަރެންނަށް އާނ އެކޭ ބުނެވިއްޖެއެވެ. ޖެހިގެން އޮތް ރޭ، މި ވަގުތަށް އަހަރެން ބަލާ އަންނާނޭ ވާހަކަ އޭނާ ބުނެފައި ވޭ ނޫންހެއްޔޭ ސުޕަވައިޒަރު ބުނުމުން އަހަރެންގެ ދެފައިކޮޅުން ވާގި ނުދިޔައީ ކިރިޔާއެވެ. ކޮންމެއަކަސް މިހާރު އާނ އެކޭ ބުނެވިއްޖެއެވެ. އެންމެ ކެއުމަކަށްތާއެވެ. ބޮޑު ވަރަކަށް ވާނީ ކޮން ކަމެއް ހެއްޔެވެ؟

**** ****

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޮޓް ސޯ ޙާއްސަ

    މި ވާހަކަ މި ނިމުނީތަ؟ "ނިމުނީ" އޭ ޖަހާފަނެތުމުންނާއި ވާހަކަ ނިންމާލާފައި އިން ގޮތުން އަދި އެއް ޕާޓް އޮވެދާނެކަމަށް ހީވާތީ..