ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި ދެބެއިންގެ ދެދަރި ބަތަލާ މީރާ ޗޯޕްރާއަށް ފިލުމުތަކުން ފުރުސަތު ނުލިބެނީ ޕްރިޔަންކާގެ ސަބަބުން ކަމަށް އޭނާ ބުނެފިއެވެ. މީރާއަކީ ތަމަޅަ، ޓެލެގޫ އަދި ހިންދީ ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ.

ބޮލީވުޑުގައި މަސައްކަތް ކުރަން ފެށި ފުރަތަމަ ދުވަސްވަރު ޕްރިޔަންކާ ކޮއްކޮ ވެސް އިންޑަސްޓްރީއާއި ގުޅުނު ކަމަށް އަޑުތައް އަރާފައިވީ ނަަމަވެސް ހަގީގަތުގައި އެކަމުގެ އެއްވެސް މޮޅެއް ނުލިބޭ ކަމަށާއި ޕްރިޔަންކާގެ ސަބަބުން ފިލުމުތަކުން ފުރުސަތު ނުލިބޭ ކަމަށް މީރާ ބުނެފިއި ވެއެވެ.

ޒޫމްއަށް ދިން އިންޓަވިއުއެއްގައި މީރާ ބުނެފައިވަނީ ޕްރިޔަންކާގެ ކޮއްކޮއަކަށް ވާތީ، ޕްރޮޑިއުސަރެއް ބޭނުންވާނަމަ އެ ފިލުމަކުން ފުރުސަތު ނުލިބޭ ކަމަށެވެ. ޕްރިޔަންކާ ނުވަތަ ޕަރިނީތީ ޗޯޕްރާއާއި އެއްފަދަކޮށް ވާހަކަ ނުދައްކާ ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޕްރިޔަންކާގެ ސަބަބުން މީރާގެ އެކްޓިންގ ކެރިއަރއަށް އެއްވެސް ފައިދާއެއް ނުކުރި ނަމަވެސް އެކަމުގެ ސަބަބުން މީރާއާއި މެދު މީހުން ދެކޭގޮތް ރަނގަޅު ކަމަށް ބުނެފައިވެއެވެ. އެއީ މީރާއަކީ ވެސް މި ދާއިރާއަށް ލޯ ހުޅުވިފައިވާ މީހަކާއި އެއް އާއިލާއަކުން އައިސްފައިވާ މީހަކަށް ވާތީއެވެ.

މީރާ ޗޯޕްރާ ކުޅެފައިވާ ހިންދީ ފިލުމު ތަކުގެ ތެރޭގައި ހިމެނެނީ ''ގޭންގް އޮފް ގޯސްޓްސް''، ''1920 ލަންޑަން''، ''ސެކްޝަން 375'' ފަދަ ފިލުމުތަކެވެ. މީރާ އެންމެ ފަހުން ފެނިފައިވަނީ ''ކަމަތިޕޫރާ: ދި ޓެޓޫ މާޑާސް'' ކިޔާ ވެބް ސީރީޒަކުންނެވެ. މި ސީރީޒުން މީރާ ފެނިފައިވަނީ ލީޑް ރޯލުންނެވެ.