އެމެރިކާގެ ކެލިފޯނިއާގެ ގާނޫނުތަކާއި ހިލާފުވިކަމަށް ފޭސްބުކް އިން އެއްބަސްވެ، ފޭސްބުކް ބޭނުން ކުރި ބައެއް މީހުންނަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޭން ފޭސްބުކް އިން އެއްބަސްވެއްޖެއެވެ.

މިހާރު ފޭސްބުކް ހިންގާ ކުންފުނި ކަމަށްވާ މެޓަރ އާއި ދެކޮޅަށް ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި މައްސަލައިގައި އެކުންފުނިން މިއަދު ވަނީ ފޭސްބުކް ބޭނުން ކުރި އެމެރިކާގެ ބައެއް މީހުންނަށް 37.5 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން އެއްބަސްވެފައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 576 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ފޭސްބުކް އެކައުންޓް ހުޅުވާފައި ތިބި މީހުން ފިޔަވައި އެހެން ބަޔަކަށް މިބަދަލެއް ނުލިބޭނެއެވެ. އެހެންކަމުން ދިވެހިންނަކަށް ވެސް މިބަދަލު ލިބުމުގެ ފުރުސަތެއް ނެތެވެ.

ފޭސްބުކް އާއި ދެކޮޅަށް ބަޔަކު އެމެރިކާގެ ކޯޓަށް މައްސަލަ ހުށަހެޅީ އެމީހުންގެ ހުއްދަ ނެތި އެމީހުންގެ ލޮކޭޝަން ފޭސްބުކް އިން ބަލާފައި ވާތީއެވެ. ފޭސްބުކް އިން ކޯޓުގައި އެއްބަސްވި ގޮތުގައި ފޯނުގެ ލޮކޭޝަން ބޭނުން ކޮށްގެން ފޭސްބުކް ބޭނުންކުރާ މީހުން އުޅުނު ތަންތަން އެކުންފުނިން ވަނީ ބަލާފައެވެ.

ފޭސްބުކް އިން އެއްބަސްވި ގޮތުގައި އެކުންފުނިން ވަނީ މީހުންގެ ފޯނުން ޑޭޓާ އޮފް ކޮށްލުމުން ވެސް އެމީހުންގެ ލޮކޭޝަންތައް ބަލާފައެވެ. އެއީ ކެލިފޯނިއާގެ ގާނޫނުގެ އިތުރުން ފޭސްބުކް އިން އަމިއްލަ އަށް ހަދާފައިވާ މީހުންގެ ޒާތީ މައުލޫމާތުތައް ބެލުމުގެ އުސޫލާއި ވެސް ހިލާފަށް ކޮށްފައިވާ ކަމެކެވެ.

ފޭސްބުކް އިން މީހުންގެ ލޮކޭޝަންތައް ބަލާފައި ވަނީ އެމީހުންނަށް ހާއްސަ އިސްތިހާރުތައް ފޭސްބުކް އިން ފެންނަ ގޮތް ހެދުމަށެވެ.

2018 ވަނަ އަހަރު ކޯޓަށް ހުށަހެޅި މިމައްސަލަ މިއަދު ނިންމި އިރު ފޭސްބުކް އާއި މައްސަލަ ހުށަހެޅި މީހުންނާއި ދެމެދު އެއްބަސްވެފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން އެމެރިކާގައި ފޭސްބުކް ބޭނުން ކުރި މީހުންނަށް ގެއްލުމުގެ ބަދަލު ދިނުމަށެވެ.

ނަމަވެސް ބަދަލުގެ ގޮތުގައި ކޮންމެ މީހަކަށް ލިބޭނެ މިންވަރެއް އަދި އިއުލާނެއް ނުކުރެއެވެ. މީހުންނަށް ބަދަލުގެ ގޮތުގައި ދޭނެ މިންވަރާއި ބަދަލު ދޭނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.