ސިންގަޕޫރްގެ މަގުތަކުގައި މީހުން އުޅޭނޫޅޭ ގޮތް ބަލަހައްޓަން ރޮބޮޓް އުފައްދައި، އެ ރޮބޮޓު ޓެސްޓު ކުރުމުގެ މަސައްކަތްތައް ފަށަައިފިއެވެ.

ދުނިޔޭގެ އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުން މިހާރު ދަނީ ދެ އޮޓޯނީމަސް ރޮބޮޓެއްގެ ޓެސްޓް ޓްރައިލްތައް ކުރިއަށްގެންދަމުންނެވެ. މި ރޮބޮޓްތަކުގެ އެހީގައި މީހުންގެ އުޅުން ހުންނަ ގޮތް ބަލާނެއެވެ. އެގޮތުން ކޮވިޑް-19އަށް ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާތޯއާއި، މަނާކޮށްފައިވާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރޭތޯ އާއި، ސައިކަލުތައް ރަނގަޅު ތަނުގައި ޕާކް ކުރޭތޯ ބަލާނެއެވެ. އެފަދަ ކަންކަން ބެލުމުގެ ޓެސްޓު މަރުހަލާތައް ވަނީ ފަށާފައެވެ.

ސިންގަޕޫރްގެ ހޯމް ޓީމް ސައިންސް އެންޑް ޓެކްނޮލޮޖީ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ދެ ރޮބޮޓެއް ގެންގުޅޭއިރު، އޭގައި ކެމެރާ ހަރުކޮށްފައިވާކަމަށެވެ. އޭގެން މީހުންގެ އުޅުން ގޯސްނަމަ އަންގާއިރު، ވަގުތުން އެލާޓްތައް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަށް ފޮނުވާނެއެވެ.

މިހާރު މީގެ ޓެސްޓު ބުރު ކުރިއަށްގެންދަނީ ސިންގަޕޫރްގެ އެންމެ ބާރުބޮޑު ސަރަހައްދުގައެވެ. އެ އެޖެންސީން ބުނީ، ދެ ހަފްތާއަށް ދެމިގެންދާ މި ޓެސްޓުތަކުން ރޮބޮޓްތައް ބޭނުން ކުރާނީ ސަވަޔަލެންސްއަށާއި، މީހުންނަށް ރަނގަޅު މެސެޖްތައް ދިނުމުގައި އާއި ރަނގަޅަށް އުޅުމަށް ނަސޭހަތް ދިނުމަށް ކަމަށެވެ.

އެހެން ނަމަވެސް މި ރޮބޮޓްތައް ޓެސްޓުތައް ކުރިއަށްގެންދާ މި ދުވަސްވަރުގައި ފުލުހުންގެ ބޭނުންތަކަށް ރޮބޮޓްތައް ބޭނުން ނުކުރާނެ ކަމަށެވެ.