ވަރަށް އަގުބޮޑުކޮށް ގަންނަ ފޯނު ވެސް އަތުން ދޫވެ، ވެއްޓި ސްކޫރީންގައި ރެނދުލައި ނޫނީ ކަވަރު ހަލާކު ވާން ނަގަނީ މަދު ސިކުންތުކޮޅެކެވެ. ސްކްރީން ޕްރޮކްޓެކްޓަރާއި ފާޑުފާޑުގެ ކަވަރުތަކުން ވެސް މިކަމަށް އެންމެ އެދެވޭ ހައްލެއް އަދި މިހާތަނަށް މިއޮތީ ނުލިބިއެވެ. ނަމަވެސް މައްސަލައިގެ ހައްލު ދެން އޮތީ މާދުރަކު ނޫނެވެ.
ޖަރުމަންވިލާތުގެ ދަރިވަރަކު މިވަނީ ފޯނުތަކަށް ހެޔޮވަރު "ވައިކުޑައެއް" އުފައްދާފައެވެ.
"މޯބައިލް އެއާބޭގް" ގެ ނަން ދީފައިވާ މިއުފެއްދުމުގެ މޮޅު ކަމަކީ ފޯނު އަތުން ދޫވެގެން ވެއްޓޭނަމަ އެއާބޭގް ނުވަތަ ކޮތަޅު އަމިއްލަ އަށް ހުޅުވޭނެއެވެ. އެހެންކަމުން ބިންމަތީގައި ފޯނު ޖެހުމުގެ ފުރުސަތެއް ނޯވެއެވެ.
ފިލިޕް ޕްރެންޒެލް ނަމަކަށް ކިޔާ އިންޖިއަރިން ދަރިވަރު ބުނާ ގޮތުން މިއީ ފޯނުތައް ވެއްޓި ހަލާކުވުމުގެ މައްސަލައަށް މިވަގުތު ހޯދެން އޮތް އެންމެ ފުރިހަމަ ހައްލެވެ.
މިއުފެއްދުން ހަޤީޤަތަކަށް ހެދުމަށްޓަކައި ކިކްސްޓާޓާސްގައި ދަނީ ފަންޑް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ވަރަށް ގިނަ ބައެއްގެ ތަރުހީބާއި ޝައުގުވެރިކަން މިއުފެއްދުމަށް ލިބިފައި ވާތީ މިއުފެއްދުން ވަރަށް އަވަހަށް ހަޤީޤަތަކަށް ވެގެން ދާނެ ކަމަށް ފިލިޕް އުއްމީދު ކުރެއެވެ.
ފިލިޕް މިހާރު ވަނީ މިއުފެއްދުމަށް ކޮޕީރައިޓް ހައްޤުތައް ވެސް ހޯދާފައެވެ. އޭނާ ނިންމާފައި ވަނީ ނަން މަޝްހޫރު އަގުބޮޑު ފޯނުތަކަށް ހާއްސަކޮށްގެން ފުރަތަމަ "މޯބައިލް އެއާބޭގް" ނެރޭށެވެ. ނަމަވެސް ފުރަތަމަ ނެރުމަށް ހަމަޖެހިފައި ވަނީ ލިމިޓެޑް އަދަދެއްގެ އުފެއްދުމެވެ. އިތުރު އުފެއްދުންތައް ނެރޭނީ ތަރުހީބަށް ބެލުމަށް ފަހު އެވެ.
ފިލިޕްގެ އުފެއްދުމަކީ އެތައް ބައެއްގެ ދިގު އިންތިޒާރަށް އަންނާނެ ނިމުމެއްކަން ޔަގީނެވެ.