ތިމާގެ އިހުސާސްތައް އެންމެ ރަނގަޅަށް ދެނެގަނެވޭނީ ތިމާއާއި އެއްމާބަނޑު ކުއްޖަކަށް ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. މިގޮތުން އެއްމާބަނޑު ކުދިންނަކީ ވެސް އާއްމުކޮށް ވަރަށް އެކުއެކީގައި ކަންތައްތައް ކޮށްއުޅޭ ކުދިންނެވެ.

މިފަދަ އެއްމާބަނޑު ދެބެއިންނަކީ ބްރިޓަނީއާއި ބްރިއާނާއެވެ. އެއްވަތަރަކުން ހެދުން އަޅައި އެއްވަތަރަކަށް އުޅޭ މި ދެކުދިން ކިޔެވީ ވެސް އެއް ދާއިރާއަކުންނެވެ.

ލޯބީގެ ގޮތުން ގުޅުމަށް ވެސް މިދެމީހުން އިހުތިޔާރު ކޮށްފައިވަނީ އެއްމާބަނޑު ދެބެއިންނެވެ. ބްރިޓަނީއާއި ބްރިއާނާ ބުނެފައިވާ ގޮތުގައި މީހަކާއި ރައްޓެހިވެގެން އުޅުނު ނަމަވެސް ކޮންމެވެސް ކަމެއް މަދުވާ ކަމުގެ އިހުސާސްތައް ކުރެވުނު ކަމަށެވެ.

ނަމަވެސް 2017 ވަނަ އަހަރު އޯހާއޯގައި ބޭއްވުނު ''ޓުވިން ފެސްޓިވަލް'' އިން ޖާރމީއާއި ޖޯޝްއާއި ދިމާވެ ރަހުމަތްތެރިކަން އުފެދުނެވެ. މީސް މީޑިޔާ މެދުވެރިކޮށް ރަހުމަތްތެރިކަން އިތުރަށް ބަދަހިވިއެވެ.

އަނެއް އަހަރުގެ ފެސްޓިވަލަށް އިންތިޒާރު ކުރަމުންއައި މި ހަތަރު މީހުން ވެސް އޭގެ ކުރިން ބައްދަލު ކުރިއެވެ. މި ބައްދަލުވުމުން ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުނެވެ.

ބްރިޓަނީއާއި ބްރިއާނާއެކޭ އެއްފަދައިން ޖާރމީއާއި ޖޯޝްއަކީ ވެސް އެއް ވަޒީފާއެއް އަދާކުރާ އެއްމާބަނޑު ދެބެއިންނާއި ނޫނީ ކައިވެނި ނުކުރުމަށް ނިންމައިގެން ތިބި ދެމީހުންނެވެ.

ބްރިޓަނީއާއި ޖޯޝް އަދި ބްރިއާނާއި ޖާރމީ ކައިވެނި ކުރުމަށް ތައްޔާރުވިއެވެ. އެންގޭޖްވިތާ ހަމަސް ދުވަހުގެ ތެރޭގައި މި ދެ ކައިވެނި ކުރެވުނެވެ.

ކައިވެނި ހަފުލާގެ ޒީނަތްތެރި ކުރުން ވެސް ފެނިގެންދިޔައީ ކޮންމެ އެއްޗެއްގެ ވެސް ''ޓުވިން'' އިންނެވެ.

މި ބައިވެރިން ބުނާގޮތުގައި ދިރިއުޅުމުގެ ގިނަ ކަންތައްތައް ބޭނުންވަނީ އެކީގައި ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ތިފަދަ ކައިވެނިތަކުގައި ވާނޭގޮތަކީ އެކަކާދޭތެރޭގައި މައްސަލައެއްޖެހުނަސް ޢާއިލީގުޅުން ކެނޑި ޚާންދާނު ގަޑުބަޑުވުމެވެ. ދެކޮޅުގައި ތިބީ ދެ އަޚުންނާއި ދެ އުޚުތުންނެވެ. އެކަކަށް ލިބޭ ވޭން އަނެކަކު ތަހައްމަލް ނުކުރަނޭގޮތެއް ނޯންނާނެއެވެ.

    1
    1