ޕާކިސްތާނުގެ ކޯޓަކުން ކުރިން ވިސާ ދޭން ދެކޮޅު ހެދި އިންޑިއާގެ ރައްޔިތަކު، ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ދިއުމަށްޓަކައި ފައިމަގުގައި ދަތުރު ކުރަމުން ދިޔަ ދަތުރު ފުރިހަމަ ކުރުމަށް، އިއްޔެ ޕާކިސްތާނަށް އެތެރެ ވެއްޖެއެވެ.

29 އަހަރުގެ ޝިހާބު ބާއި އިއްޔެ، ވަގާ ބޯޑަރުން ޕާކިސްތާނަށް އެތެރެ ވެފައި ވާއިރު، އޭނާއަށް މަރުހަބާ ކީ ޝިހާބުގެ ފަރާތުން ޕާކިސްތާނުގެ ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށައެޅި ސަރްވާރް ތާޖް އާއި، ޕާކިސްތާނުގެ ބަގަތް ސިންގް މެމޯރިއަލް ފައުންޑޭޝަންގެ ޗެއާމަން، އިމްތިއާޒް ރާޝިދު ގުރޭޝީއެވެ.

ގުރޭޝީ ބުނެފައިވަނީ މައްކާ އަށް ޝިހާބު ކުރަމުންދާ ދަތުރު ކުރިއަށް ގެންދިއުމަށް ވިސާ ލިބުމުން ޝިހާބު ހުރީ ވަރަށް އުފަލުން ކަމަށެވެ.

"އޭނާ ވަނީ ލޯތްބާއި، ރަހުމަތްތެރިކަމާއި، އަޚުވަންތަކަމުގެ މެސެޖެއް ގެނެސްދީފައި." ގުރޭޝީ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ ޝިހާބުގެ ޝަރަފުގައި ލާހޯރްގެ ހައިކޯޓު ކައިރީގައި ހަރަކާތެއް އިންތިޒާމުކުރަން ބޭނުންވި ކަމަށާއި، ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެކަން ނުވީ ކަމަށެވެ.

29 އަހަރުގެ ޝިހާބު ބާއި ---

ޝިހާބު އޭނާގެ ދަތުރު ފެށީ ކެރެލާ އިން މިދިޔަ އޮކްޓޯބަރު މަހުއެވެ. 3000 ކިލޯމީޓަރު ކަޑައްތު ކޮށް ވަގާ ބޯޑަރާއި ހަމަ އަށް އާދެވުމަށްފަހު، އޭނާގެ އަތުގައި ވިސާ ނެތުމުން، ޕާކިސްތާނުގެ އިމިގްރޭޝަން އިން ވަނީ އޭނާ ހުއްޓުވާފައެވެ.

" އޭނާ ފައިމަގުގައި މިދަނީ ހައްޖުވާން ކަމަށާއި، އަދި މިހާތަނަށް 3000 ކިލޯމީޓަރު ދަތުރުކޮށްފައިވާ ކަމަށްބުނެ، އިންސާނިއްޔަތަށް ޓަކައިވެސް އޭނާ އަށް ޕާކިސްތާނަށް އެތެރެ ވުމަށް ހުއްދަ ދިނުމަށް އެދި ޝިހާބު ވަނީ އިމްގްރޭޝަން އޮފިޝަލުން ކައިރީ އާދޭސްކޮށްފައި. އޭނާ ބޭނުންވީ ޓްރާންސިޓް ވިސާ އެއް، އިރާނު މަގުން ސައުދީ އަށް ދިއުމަށްޓަކައި." ޕާކިސްތާނުގެ ސަރުކާރުގެ ތަހުގީގީ އިދާރާއެއްގެ އޮފިޝަލަކު ބުނެފައިވެއެވެ.

ލާހޫރްގެ ރައްޔިތެއް ކަމަށްވާ ތާޖު ވަނީ ޝިހާބަށް ޓްރާންސިޓް ވިސާ އެއް ދިނުމަށް އެދި ލާހޫރުގެ ހައި ކޯޓަށް ޕެޓިޝަނެއް ހުށައަޅާފައެވެ. އޭނާ ބުނެފައިވަނީ އިންޑިއާއިން އަންނަ ސީކް މީހުންނަށް ގުރޫ ނާނަކްގެ އުފަންދުވަސް ފާހަގަ ކުރުމާއި އެހެނިހެން މުނާސަބަތު ތަކުގައި ޕާކިސްތާނުން ވިސާ ދޭ ގޮތަށް، ޝިހާބަށްވެސް ވިސާ ދޭން ޖެހޭނެ ކަމަށެވެ.

ނަމަވެސް " ޕެޓިޝަން ހުށައަޅާފައިވަނީ އިންޑިއާގެ ރައްޔިތު މީހާއާއި އެއްވެސް ގުޅުމެއް އޮތް މީހަކަށް ނުވާތީ އާއި، ކޯޓަށް އައުމަށް އޭނާގެ އަތުގައި އިންޑިއާގެ ރައްޔިތުމީހާގެ ޕަވަރ އޮފް އެޓާނީ ވެސް ނެތުމާއެކު" ކޯޓުން ވަނީ ތާޖްގެ ޕެޓިޝަން ބާތިލު ކޮށްފައެވެ. ނަމަވެސް ތާޖް ވަނީ ހައި ކޯޓުގެ ނިންމުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި ގޮންޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު