"މިފްޒާލް!" ޒާހީ މިފްޒާލާއި އެކުގައި ތަހުޤީޤުކުރާ ކޮޓަރިން ނުކުތެވެ. "ތި ދެއްވި ނުހަނު ގިނަގުނަ މައުލޫމާތުގެ ބަދަލުގައި އަހަރެން މިފްޒާލަށް ނަމެއް ބުނެދޭން ބޭނުންވޭ!"
"އެއީ ކޮން ނަމެއްތޯ؟" މިފްޒާލްގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ.
"އެއީ ނަފާޒާގެ ނަން!" އަލީފް ތަހުޤީޤުކުރާ ކޮޓަރި ކައިރިއަށް އައީ އަވަސް ހިނގުމެއްގައެވެ. "އާނ! މިފްޒާލަށް ލޯބިވެވުނީ ނަފާޒާއޭ ކިޔައި ކުއްޖެއް ދެކެ!"
"ކިހިނެއް..؟" ޒާހީ ދެއްކި ވާހަކަ އަލީފް މެދު ކަނޑައިލިއެވެ.
"އަހަރެން އެތަނުގައި އިން ކުއްޖާ މެދުވެރިކޮށް ޒާހީމެން ދެއްކި ވާހަކަތައް އަޑު އެހިން." އަލީފް މިފްޒާލާ ދިމާއަށް އެއް ލޯ މަރައިލިއެވެ.
"އަލީފްވެސް މިކަމުގައި އެބަ އުޅެންތަ؟" މިފްޒާލް ހުރީ ހުރިހާ ކަންކަމެއް ވެ ނިމިގެންދާލެއް އަވަސްކަމުން ހައިރާންވެ އަންތަރީސްވެފައެވެ. "މިކަމުގައި އަލީފް އުޅެންޏާ އަހަރެންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް މިކަމަށް ދޭނަން!"
"މިފްޒާލް އަލީފް ދަންނަންތަ؟" ޒާހީއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ޔޭސް!" އަލީފާއި މިފްޒާލަށް އެކޮށް ކަހަލައިން އާއެކޭ ބުނެވުނެވެ.
"އެއީ އަހަރެންގެ އޮފީހަށް ކޮންސަލްޓެންޓް ކުރަށް އައި ރަހްމަތްތެރިއެއްގެ ކޮއްކޮއެއް!" އަލީފްގެ ފަރާތުން ޒާހީއަށް މިފްޒާލް ތާއަރަފްކޮށްދިނެވެ. "އެއިރު މިފްޒާލްވެސް އެހެން ދޭތެރެ ދޭތެރެއިން އޮފީހަށް އަންނާނެ!"
"ކިހިނެއް ކަންތައްތައް؟" މިފްޒާލް އަލީފާއި ސަލާމްކުރުމަށް އަތް ދިއްކޮށްލިއެވެ. "ހާދަ ދުވަހެއްވެއްޖޭ ދިމާނުވާތާ!"
"ކަންތައްތައް ރަނގަޅު! އެކަމަކު މި ދިމާވެގެން އުޅޭ ކަންކަމުން ސަލާމަތްވީމަ ހުރިހާ ކަމެއް ރަނގަޅޭ ބުނެވެން އޮތީ!" އަލީފް ފުން ނޭވައެއް ބޭރަށް ދޫކޮށްލިއެވެ. "ދެން ދިމާވާށޭ ކިޔައިފަ ވަގުތެއްވެސް ނުލިބޭ!"
"އަލީފް ކިހިނެއް އަހްލާމް ދަންނަނީ؟" މިފްޒާލްގެ ހިތުގައި އުފެދެމުންދިޔަ ސުވާލުގެ ޖަވާބުލިބޭތޯ އޭނާ މަސައްކަތްކުރިއެވެ. "އަހަރެންނަށް އަހްލާމް އެނގެނީ ނަފާޒާގެ ސަބަބުން."
"އަހްލާމް އެއީ އޮފީސް ކުއްޖެއް!" އަލީފް ޖަވާބު ދިނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. "ވަރަށް ފަހުން އޮފީހަށް ޖޮއިން ކުރީ! ދެން ކުއްލިއަކަށް ގެއްލުނީ! ނަފާޒާ އެދުނީމަ އަހަރެން މިކަމުގައި މިވަރަކުން މި އުޅޭނީ!"
"މި ވަގުތު މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫންދޯ؟ އަދި ބުނަން! ކޮންމެވެސް ބޭބެ ގާތު މި ވާހަކަ ނުދައްކައްޗޭ!" މިފްޒާލް އަލީފަށް ހިނިތުންވެލިއެވެ. "އެހެން ނޫނީ އަހަރެން ހަލާކުވެދާނެ! އިރާދަކުރެއްވިއްޔާ އަދި ފެންނާނެ!"
"ކޮބައި! ހިނގައި ދަމައި!" ޒާހީ ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. "އަދި މިކަމުގައި އެއްވެސް ކޮޅެއް ނުފެނި މިދަނީ!"
"އާނ! އޭރުވެސް މިފްޒާލްގެ ނަން ކިޔުމުން، އަހަރެން ދަންނަ ކުއްޖެއްކަން އެނގުނު!" އަލީފް ޒާހީގެ ފަހަތުން ހިނގައިގަތެވެ. "އެކަމަކު އޭނާގެ ފޮޓޯއެއް ނުފެއްނާތީ އެއީ އަހަރެން ދަންނަ މިފްޒާލޭ ބުނަން ނޭނގުނީ!"
"އަހަރެން ވަރަށް ރަނގަޅަށް އޭނާގެ ހަރަކާތްތަކަށް ބެލިން!" ޒާހީ ގޮސް ސައިކަލަށް އެރިއެވެ. "އެއީ މީހަކު ވަގަށް ނަގައި މީހަކަށް ދެރައެއް ދެވޭވަރަށްވުރެއް ނިކަމެތި ކުއްޖެއް!"
"އާނ! އެއީ ވަރަށް ރަނގަޅު ކުއްޖެއް! އެފަދަ ގޯސް ކަމެއް އޭނާއެއް ނުކުރާނެ!" އަލީފް ޒާހީގެ ވާހަކައަށް އެއްބަސްވިއެވެ. "އެމީހުންގެ ފެމިލީ އަހަރެން ދަންނަމޭ!"
"އަހަރެން މިގަޑީގައި މިދަނީ ގެއަށް!" ޒާހީ ސައިކަލުގެ އިންޖީނު އިސްޓާޓްކޮށްލިއެވެ. "ޚަބަރެއް ވާނަން! އޮކޭ ބްރަދަރ!"
"އޯކޭ! ތެންކި ޔޫ!" އަލީފްވެސް ގެއާ ދިމާއަށް ދިއުމަށް ހިނގައިގަތެވެ.
އަލީފް ފުން ނޭވާއެއް ހަށިން ބޭރުކޮށްލިއެވެ. މޫދުން ނަގަމުން ދިޔަ ރާޅުތަކަށް އޭނާގެ ނަޒަރު ހުއްޓައިލިއެވެ. އަހްލާމްގެ ބުރުސޫރަ އޭނާގެ ސިކުނޑީގައި ކުރެހި ކުލަޖެހެމުން ދިޔައެވެ. އަހްލާމްގެ ޚަބަރެއް ނުވެ ފާއިތުވާ ކޮންމެ ދުވަހަކުން، އޭނާގެ ހިތުގައި އަހްލާމް ފެންނާނެ ކަމާމެދު އުފެދޭ ވަހުމްތައް ގިނަވަމުން ދިޔައެވެ. އެކަމުން އޭނާގެ ދިރިއުޅުން ވީރާނާވާ މަންޒަރު ކިތަންމެ ފަހަރަކު އޭނާއަށް ހުވަފެންތަކުން ފެނިގެންދެއެވެ.
އެހެނަސް އޭނާގެ އުއްމީދެއް ކަނޑައެއް ނުލައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަކީލުކުރާލެއް ބޮޑުކަމުންނެވެ. ކޮންމެ ނަމާދެއްގެ ފަހުން އަހްލާމް ފެނުމަށް އެދި އަލީފް ބަރާބަރަށް ދުޢާކުރަމުން ދެއެވެ. އަހްލާމް ނުފެނިއްޖެނަމަ އޭނާގެ ހަޔާތަށް އައިސްދާނެ ނިކަމެތި ކަމުގެ ބިރައްޓަކައެވެ. އޭނާގެ މައިންބަފައިންނަށް އެކަމުން ކުރާނެ އަސަރެއްގެ ބޮޑުކަމުންނެވެ.
"އަލީފް! ވަގުތުކޮޅެއް ދީބަލަ!" މިފްޒާލް ފުލުސް އޮފީހުން ނުކުމެގެން އަލީފާއި ދިމާއަށް އައީ ބާރުބާރަށެވެ. "އަހަރެން ބުނީ އަހަރެންނަށް އެބަޖެހޭ އެހީތެރިކަމެއް ފޯރުކޮށްދޭން!"
"ހިއްހިއް! އެކަމާ ހާސްނުވޭ ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ބަރާބަރަށް!" އަލީފް ޖީބުން ފޯނު ނަގައި ވަރަށް ފަރިތަކަމާއެކު މިފްޒާލަށް މެސެޖެއް ފޮނުވާލިއެވެ. "ތިއީ ނަފާޒާގެ ނަންބަރަކީ! ކެރިގެން ކުރިމަތިލީމަ ކާމިޔާބުވާނީ! ބުނަން ބުނަން ހުރީމަ ފަހުން އެކަމުން އުފަލެއް ނުލިބި ހިނގައިދާނެ! މާދަމާ އަންނާނެ ކަމަށް މިއަދުގެ މަސައްކަތްތައް ފަސްނުކުރާތި!"
"ޝުކުރިއްޔާ! އެނގޭ މިއީ އެންމެ މުނާސަބު ވަގުތު ނޫންކަންވެސް!" މިފްޒާލް އިސް ދަށަށް ޖައިލިއެވެ. "އެކަމަކު.. އަހަރެންގެ ހިތް ހަމަ އޮބި ނޯންނާތީވެ!"
"ނޫނޭ! މިއީ އެންމެ މުނާސަބު ވަގުތަކީ! ނަފާޒާ މިހާރު އެދެމުންދާނީ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް!" އަލީފް މިފްޒާލަށް ހިތްވަރުދިނެވެ. "އަހްލާމް ނެތް ތަނުގައި އޭނާއަށް އެހެން މީހެއްގެ ފަރާތުން ހިތްވަރު ބޭނުންވާނެ!"
"އަހަރެން ކިހިނެއް ހިތްވަރު ދޭނީ؟" މިފްޒާލަށް ކޮށްލެވުނީ ސުވާލެކެވެ.
"ނަފާޒާއާ ވާހަކަ ދައްކާލަބަލަ! އޭރުން ތި ދެ ކުދިންނަށްވެސް މަގު ފެނިގެން ދާނެ!" އަލީފް ދެމުންދިޔަ ކޮންމެ ނަސޭހަތަކީ އޭނާގެ އަމިއްލަ ނަފުސަށް ދެވޭ ނަސޭހަތަކަށް ހެދިއެވެ. "އަހްލާމް ހޯދުމުގެ މަސައްކަތުގައި، މިފްޒާލްގެ ފަރާތުން އަހަރެން އެދެނީ ނަފާޒާގެ ކަންކަން މިފްޒާލް އެންމެ ގާތު ބެލެހެއްޓުން!"
"އެންމެ ރަނގަޅު! އަހަރެން ތިގޮތަށް ތިކަންކަން ބަލަހައްޓާނަން!" މިފްޒާލް އަލީފާއި ސަލާމްކޮށްލުމަށްފަހު ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
މިފްޒާލް އޮތީ އޭނާގެ ބަންކް އެނދުގެ އެންމެ މަތީގައެވެ. ފޯނުގައި އޮތް ނަފާޒާގެ ނަންބަރަށް ބަލަހައްޓައިގެންނެވެ. އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ ނަފާޒާގެ ސޫރައެވެ. އެކަމަގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އިރުއިރުކޮޅުން ހިންދިރުވައިލެވެނީ ނިކަން ގަދަކަމުންނެވެ.
މިފްޒާލްގެ ހިތް ބުނަމުން ދިޔައީ ފޯނުކުރާނީބާވައޭ، ނޫނީ މެސެޖެއް ފޮނުވާލާނީބާވައެވެ. ގޮތެއް ނުނިމިފައި އެތައް އިރެއް ވަންދެއް އޭނާ އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތެވެ. އެހެން އޮވެފައި، ނިކަން ޖެހިލުންވެ ހުރެ މިފްޒާލް ނަފާޒާގެ ނަންބަރަށް ގުޅައިލީ އަލީފް ދިން ނެސޭހަތްތައް ސިކުނޑީގައި އެނބުރެން ފެށުމުންނެވެ.
(ނުނިމޭ)
ވަރަ ހަބޭސް