އޮޕަރޭޝަންތައް ކުރާ އިރު ހެދޭ ކުދި ކުދި ގޯސްތަކުން ވެސް ބަލިމީހާއަށް ބޮޑެތި ގެއްލުން ތަކެއް ވެދާނެއެވެ. އެގޮތުން އޮޕަރޭޝަންތަކުގައި ހެދޭ ގޯސްތަކުގެ ވާހަކަ ވަރަށް ގިނަ ފަހަރު ނޫސްތަކުގެ ސުރުހީތަކުން ފެނެއެވެ. މިފަހަރުވެސް މިއޮތީ އެކަހަލަ ވާހަކައެއް ފެންމަތި ވެފައެވެ.

ބްރެޒިލްގެ ސިޔާސީ ފަރާތެއްގެ އޮޕަރޭޝަނަކަށް ފަހު، ޑޮކްޓަރުން ވަނީ، އޮޕަރޭޝަން ކުރަން ގެންގުޅުނު ކަތުރު އޮޅިގެން އޭނާގެ ހަށިގަނޑު ތެރޭގައި ބާއްވާފައެވެ.

ބްރެޒިލްގެ ހުޅަނގުގެ މާޓޯ ގްރޮއްސޯ ސްޓޭޓްގައި، ނޯވާ ސެންޓާ ހެލީނާ މުނިސިޕަލްޓީ ތަމްސީލުކުރާ ކައުންސިލް މެމްބަރެއް ކަމަށްވާ ކްލޭޓަން ހޯސޭ ޒަނައްޓާ ވަނީ ޖެނުއަރީ 20 ވަނަ ދުވަހު، ގޮހޮރުގެ ޓިއުމަރެއް ނެގުމުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އޮޕަރޭޝަން ތެރޭގައި ގޮހޮރު މަރާމާތު ކުރުމުގެ މަސައްކަތްތައް ފެންނަ ފެނުމަށް ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް، އޮޕަރޭޝަން ކުރެވުނުތާ 6 ދުވަސް ފަހުން، އޭނާ ބަލިވާން ފެށުމުން ވަނީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އެނގިފައެވެ.

އެއަށްފަހު ހެދި ސީޓީ ސްކޭން އަކުން ފެނުނީ އޭނާގެ ގޮހޮރުގެ ތެރޭގައި ބޮޑު ކަތުރެއް އޮއްވައެވެ.

ބްރެޒިލްގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އޭނާގެ ބަނޑު ތެރެއަށް ދޫކޮށްލާފައިވާ އެ ކަތުރު ނެގުމަށްޓަކައި، ޖެނުއަރީ 26 ވަނަ ދުވަހު ވަނީ އަނެއްކާވެސް އޮޕަރޭޝަން ކޮށްފައެވެ. އެ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސްޓޭޓް ޑިޕާޓްމެންޓް އޮފް ހެލްތް އިން ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ކަންތައްތައް ވީ ގޮތް ބަލަމުންދާ ކަމަށާއި، އޭނާގެ ސިއްހީ ހާލަތު މިހާރު ރަނގަޅު ކަމަށެވެ.

މިކަހަލަ ހާދިސާތައް ދުނިޔޭގެ އެކި ގައުމުތަކުގައި ކޮންމެ އަހަރަކުވެސް ހިނގައެވެ. ހާއްސަކޮށް ތަރައްގީ ވަމުންދާ ގައުމުތަކުގައެވެ. އެންމެ ކައިރިއަށް ބަލާލައިފިނަމަ އަވައްޓެރި އިންޑިއާގައި މިދިޔަ އަހަރު 30 އަހަރުގެ އަންހެނަކު، ޑޮކްޓަރުންނާއި ދެކޮޅަށް މައްސަލަ ޖައްސާފައިވަނީ ފަސް އަހަރު ކުރިން ކުރި ސިޒޭރިއަން އޮޕަރޭޝަނުގައި އޭނާގެ ހަށިގަނޑު ތެރެއަށް ފޯސެޕްސް އެއް ދޫކޮށްލާފައި ވުމުންނެވެ. އަންހެން މީހާ މައްސަލަ ޖެއްސުމުން ކެރެލާ ސްޓޭޓްގެ ހެލްތް މިނިސްޓަރު ވަނީ މި މައްސަލަ ތަހުގީގު ކުރަން އަންގަވާފައެވެ،

އަންހެންމީހާގެ ބަޑުގައި 5 އަހަރުވަންދެން އޮތް "މޮސްކިޓޯ އާޓެރީ ފޯސެޕްސް" ނަގަން، ސެޕްޓެމްބަރު 17 ވަނަ ދުވަހު ވަނީ އޮޕަރޭޝަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    މީގެ 45 އަހަރު ކުރިން މާލޭގެ ގަވަރމަންޓް ހޮސްޕިޓަލް ގައި ކުރި އޮޕަރޭޝަނެއްގައިވެސް ހަމަ ތިޔަގޮތަށް ބަނޑު ތެރޭގައި ކަތުރު ބާއްވާފަ ފަހާ ނިންމާލި. އެއޮޕަރޭޝަނަށް ހޭނެއްތި ގޮތަށް ހޭނާރާ އޮވެ އެފަކީރު ނިޔާވީ.