ޗިޕްސް ޕެކެޓުގައި ގިނައިން ހުންނާނީ ވަޔެވެ. ޗިޕްސް ހުންނާނީ ވަރަށް މަދުންނެވެ. މިއީ އާއްމުކޮށް ޗިޕްސް ޕެކެޓުތައް ހުންނަ ގޮތެވެ. ނަމަވެސް ޔޫކޭގެ ފިޒިކްސް ޓީޗަރ ޑރ. ޑޭވިޑް ބަޔޮސީއަށް ކަނޑައިލެވުނީ ވައި ވެސް އަދި ޗިޕްސް ވެސް ނެތް ޗިޕްސް ޕެކެޓެކެވެ.

''ކެޓްލްސް ޗިޕްސް އެންޑް ނީޑްލްސް'' ގެ ޗިޕްސް ޕެކެޓު ކަނޑައިލުމުން ޑރ. ޑޭވިޑް ހުރީ އޮޅުން އަރާފައެވެ. ޗިޕްސް ޕެކެޓުން ފެނުނު އެތި ޑޭވިޑް ވަނީ ޓުވިޓާގައި ހިއްސާ ކޮށްފައެވެ.

ޑރ. ޑޭވިޑު ފޮޓޯއާއި އެކު ހިއްސާ ކޮށްފައިވާ މި ޕޯސްޓު ކެޓްލްސް ޗިޕްސް ޔޫކޭއަށް ޓެގްކޮށް ލިޔެފައިވަނީ ޗިޕްސް ޕެކެޓު ކަނޑައިލުމުން ލިބުނީ އަލުތްވެއް ކަމަށެވެ.

މި ޕޯސްޓުގައި ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެންނަނީ ކަނޑާލާފައިވާ ޗިޕްސް ޕެކެޓުގެ މަތީގައި އަލުވި ބާއްވާފައި އޮއްވައެވެ.

ގިނަ ބަޔަކު ލައިދީ އަދި އެކަމާއި ގުޅޭގޮތުން މީހުން ދެކޭގޮތް ހާމަކުރުމަށް އެތައް ބަޔަކު ވަނީ ކޮމެންޓް ވެސް ކޮށްފައެވެ.

ޑރ. ޑޭވިޑުގެ މި ޕޯސްޓަށް ކެޓްލްސް ޗިޕްސްއިން ކޮމެންޓްކޮށް ބުނެފައިވަނީ އެ ޕެކެޓު ތެރޭގައި އަލުތްވެއް އޮންނަންވީ ސަބަބެއް ނޭނގޭ ކަމަށާއި އަދި އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދައި އެކަން ހިނގި ގޮތް ބެލުމަށް ކެޓްލްސް ޗިޕްސްއަށް ޑައިރެކްޓް މެސެޖެއް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ކެޓްލްސް ޗިޕްސްގެ މި ކޮމެންޓަށް ރިޕްލައި ކުރަމުން ޑރ. ޑޭވިޑް ބުނެފައިވަނީ އޭނާގެ އަތުގައި އަދި ވެސް އެ އޮތް ކަމަށާއި އެއީ ވަރަށް ހީނުކުރާ ފަދަ ކަމެއް ކަމަށާއި އަދި ކެޓްލްސް ޗިޕްސްއިން ބޭނުން ނަމަ އެ އެއްކޮށް ވެސް ދީފާނެ ކަމަށެވެ.