ބޮލީވުޑުގެ އެކްޓަރ އަދި ނެށުންތެރިއެއް ކަމުގައިވާ ރާކީ ސަވާންތުގެ ފިރިމީހާ އާއްމުންނަށް ދައްކައިލާ، ތަޢާރަފް ކޮށްދީ އޭނާގެ އިންތިޒާރަށް ނިމުމެއް ގެނެސްފިއެވެ.

ބިގްބޮސް 14 ގައި ރާކީ ބުނެފައިވަނީ އޭނާ ކައިވެނި ކުރި ކަމަށެވެ. ނަމަވެސް މީސް މީޑިޔާތަކުން ވެސް ރާކީގެ ފިރިމީހާގެ އެއްވެސް ވާހަކައެއް އަޑުއިވިފައި ނެތުމުން ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތިވިއެވެ.

ރާކީ ބުނެފައިވަނީ އޭނާގެ ފިރިމީހާ އެންމެންނަށް ތައާރަފު ކޮށްދީ ކައިވެނި ކޮށްގެން އުޅޭކަން ސާބިތު ކޮށްދޭނެ ކަމަށެވެ.

ބިގްބޮސް 15 އަށް ފިރިމީހާ ރިތޭޝް ގެނެސް ރާކީ ކައިވެނި ކޮށްގެން އުޅޭކަން އެންމެންނަށް މި ވަނީ އަންގައިދީފިއެވެ.

ރިތޭޝް ޝޯވއަށް އައުމުން އޭނާއަށް މަރުހަބާ ކިޔައިފައިވަނީ ވެސް ރާކީއެވެ އަދި މުޅި އިންޑިޔާގެ ރައްޔިތުން އިންތިޒާރު ކުރަމުން އައީ ރިތޭޝް ދެކިލުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރިތޭޝް އާއި ރާކީ ވަނީ ބިގްބޮސްގެ ގޭގެ އެތެރެއަށް ގޮސް ބައިވެރިންނާއި ބައްދަލު ކޮށްފައެވެ.

ރިތޭޝް އާއި ރާކީ ކައިވެނި ކުރެވުނު ގޮތް ކިޔައިދެމުން ރިތޭޝް ބުނެފައިވަނީ ރާކީ އެންމެ ފުރަތަމަ މެސެޖު ކުރީ އޭނާ ކަމަށެވެ.

ފުރަތަމަ މެސެޖު ކުރުމުން ރާކީ އޭނާގެ ނަންބަރު ބްލޮކް ކުރި ކަމަށާއި އަނެއްކާ ވެސް ދުވަސްތަކަކަށް ފަހު މެސެޖުކޮށް ވާހަކަ ދައްކަން ފެށި ކަމަށެވެ.

ކައިވެނި ކުރުމަށް އެންމެ ފުރަތަމަ ހުށަހަޅައިފައި ވަނީ ރާކީ އެވެ. އަދި އޭގެ ފަހުން ވަރަށް އަވަހަށް ކައިވެނި ކުރި ކަމަށް ވެސް ރިތޭޝް ބުނެފައިވެއެވެ.

ރާކީއާއި ރިތޭޝް ކައިވެނި ކޮށްގެން އުޅޭތާ ދެ އަހަރު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު