ކިޔެވުމަށް ކުދިން ޝައުގުވެރި ކުރުވާ، ސަމާލުކަން ހޯދުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ވަކީން ހާއްސަކޮށް ކުޑަކުދިންގެ ފަރާތުން މިކަން ފާހަގަވެއެވެ.

އެކުދިންގެ އުމުރުގެ ގޮތުން އެއްތަނެއް ގިނައިރު އިންނަން ޖެހުން ނުވަތަ ވަކި ކަމަކަށް ސަމާލުކަން ދިނުމަކީ އުދަނގޫ ކަމެކެވެ. އެހެންކަމުން އެކުދިން ކިޔެވުމަށް ސަމާލުކަން ހޯދުމަށް ވަރަށް މަސައްކަތް ކުރަން ޖެހެއެވެ.

މިގޮތުން ކުޑަކުދިން ކިޔެވުމަށް ސަމާލުކަން ދިނުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަކީ:

ކިޔެވުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުން

ކުއްޖާ ގާތު ކިޔެވުމަށް ބުނުމުގެ ކުރިން ކުއްޖާ ކިޔަވާ ހިތްވާ ކަހަލަ މާހައުލެއް ހޯދަން ޖެހެއެވެ. ކުޑަކުދިންނަށް ބޮޑަށް ކަމުދާ ބާވަތުގެ ތަކެތި އެ ތަނެއްގައި ހުރުން މުހިއްމެވެ. އެގޮތުން ހޮބީ ބޭގެއް ފަދަ އެއްޗެއް ދެވިދާނެއެވެ.

ކިޔެވުމުގެ ތާވަލު ކުދިން ލައްވާ ހެދުން

ކިޔެވުމަށް ނުވަތަ ދުވަހުގެ ތާވަލު ރާވާއިރު ކުއްޖާ ލައްވާ އެކަން ކުރުވާށެވެ. ކުއްޖާ އަމިއްލައަށް ހަދާފައިވާ ތާވަލާއި އެއްގޮތަށް ކަންތައްތައް ކުރުމަކީ އެކުދިން ޝައުގުވެރިވާނެ ކަމެކެވެ.

ބްލެޓިން ބޯޑެއް ތައްޔާރު ކުރުން

މި ބްލެޓިން ބޯޑުގައި ކުއްޖާގެ ތާވަލުތަކާއި ކުއްޖާ ކިޔެވުމުގައި ކުރާ ކަންތައްތަކުގެ ފޮޓޯތަކާއި ކުއްޖާގެ ޕޯސްޓަރުތަކާއި، ކުއްޖާ ބުނެފައިވާ ބުނުން ފަދަ އެއްޗެހި ބަހައްޓާށެވެ. މި ބޯޑު ވާން ޖެހޭނީ ކުދިންގެ ސަމާލުކަން ލިބޭ ގޮތަށް އުފެއްދުންތެރި ގޮތަކަށް ހަދާފައިވާ އެއްޗަކަށެވެ.

ކިޔަވާ ތަނުގައި ބޯޑާއި ޗޯކު ނުވަތަ މާކަރު ބެހެއްޓުން

ކުއްޖާ ކިޔަވާއިރު ކުއްޖާއަކީ ޓީޗަރު ކަމަށް ހަދާށެވެ. ވައިޓް ބޯޑު ނުވަތަ ބްލެކް ބޯޑުގައި ލިޔެގެން ކިޔަވަން ޖެހުމުން ކުދިން އެކަމަށް ޝައުގުވެރިވާނެއެވެ.

މީގެއިތުރުން ކުއްޖާ ކިޔަވަން އިންނަ މޭޒާއި ގޮނޑިއަކީ ކުއްޖާއަށް ފަސޭހަ، ކުއްޖާ އިންނަ ހިތްވާ ފަދަ އެއްޗަކަށް ވާން ވާނެއެވެ.