ޓްވިޓާގެ ޗީފް އެގްޒެޓިވް އޮފިސަރ (ސީއީއޯ) ޖެކް ޑޯސޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން ޓްވިޓާގެ ސީއީއޯގެ މަގާމާއި ހަވާލުވީ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީޓީއޯ) ޕެރާގް އެގްރަވެލް އެވެ.

ޖެކް ސީއީއޯގެ މަގާމުން އިސްތިއުފާ ދިންކަން އިއުލާންކޮށް ނެރުނު ބަޔާނެއްގައި ބުނީ އޭނާ ސީއީއޯގެ މަގާމުން އިސްތިއުފާ ދިނީ ކުންފުނި އުފެއްދި މީހުން މިހާރު ކުންފުނި ހިންގުމުން އެއްފަރާތައް ޖެހެން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

ޖެކް ޓްވިޓާގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދިން ޚަބަރާއިއެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ %3 އުފުލިފައެވެ.

ޖެކް ޓްވިޓާގެ ސީއީއޯ ކަމުން އިސްތިއުފާ ދިން ނަމަވެސް 2022 ވަނަ އަހަރު އޭނާގެ ދައުރު ހަމަވަންދެން ކުންފުނީގެ ބޯޑުގައި އިންނާނެއެވެ.

ޖެކް ޓްވިޓާ ހިންގުމުގެ އެންމެ އިސް މަގާމުން އިސްތިއުފާ ދީފައި މިވަނީ އެކުންފުނިން 2023 ވަނަ އަހަރަށް ބޮޑެތި އަމާޒުތަކެއް ކަނޑައަޅާފައި ވަނިކޮށެވެ. އެކުންފުނިން ކަނޑައަޅާފައި އޮތް އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރު ނިމެންވާއިރަށް ދުވާލަކު ޓްވިޓާ ބޭނުން ކުރާ މީހުންގެ އަދަދު 315 މިލިއަނަށް އިތުރު ކުރުމާއި ކުންފުނީގެ ފައިދާ ދެގުނަ ކުރުމެވެ.

ޓްވިޓާގެ ސީއީއޯ ކަމާއި މިއަދު ހަވާލުވި އެގްރަވެލް އަކީ 2017 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ ސީޓީއޯ އެވެ. ސީޓީއޯގެ މަގާމަށް އައުމުގެ ކުރިން ވެސް އޭނާ ވަނީ ކުންފުނީގެ އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ.

ޖެކް އަކީ 2006 ވަނަ އަހަރު ޓްވިޓާ އުފެއްދުމުގައި އެންމެ އިސްކޮށް ހުރި އެކެކެވެ. އޭނާ ވަނީ ކުންފުނި އުފައްދައިގެން 2008 ވަނަ އަހަރާއި ހަމައަށް ސީއީއޯ ކަން ކޮށްފައެވެ. އެއަށްފަހު ސީއީއޯ ކަމަށް އައީ ޑިކް ކޮސްޓޯލޯ އެވެ. އޭނާ 2015 ވަނަ އަހަރު މަގާމުން އިސްތިއުފާ ދިނުމުން އަނެއްކާވެސް ޖެކް އެމަގާމަށް އައެވެ.