އިންޑިޔާގެ ބިހާރު އަވަށުގެ ސްކޫލެއްގައި ތައުލީމް ހާސިލްކުރަމުންދިޔަ 7 އަހަރުގެ ކުއްޖަކު ފިލާވަޅު ނަހަދާ ސްކޫލަށް ދިޔުމުން ތަޅާ އަނިޔާކޮށް މަރާލައިފިއެވެ.

މަރުވި ކުއްޖާގެ ރައްޓެހިންނާއި ހަވާލާދީ މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އެކުއްޖާ މަރުވީ ފިޅާވަޅު ނަހަދާ ސްކޫލަށް ދިޔުމުން ޓީޗަރު އަނިޔާ ކުރުމުންނެވެ. އަދިއްތިޔާ ޔާދަވް ނަމަކަށް ކިޔާ 7 އަހަރުގެ ކުއްޖާއަކީ ކޭޖީ ގައި ކިޔަވާ ކުޑަކުއްޖެކެވެ.

އެ ގްރޭޑަށް ކިޔަވައިދޭ ޓީޗަރު ސުޖީތް ކުމާރު މިދިޔަ ބުދަ ދުވަހު ދަނޑިގަނޑަކުން ތަޅާ އަނިޔާކުރި ކަމަށާއި އަނެއް ދުވަހު ހެދުނު ނުހޭލައިގެން ބަލާލިއިރު އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޓެލްގައި އުޅޭ އެހެން ކުދިން ވަނީ ބުނެފައެވެ.

ގްރޭޑް 4 ގެ ދަރިވަރުން އެވާހަކަ ސުޖީތު ކުމާރަށް އެންގުމުން އޭނާ އެންގީ އަދިއްތިޔާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

އަދިއްތިޔަ ހޭނެތިގެން ވެއްޓުނީ ކަމަށް ބުނެ މައިންބަފައިންނަށް އެންގުމުން އެމީހުން ދިޔައިރު އަދިއްތިޔަ އޮތީ މަރުވެފައެވެ. ސްކޫލުން އެންގީ އޭނާ ހޭނެތިގެން ވެއްޓުނީ ކަމަށެވެ.

ހޮސްޓެލްގައި ތިބި އެހެން ކުދިން ބުނާގޮތުން އަދިއްތިޔާ މަރުވީ ކުމާރު ތެޅުމުންނެވެ. އަދި ދެ ދުވަސް ވަންދެން އެ ޓީޗަރު އޭނަ ގައިގާ ތެޅި ކަމަށް ކުދިން ބުނެއެވެ. އޭގެ ސަބަބުން އަދިއްތިޔާގެ ހަށިގަނޑުގެ އެކިތަންތަން ދުޅަވެފައި އޮތް ކަމަށް ކުދިން ބުނެފައިވެއެވެ. ކުމާރު މިގޮތަށް ތަޅާ އަނިޔާކުރީ ފިލާވަޅު ނަހަދާ ކްލާހަށް ދިޔުމުންނާއި ފިލާވަޅު ދަސްނުކުރާތީއެވެ. މި ތުހުމަތްތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އަދި ފުލުހުން އައުމުގެ ކުރިން އޭނާ ފިލައިފިއެވެ.

އަދިއްތިޔާ މަރުވި ސަބަބު ބެލުމަށްޓަކައި އޭނަގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ވަނީ ފޮނުވާފައެވެ.

ކުމާރު އާއި ދެކޮޅަށް އަދިއްތިޔާގެ ބައްޕަ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިނު އަދުރޭ

    ތިމާ ޤަބޫލްކުރާގޮތް އެހެން މީހުންގެ މައްޗަށް ލާޒިމް ކުރުމުން މިކަހަލަ ނަތީޖާ ނުކުންނާނެ