ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ މަގުބޫލު ޑައިރެކްޓަރެއް ކަމުގައިވާ ކަރަން ޖޯހަރްގެ ''ކުޗް ކުޗް ހޯތާހޭ'' ފިލްމު ޝާހުރުކް ޚާން ކުޅުމުން ޝާހުރުކް ޚާންގެ މައިދައިތަ ހިތްހަމަ ނުޖެހުނު ކަމަށް ޝާހުރުކް ޚާންގެ އަންހެނުން ގޯރީ ޚާން ބުނެފިއެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުންގެ ގޭގެ އިންޓީރިއާ ޑިޒައިން ކޮށްފައިވާ ގޯރީ ޚާން މި ވާހަކަ ހިއްސާ ކޮށްފައިވަނީ ނެޓްފްލިކްސް އިން ދެއްކި ''ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސް'' ގެ ދެވަނަ ސީޒަންގައެވެ.

''ޝާހުރުކް ޚާންގެ ފިލްމު ތަކުގެ ތެރެއިން ކުޗް ކުޗް ހޯތާހޭއަކީ އަހަރެންނަށް އެންމެ ކަމުދާ ފިލްމު. ނަމަވެސް ޝާހުރުކް މި ފިލްމު ކުޅޭކަން އެނގުމުން މަންމަ ހިތްހަމަ ނުޖެހުނު. އެއީ ކަރަން ޖޯހަރްގެ ފިލްމަކަށް ވީމަ. އެއިރު މަންމަ ގަބޫލު ކުރާ ގޮތުގައި ކަރަންއަށް ފިލްމެއް ޑައިރެކްޓް ކުރުމުގެ ގާބިލު ކަމެއް ނެތް. ނަމަވެސް ކަރަންއަށް ފިލްމެއް ޑައިރެކްޓް ކުރެވިދާނެ ކަމުގެ ޔަގީންކަން އެއިރު އޮތީ އެންމެ މީހަކަށް. އެއީ އަހަރެން'' ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސްގައި ގޯރީ ބުނެފައިވެއެވެ.

ގޯރީ ޚާން މިހާރު ތައްޔާރު ވަމުން ދަނީ އޭނާގެ އަމިއްލަ ޝޯއެއް އުފެއްދުމުގެ މަސައްކަތެވެ. ''ޑްރީމް ހޯމްސް'' މި ޝޯގައި ދައްކުވައިދޭނީ ބޮލީވުޑުގެ މަގުބޫލު ފަންނާނުންގެ ގޭގެ އިންޓީރިއާ ޑިޒައިން ކުރުމުގައި ގައުރީ ޚާންގެ ދަތުރެވެ.

ގޯރީގެ މި ޝޯގައި ބޮލީވުޑުގެ ޑައިރެކްޓަރ ފަރަހް ޚާންއާއި ބަތަލާ މަލައިކާ އަރޯރާގެ ގޭގެ އިންޓީރިއާ ޑިޒައިން ކުރުންތައް ވެސް ދައްކުވައިދޭނެއެވެ.