މަޝްހޫރު ސްޓްރީމިން ވެބްސައިޓް ނެޓްފްލިކްސް އިން ފްލައިޓްއެޓެންޑެއްގެ ވަޒީފާގެ ތަޖުރިބާ ލިބިފައިވާ މީހުން ވަޒީފާއަށް ހޯދަން ފަށައިފިއެވެ. ނެޓްފްލިކްސް އިން ބުނާ ގޮތުގައި އެކުންފުނީގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ހަމައެކަނި ޝަރުތަކަށް އޮތީ ފްލައިޓްއެޓެންޑެންޓެއްގެ ތަޖުރިބާ ލިބިފައި ވުމެވެ. މުސާރައަކީ އަހަރަކު 385000 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 5.9 މިލިއަން ރުފިޔާ އެވެ. މަހަކަށް ބަލާނަމަ ގާތްގަނޑަކަށް ފަސްލައްކަ ރުފިޔާއެވެ.

ނެޓްފްލިކްސް އިން ބުނާ ގޮތުގައި ވަޒީފާއަށް ކުރިމަތިލާ މީހަކީ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގައި ވަރަށް ފުރިހަމަ ގާބިލްކަމެއް ހުރި މީހަކަށް ވާން ޖެހޭނެއެވެ. އަދި އެމީހަކީ ކަންކަމުގައި ގޮތް ނިންމަން މިނިވަންކަމާއިއެކު ހިޔާލުތައް ހުށަހަޅަން އެނގޭ މީހަކަށް ވެސް ވާން ޖެހޭނެއެވެ.

އޭގެ އިތުރުން އެމީހަކީ ބަރުދަނުގައި 13.6 ކިލޯ ހުންނަތަކެތި އުފުލުގެ ގާބިލްކަން ހުރި މީހަކަށް ވާން ޖެހެއެވެ.

މިވަޒީފާ އަދާކުރަން ޖެހޭނީ އެމެރިކާގެ ކެލިފޯނިއާގައެވެ. ނަމަވެސް ވަޒީފާއަށް ކުރިމަތިލާ މީހަކީ ކޮންމެހެން އެމެރިކާ މީހަކަށް ވާކަށް ނުޖެހެއެވެ. އެމީހަކީ އެމެރިކާ އަށް ދަތުރު ކުރުމުގެ ހުއްދަ އޮންނަ މީހަކަށްވުމުން ނިމުނީއެވެ.

ނެޓްފްލިކްސް އިން ހޯދަން އުޅޭ ކެބިންކްރޫއަކު ކުރަން ޖެހޭ މަސައްކަތުގެ މާބޮޑު ތަފްސީލެއް ނެޓްފްލިކްސް އިން ހާމައެއް ނުކުރެއެވެ.

އެމެރިކާގައި އާއްމު ގޮތެއްގައި ފްލައިޓްއެޓެންޑެންޓެއްގެ އެއަހަރު ދުވަހުގެ މުސާރައަކީ 60000 ޑޮލަރެވެ. އެއަށްވުރެ އެތައް ގުނައެއް ބޮޑުކޮށް އެފަދަ މުވައްޒަފަކު ހޯދަން ނެޓްފްލިކްސް އިން މަސައްކަތް ކުރަނީ ކީއްވެތޯ މީޑިއާތަކުން ނެޓްފްލިކްސް އާއި ސުވާލު ކުރުމުން ކުންފުނީގެ ތަރުޖަމާން ބުނީ މިވަގުތު އެސުވާލަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.

ނެޓްފްލިކްސް އިން ބޮޑު މުސާރައެއްގައި ވަޒީފާއެއް ހުޅުވާލި ނަމަވެސް ފަހަކަށް އައިސް ނެޓްފްލިކްސްގެ އާމްދަނީ ދަށަށް ދިއުމުން ވަރަށް ގިނަ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.