ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންގެ މައްސަލަ ޖެހޭނެއެވެ. އެ މައްސަލަތައް ވާހަކަދައްކައިގެން ހައްލުވެސް ކުރެވޭނެއެވެ. ނަމަވެސް ބައެއް މައްސަލަތަކަކީ އެ ހިސާބުންވެސް މައާފް ނުލިބޭ މައްސަލަތައްކަމަށްވާއިރު، މައާފް ނުލިބޭފަަދަ ކަމެއްކޮށްގެން ފިރިހެނަކު އޭނާގެ ހަޔާތުގެ ބައިވެރިޔާ ކައިރިން މައާފް ހޯދަންވެގެން ތަފާތު ކަމެއް މިވަނީ ކޮށްފައެވެ.

އިންޑިއާގެ އަވަށަކަށް ނިސްބަތްވާ މި ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ މައާފް ކުރޭތޯ މަހަރަޝްތްރާ މަގުމަތީގައި 300 އެއްހާ ބެނާ ހަރުކޮށްފައި މި ވަނީ ލޯބިވެރިޔާގެ ނަންވެސް ހިމަނައިގެންނެވެ. އެކަން ގިނަބަޔަަކަށް ތަފާތުކަމަކަށް އަދި އެ އަންހެން ކުއްޖާއަށް ވަރަށް ސަޕްރައިޒިންގ ކަމަކަށްވެސް އެ މައްސަލަ މިހާރު އޮތީ ފުލުހަށް ހުށަހަޅާފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެ އަވަށުގެ މީހުން ހޭލިއިރު މަގުތަކުގައި މިފަދަ ޕޯސްޓަރުތަކެއް ހަރުކޮށްފައިވާއިރު، އެ ޕޯސްޓަރުތައް ހަރުކޮށްފައި ވަނީ އެ އަންހެން ކުއްޖާ ދަތުރުކުރާނެހެން ހީވާފަދަ މަގުތަކުގައެވެ. އޭގައި ލިޔެފައި ވަނީ އެ އަންހެން ކުއްޖާގެ ނަމާއެކު "އަހަންނަށް މައާފްކުރޭ" މިހެންނެވެ.

އެ ޕޯސްޓަރުތައް ހަރުކޮށްފައި ވަނީ ޓްރެފިކް ލައިޓްތައް ކައިރީގައި އާއި، އާއްމުންނަށް ފާޅުކަން ބޮޑުގޮތެއްގައި ފެންނާނެހެންނެވެ. އެ ޕޯސްޓަރުތައް ހަރުކުރި މައްސަލާގައި އުމުރުން 25 އަހަރުގެ ނިލޭޝް ޚެދެކަރް ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔާގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީވެސް ހުކުރު ދުވަހުއެވެ.

ފުލުހުންނަށް މިހާރު ހެދެކަރް ހޯދިފައިވާއިރު، އެ އެއްޗެހިތައް ޕްރިންޓް ކުރި މީހާވެސް ވަނީ ހޯދިފައެވެ. ފުލުހުން ބުނިގޮތުގައި، އެ ހެދެކަރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާ މުމްބާއި އިން އެ އަވަށަށް އައުން އޮތީ ހުކުރު ދުވަސްކަމަށްވުމާއެކު، އޭނާ ގާތުން މައާފް ހޯދުމަށް އެދި ހެދެކަރް ނިންމީ މަގުމަތީގައި އެފަދަ ޕޯސްޓަރުތައް ހަރުކުރުމަށް ކަަމަށެވެ. އެ މައްސަލަ މިހާރު އަވަށުގެ މުނިސިޕަލް ކޯޕަރޭޝަންއަށްވެސް ވަނީ ހުށަހަޅާފައެވެ.

އެ އަންހެންް މީހާ ގާތުން މައާފް ހޯދަން ބޭނުންވަނީ ކީއްވެކަން ސިދާ ނޭގެއެވެ. އެހެންނަމަވެސް ބެލެވޭގޮތުގައި އެއީ ބޮޑު މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލާގައި ހެދެކަރްއާއި މެދު ފިޔަވަޅު އަޅާނެކަން އަދި ނާޅާނެކަން ކަށަވަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު