މީސްމީޑިއާގައި އެކި ދުވަސްތަކުގައި އާންމުވަމުން އަންނަނީ އެކި ކަހަލަ ވީޑިއޯތަކެވެ. ހެއްވާ މަޖާ އެކި ވީޑިއޯތައް އާންމުވާއިރު، ބިރުވެރި މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަރަށް ގިނައިން އާންމުވެއެވެ. އެގޮތުން މިހާރު ވެސް އާންމުވެފައިވަނީ ގިނަ ބައެއްގެ ގައިން ހީބިހި ނަގައިގެންދާ ފަދަ ވީޑިއޯއެކެވެ.

އެގޮތުން މިހާރު އާންމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ޑައިވްއަކަށް މީހަކު ފުންމާލަން އުޅުނު ވަގުތު މިޔަރެއް އަނގަ ހުޅުވައިގެން ފެންމައްޗަށް އަރާ މަންޒަރެވެ. އެވަގުތު ޑައިވްއަށް ފުންމާލަން އުޅުނު މީހާ ފުންމާލިނަމަ، ސީދާ ޖެހޭނީ މިޔަރުގެ އަނގަ ތެރޭގައެވެ. އެހެން ނަމަވެސް އޭނާގެ ހުށިޔާރު ކަމުން ފުންމާފައެއް ނުވެއެވެ.

މިމަންޒަރު ފެންނަ ވީޑިއޯއެއް ޓުވިޓާގައި އާންމު ކޮށްފައިވަނީ "ވާއު ޓެރިފައިން" ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. ވީޑިއޯއާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، ވީޑިއޯއިން ފެނިގެން ދަނީ މަޝްހޫރު މެރިން ކޮންސަވޭޝަނިސްޓް އޯޝަން ރަމްޒީ ކަމަށެވެ. އަދި އެ ވީޑިއޯ އޭނަގެ އަމިއްލަ އެކައުންޓުގައި ވެސް ހިއްސާ ކުރި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ޓައިގާ ޝަކެކެވެ. އަދި އެ މިޔަރު އޭނާ ލައިގެން ހުރި ފިންސުގައި ވެސް ޖެހުނު މަންޒަރު ފެނެއެވެ.

މިވީޑިއޯ މީސްމީޑިއާގައި އާންމުވުމުން 1.6 މިލިއަން މީހުންގެ ސަމާލުކަން ވީޑިއޯއަށް ވަނީ ލިބިފައެވެ.

މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހިނގާދިޔަ ހާދިސާއެކެވެ.