އިނގިރޭސިވިލާތުގައި ހޫނުގަދަކަން އިންތިހާއަށް ގޮސްފައިވާ މިދުވަސްވަރ ކުރު ސޯޓު ލައިގެން ސުކޫލަށް ދިޔަ ކުދިންތަކެއް ސޯޓު ކުރުކަމަށް ބުނެ ގެއަށް ފޮނުވާލުމުން ސްކޮޓިޝްގެ ފުރާވަރު ފިރިހެން ކުއްޖަކު ދައްތަގެ ސްކާޓް ލައިގެން ސްކޫލަށް ގޮސްފިއެވެ.

ޝޭން ރިޗާޑްސަން ނަމަކަށް ކިޔާ އެ ކުއްޖާ އޭނާގެ ދައްތަގެ ސްކާޓް ލައިގެން ސުކޫލަށް ދިޔުމަށް ނިންމީ މިހާ ހޫނު ގަދަ ދުވަސްވަރެއްގައި ކުރު ސޯޓުލީ ކުދިން ގެއަށް ފޮނުވާލުމުން އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ.

ޝޭން ބުނެފައިވާ ގޮތުގައި ކުރު ސޯޓު ލައިގެން ގެއަށް ފޮނުވާލި 13 ކުދިންގެ ތެރޭގައި އޭނާ ވެސް ހިމެނޭ ކަމަށެވެ. މޮފަޓް އެކަޑަމީގެ މުވައްޒަފެއް މި ކުދިން ގެއަށް ފޮނުވާލާފައިވަނީ ސޯޓުލުމަކީ މަނާކަމެއް ކަމަށް ބުނެއެވެ.

އެ ސުކޫލަށް ވަދެވޭނީ ފަޓުލޫނު ނުވަތަ ސްކާޓް ލައިގެންނެވެ.

މި ގަވާއިދު ކަމުނުދާތީ އޭގެ އަނެއް ދުވަހު ޝޭން ސުކޫލަށް ދިޔައީ އޭނާގެ ދައްތަގެ ސްކާޓް ލައިގެންނެވެ.

''ކޮވިޑުގެ ސަބަބުން މިހާރު ކުލާހުގައި އޭސީ އޮން ނުކުރެ. އެހެންވެ ކުލާސްތެރެ ވަރަށް ހޫނުގަދަ. ކުރު ސޯޓެއް ލައިގެން ސުކޫލަށް އައުމުން ގެއަށް ފޮނުވާލި ކުދިންގެ ތެރެއިން އަހަރެންނަކީ އެކަކު. އެހެންކަމުން އަހަރެން ނިންމީ އަހަރެންގެ ދައްތަ ލެކްސީގެ ސްކާޓް ލައިގެން ސުކޫލަށް އަންނަން'' ޝޭން ބުނެފައިވެއެވެ.

ސުކޫލުގެ ފަރާތުން ބުނެފައިވަނީ މިއީ އެތައް އަހަރެއް ކުރިން ހަދާފައިވާ ގަވާއިދެއް ކަމަށާއި އެއަށް އަދި އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އަދި މިހާރު އެ ގަވާއިދަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު