ކޮމެޑިއަން އެކްޓަރ ބާރުތީ ސިންގްއާއި ހަރުޝް ލިމްބާޗިޔާއަށް ދަރިއަކު ލިބެން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

ކޮމެޑީ ސާރކަސްއިން ފެށިގެން ބެލުންތެރިން ހެއްވާލާފައިވާ ބާރުތީ ސިންގްއަށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ލިބި ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ދެމަފިރިން އެކުގައި ރިއަލިޓީ ޝޯތައް ހުށަހަޅައިދެމުންދާ މި ދެމަފިރިން ހުށަހަޅައިދޭ ޝޯތަކުގައި ދެމީހުން ވެސް ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ވާހަކަތައް ހިއްސާ ކޮށްފައެވެ.

ބާރްތީއާއި ހަރުޝްގެ ސަޕޯޓަރުން އިންތިޒާރު ކުރަމުން ދިޔައީ މި އުފާވެރި ޚަބަރަށެވެ.

ހަރުޝްއާއި ބާރުތީއާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބާރުތީ ބަނޑުބޮޑު ކަމަށެވެ.

''މިހާރު އެއީ ވަރަށް ނާޒުކު ސްޓޭޖެއް. ބާރުތީ މިހާރު އޮތީ ބެޑް ރެސްޓުގައި. މަސައްކަތްތަކުން ވެސް ވަނީ ބްރޭކެއް ނަގާފައި. ބާރުތީ މިހާރު ބޭރަކަށް ވެސް ނުދޭ'' ބާރުތީއާއި ހަރުޝްގެ ރަހުމަތްތެރިޔާ ބުނެފައިވެއެވެ.

މީޑިއާތަކުން ބާރުތީއާއި މި ސުވާލު ކުރުމުން، އެކަމަށް އެއްބަސްވެފައެއް ނުވަތަ އެކަމާ ދެކޮޅު ހަދާފައެއް ވެސް ނުވެއެވެ. އަދި އެކަމަށް އެންމެ އެކަށޭނަ ވަގުތު އައުމުން ބާރުތީ އަމިއްލައަށް އެ ޚަބަރު މީޑިޔާތަކާއި ހިއްސާ ކުރާނެ ކަމަށް ވެސް ބާރުތީ ބުނެފައިވެއެވެ.

އަދި ބަނޑުބޮޑުވުން ފަދަ ކަންތައްތަކަކީ ސިއްރު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ބާރުތީ ބުނެފައިވެއެވެ.

ބާރުތީއަކީ އެކި ޗެނަލްތަކުން ގެނެސްދޭ ޝޯތައް ހުށަހަޅައިދިނުމުގެ އިތުރުން އޭނާގެ އަމިއްލަ ޝޯއެއް ވެސް ހުށަހަޅައިދޭ އަދި ކަޕިލް ޝަރުމާގެ ޝޯގައި ވެސް މަސައްކަތް ކުރަމުންދާ ފަންނާނެކެވެ.