ލޯ ހިރުވުމަކީ އާންމުކޮށް ކުރިމަތިވާ ކަމެކެވެ. އެލާޖިކްވުމުގެ ސަބަބުން ނުވަތަ މޫސުން ބަދަލުވުމުގެ ސަބަބުން ނުވަތަ ލޮލަށް ކޮންމެވެސް އެއްޗެއް ވެއްޓިގެން ނުވަތަ މާ ގިނައިރު ވަންދެން ސްކްރީނަށް ބެލުމުން ވެސް ލޯ ހިރުވަފާނެއެވެ. މީގެއިތުރުން ބައެއް ފަހަރަށް ބޭނުން ކުރެވޭ ބޭހެއްގެ ސަބަބުން ވެސް ލޯ ހިރުވަފާނެއެވެ.
ލޯހިރުވާނަމަ ގޭގައި ކުރެވިދާނެ ކަންތައްތަކަކީ:
ލޮލުގައި އައިސްޕެކް އެޅުން.
ލޯ ހިރުވާ ނަމަ ލޮލަށް ފިނި ކުރުމަކީ ރަނގަޅު ކަމެކެވެ. ފިނިކޮށް ލޮލަށް އޮއްބާލުމުން ލޯ ހިރުވުން ރަނގަޅުވާނެއެވެ. އަދި އައިސްޕެކެއް ފަދަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ. މީގެއިތުރުން ލޮލުން ދިލަ ނެގުމާއި ލޯ ރަތްވެފައި ހުރުން ފަދަ ކަންތައްތަކަށް ވެސް ލޯ ފިނި ކުރުމަކީ ރަނގަޅު ފަރުވާއެކެވެ.
ލޮލުގައި ފިނިފެން ހޭކުން ނުވަތަ ސާފު އައިސް ކިއުބެއް ނުވަތަ ސާފު ތުވާއްޔެއް ފިނިކޮށްފައި ލޮލުގައި ޖައްސައިގެން އިރުކޮޅަކު ހުރެލާށެވެ. ދުވާލަކު ދެ ފަހަރު ނުވަތަ ތިން ފަހަރު މިގޮތަށް ކަންތައް ކުރާށެވެ.
ސައިފަތް
ސައިފަތުގައި ހިމެނޭ ޓެނިކް އެސިޑްގެ ސަބަބުން ލޮލުގައި ހުންނަ ހިކިކަން ކަނޑުވާލައެވެ. ބޭނުން ކޮށްފައިވާ ސައިފަތް ޕެކެޓެއް ރަނގަޅަށް ފިއްތާލުމަށްފަހު 30 މިނިޓް ވަންދެން ފުރިޖުގައި ބަހައްޓާލާށެވެ. އޭގެފަހުން ސައިފަތް ޕެކެޓް ލޯ މަތީގައި 15 ނުވަތަ 20 މިނިޓް ވަންދެން ބާއްވާލާށެވެ.
ކިޔުކަމްބާ ފޮތި
ކިޔުކަމްބާގައި ހިމެނޭ ވިޓަމިން ބީ6 އާއި ކެލްސިއަމްއާއި މެގްނީޝިއަމް މާއްދާއަކީ ލޮލަށް ރަނގަޅު ފަރުވާއެކެވެ. ކިއުކަމްބާ ދެ ފޮތި ނެގުމަށްފަހު 10 ނުވަތަ 15 މިނިޓްވަންދެން ފިނި ފެނުގައި ބާއްވާލާށެވެ. އޭގެފަހުގައި ކިއުކަމްބާ ފޮތިތައް ލޯ މަތީގައި 10 މިނިޓް ވަންދެން ބާއްވާލާށެވެ. ދުވާލަކު އެއްފަހަރު ނުވަތަ ދެ ފަހަރު މިކަން ކުރުން ރަނގަޅުވާނެއެވެ.
ލޯ ހިރުވާ ނަމަ އަތުން ލޯ އުނގުޅުމުގެ ބަދަލުގައި މި ކަންތައްތަކުގެ އަޖުމަ ބަލައިލާށެވެ.
ލޯ އުނގުޅީމަ މާއަރާމުވެފަ ހިތްހަމަ ޖެހުންލިބޭ.