އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ގެސްޓުންނަށް މާސްކަކީ އިހްތިޔާރީ އެއްޗަކަށް ހަދަން ޑިޒްނީ ވޯލްޑުން ނިންމައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ޒިޔާރަތް ކުރާ ޑިޒްނީ ވޯލްޑުން މިގޮތަށް ނިންމި އިރު، އެ ކުންފުނީގެ ވެބްސައިޓްގައި ވާ އަޕްޑޭޓަކުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުގެ މެދުތެރޭގައި ތައާރަފުކުރި ސިޔާސަތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މާސްކުގެ މެންޑޭޓަށް ލުއި ދޭން ފަށާފައި މިވަނީ ޔުނިވާސަލް އޯލަންޑޯ ރިސޯޓާއި ކްރޫޒް އޮޕަރޭޓަރު ނޯވޭގެ ކްރޫޒްލައިން ހޯލްޑިންގްސް ލިމިޓެޑުން ވެސް އެ ކުންފުނީގެ ގެސްޓުންނަށް މާސްކު ނާޅައި އުޅެވޭނެ ފުރުސަތުތައް ދިނުމާއި ގުޅިގެންނެވެ.

ވޯލްޓް ޑިޒްނީ ކޯ އިން އޮޕަރޭޓް ކުރާ އެމެރިކާގެ ފްލޮރިޑާގެ އޯލަންޑޯގައި ހުންނަ ޑިޒްނީ ވޯލްޑުން ބުނީ ތިއޭޓަރުތައް ވެސް ހިމެނޭ ގޮތަށް ހުރިހާ އިންޑޯ ސަރަހައްދުތަކެއްގައި ވެކްސިން ނުޖަހާ ގެސްޓުންނަށް މޫނު ނިވާކޮށްގެން ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޑިޒްނީ ވޯލްޑާއި ޑިޒްނީލޭންޑުން ވެސް ބުނީ ޕަބްލިކް ދަތުރުފަތުރު ކުރާއިރު އާއި ބައެއް އިންޑޯ ތަންތަނުގައި ވެކްސިން ފުރިހަމަ ކުރިކަމުގައި ވިޔަސް އަދިވެސް މާސްކު އަޅަން މަޖުބޫރު ވާނެ ކަމަށެވެ.

އެމެރިކާގެ ބޮޑެތި ގިނަ ފާމްތަކަކުން ދަނީ އެ ކުންފުނިތަކުގެ މަސައްކަތްތެރިންނަށް މާސްކު އިހްތިޔާރީ ކޮށްދީފައެވެ. އެގޮތުން ޖޭޕީމޯގަން ޗޭސް ކޯ އިން ވެސް ވަނީ މި ފަސޭހަ ފުރުސަތު މުވައްޒަފުންނަށް ދީފަ އެވެ.