ބޮލީވުޑުގެ ބަތަލާ ސޮނާކްޝީ ސިންހާ މި ދުވަސްވަރު އެންމެ ކުރާހިތްވާ މަސައްކަތަކީ އެކްޓް ކުރުމެއް ނޫނެވެ. ނެށުމެއް ވެސް ނޫނެވެ. މޮޑެލް ކުރުމެއް ވެސް ނޫނެވެ. ސޮނާކްޝީގެ މިސްރާބު މިފަހަރު އޮތީ މާޖެހުމާއި ދިމާއަށެވެ.

ވަރަށް ހިތްފަސޭހަ ތަނެއްގައި އޮށޯވެލައިގެން އޮވެ ބޮޅަކަށް ފައްތާލައިފައިވާ ފޮތިކޮޅެއްގައި ތިނޯހުން މާޖަހަން ސޮނާކްޝީ އޮތް ފޮޓޯއެއް ހިއްސާކޮށް އޭނާ ބުނެފައިވަނީ އޭނާގެ އަލަށް ކުރާހިތްވި ކަންތައް ކުރުމަށް އެންމެ އެކަށީގެންވާ ތަން ފެނިއްޖެ ކަމަށެވެ.

މީގެ އިތުރުން ސޮނާކްޝީ ވަނީ ތިން ދުވަހުގެ ބުރަ މަސައްކަތުން އޭނާ ފުރިހަމަ ކޮށްފައިވާ މި ފޮތިކޮޅު ދައްކާލައިފައެވެ. އަދި ތިނޯހުން މާ ޖެހުމުގެ މަސައްކަތުގެ ތެރެއިންނާއި މަސައްކަތް ނިމުމަކާއި ގާތްވެފައިވަނިކޮށާއި އަދި ތިން ދުވަހުގެ ބުރަ މަސައްކަތުން ފޮތިކޮޅެއްގައި ތިނޯހުން މާ ޖަހާ ނިންމާފައިވާ ފޮޓޯ ވެސް ސޮނާކްޝީ ވަނީ އޭނާގެ އިންސްޓަގުރާމު ސްޓޯރީގައި ހިއްސާ ކޮށްފައެވެ.

އެތައް ބަޔަކު ލައިކް ދީފައިވާ މި ޕޯސްޓަށް ސޮނާކްޝީ ކޮށްފައިވަ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ކޮމެންޓް ވެސް ކޮށްފައިވެއެވެ.

ސޮނާކްޝީއަކީ މީސް މީޑިޔާގައި ހަރަކާތްތެރި ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން އެއް ފަންނާނެވެ. ފިލުމުގެ ކަންތައްތަކުގެ އިތުރުން އޭނާގެ ގެއާއި ކުރާ ބައެއް ކަންތައްތައް ވެސް ފޮލޯވަރުންނާއި ހިއްސާ ކުރާ ފަންނާނެކެވެ.

ސަލްމާން ޚާނާއި އެކު ފިލުމު ''ދަބަންގ'' އިން ބޮލީވުޑަށް ތަޢާރަފްވި ސޮނާކްޝީ އެންމެ ފަހުން ކުޅެފައިވާ ފިލުމަކީ ''ބޫޖް: ދި ޕްރައިޑް އޮފް އިންޑިޔާ'' އެވެ. މި ފިލުމުގައި ސޮނާކްޝީ މަސައްކަތް ކޮށްފައިވަނީ އަޖޭ ދޭވްގަންއާއި އެކުގައެވެ.