މުޅި ދުވަސް ނިމިގެން ދިޔައިރުވެސް މަލްގެ ހަބަރެއް ނުވެގެން އެންމެ ފަހުން ނިޝް މަލްގެ މަންމަގެ ނަންބަރު ހޯދިއެވެ. އެމީހުންވެސް މަލްއަށް ނުގުޅިގެން ތިބީ ކަންބޮޑުވެފައެވެ. ދުވާލަކު މަދުވެގެން އެއްފަހަރު މަންމައަށް ގުޅާފައި މަލްގެ ހިތުގެ ޝުއޫރުތައް ހިއްސާކުރެއެވެ. އެހެންނަމަވެސް ހަތަރު ދުވަސް މަލްގެ ހަބަރެއް ނުވާތީ އޭނަގެ ބައްޕަވެސް އެކަމާ ހާސްވެގެން ފިރާއަށް ގުޅުމުން އޭނަ ފޯނެއް ނުނަގައެވެ. އެހެންކަމުން އެމީހުންގެ ފަރާތުންވެސް ނިޝްއަށް މަލްގެ ހަބަރެއް ނުލިބުނީއެވެ.

މިހާރަކަށް އައިސް ނިޝްގެ ކަމަކީ މަލް ފެނޭތޯ މާލެތެރޭގައި ދުއްވުމެވެ. ކޮލެޖު ކަޓުވާލާފައި މަލް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާތާ މިހާރު 6 ދުވަސްވީއެވެ.

އަދިވެސް އެއްފަހަރު މަލްގެ މަންމަ ކައިރިން އަހާނަމޭ ހިތާ ނިޝް މަލްގެ މަންމައަށް ގުޅާލިއެވެ.

"މަލްގެ މަންމަތަ؟" ނިޝް އަހާލިއެވެ.

"އާ. ކިހިނެއްވީ؟"

"މަލްގެ ހަބަރެއްވި ތަ؟"

"ތިކަމާ މަލްގެ ބައްޕަވެސް އެ ހުންނަނީ ބޯ ގޮވާފަ. އެ ދެކުދިންގެވެސް ހަބަރެއް ނުވޭ. އެހެންވެ މާދަން މާލެ ދާން މިއުޅެނީ. ދަރިފުޅު ތީ މަލްގެ ރައްޓެހި ދާނިޝް ދޯ!" މަލްގެ މަންމަ އަހާލިއެވެ.

"އާ. މަންމަމެން މިކޮޅަށް އައިސް ގުޅާލައްޗޭ. އަހަރެން ދާނަން ކާރުގަ ބަލާ."

"އާ ގުޅާނަން."

މަލްގެ ބައްޕަ ނިޝް ދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް އޭނަގެ ކާރުގެ ކުރީ ޝީޓަށް އަރާ އިށީނެވެ. ނިޝްއަށް ވާހަކަ ދައްކަން ނުކެރިފަ ހުއްޓާ ނިޝްގެ ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.

"އެންމެ ފަހުން މަލް އާ ދިމާވީ ކޮން ދުވަހަކު؟"

"މީގެ 7 ދުވަސް ކުރިން. ކޮލެޖުން ނިންމާފަ ގެޔަށް ލާން ދިޔައިން." ނިޝް ދޮގެއް ހަދާލިއެވެ.

"އޭގެ ފަހުން ކޮލެޖަށްވެސް ނުދަނީ." ބައްޕަ ބުނެލިއެވެ.

ނިޝް ބޯ ޖަހާލުމުން މަލްގެ މަންމަ އަނެއްކާވެސް ފިރާއަށް ގުޅާލިއެވެ. އެހެންނަމަވެސް އޭނަ ފޯނެއް ނުނަގައެވެ.

"ބައްޕަމެންނާއެކު އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟ އަހަރެންވެސް ވަރަށް ކަންބޮޑުވޭ މަލްގެ ހަބަރެއް ނުވާތީ." ކާރު އެގެޔަށް މަޑުކޮށްލަމުން ވަރަށް ޖެހިލުންވެ ހުރެ ނިޝް އަހާލިއެވެ.

ބައްޕަ އާއެކޭ ބުނުމުން ނިޝް އުފަލުން ކާރުން ފައިބައިގެން އެމީހުން ފަހަތުން ދިޔައެވެ. ދޮރުގައި ޓަކި ޖަހާތާ އިރުކޮޅެއް ފަހުން ފިރާ ދޮރު ހުޅުވާލިއެވެ. އެއާއެކު ފިރާގެ ދެލޯ ބޮޑުވިއެވެ. ދޮރު ހުޅުވާލުމާއެކު އެމީހުން އެތެރެޔަށް ވަންނަން އައުމުން ފިރާ ނިޝްއަށް ހުރަސް އެޅިއެވެ.

"އޭނަ ވައްދާ. އަހަރެމެންނާއެކީ އޭނަ އައީ." ބައްޕަ މިހެން ބުނުމުން ފިރާ ހުރީ ހައިރާންވެފައެވެ.

"ކޮބާ މަލް." މަންމަ އަހާލިއެވެ.

"މަލް..." ފިރާއަށް ބުނާނެ އެއްޗެއް ނޭގުނެވެ.

"ކީއްވެ ގުޅީމަ ފޯނު ނުނަގަނީ. މަލްގެ ހަބަރެއް ނުވާތާ މިހާރު ހަފްތާއެއް މިވަނީ. ކަމެއްވީތަ އަނެއްކާ." ބައްޕަ އަހާލިއެވެ.

"މަލް އެބަހުރި ކޮޓަރީގައި."

"އަލެ ގޮވާލަބަ." މަންމަ ބުނެލިއެވެ.

ފިރާ ނިޝްއަށް ކަޅި އަޅަމުން ގޮސް ކޮޓަރިއަށް ވަނެވެ. މަލް އޮތީ ތަޅުންގަނޑު މަތީގައެވެ. ތެދުވާނެ ހިތްވަރެއްވެސް ނެތެވެ.

"ކަލޭ މަންމަ އާ ބައްޕަ އެބަހުރި އައިސް. ނަމަނަމަ އަހަރެންގެ ވާހަކަ ނުދައްކާތި." ފިރާ މަލް ނަގާ ކޮޅަށް ޖަހާލިއެވެ. އަދި ފާހާނައަށް ވައްދާ މޫނު ދޮއްވާފަ ހެދުން ބަދަލުކޮށް ބުރުގާ އަޅުވާފަ ބޭރަށް ނެރުނެވެ.

މަލް ހުރި ހާލު ފެނިފައި ނިޝްއަށް ރޮވުނެވެ. މަލްއަށްވެސް ފުރަތަމަ ބަލާލެވުނީ ނިޝްއަށެވެ.

"ފައިނަލީ. އަހަރެން ސަލާމަތް ކުރަނީ ނިޝް އައީ ދޯ." ހިތާ ހިތުން ބުނެލިއެވެ.

"ދަރިފުޅާ!" މަންމަ އައިސް މަލްގެ ގައިގައި ބައްދައިގަތެވެ.

"ކިހިނެއް ވެފަ މަލްއަށް." ބައްޕަ އަހާލިއެވެ.

"މަލް ވެއްޓި ބޯ ފަޅައިގެން ދިޔައީ." ފިރާ އިސް ޖަހައިގެން ހުރެ ބުނެލިއެވެ.

"ދެން އަނގަމަތި އޯ، ބަލާބަލަ އެކުއްޖާއަށް ދީފަ ހުރި އަނިޔާތައް." ބައްޕަ ވަރަށް ރުޅިގަދަވިއެވެ.

"ބައްޕާ! މިއަދު އަހަރެން ހަނު ނުހުންނާނަން. ފިރާ އަހަންނަށް އަނިޔާ...ކުރޭ!" މަލްއަށް ބުނެވުނީ އެހެންނެވެ. ހޭނެތިގެން މަންމަގެ އުނގުތެރެޔަށް ވެއްޓުނެވެ. ނިޝް ދުވެފަ އައިސް މަލްއަށް ގޮވަން ފެށިއެވެ.

މަލް ހޮސްޕިޓަލަށް ގެންދިޔައިރު ބައްޕަ ދިޔައީ ފިރާވެސް ގޮވައިގެންނެވެ. ފިރާ ހުރީ ވަރަށް ބިރުންނެވެ. ފުލުހުންނަށް އަންގައިފިއްޔާ އޭނަ ކުށްވެރިވާނެކަން އެނގޭތީއެވެ.

މަލް ވެއްދީ އަވަސް ފަރުވާ ދޭ ތަނަށެވެ. އިރުކޮޅެއް ނުވެ ޑޮކްޓަރު ނުކުމެ ދިން ހަބަރަކުން ނިޝްގެ ދުނިޔެ ބަނަވެ އަނދިރިވިއެވެ. ހޮސްޕިޓަލަށް ގެނެވުނުއިރުވެސް މަލް އޮތީ މަރުވެފައެވެ.

މިއަޑު އިވުމުން ފިރާ ދިޔައީ ސިއްސައިގެންނެވެ. މަލްގެ މަންމަ ހޭނެތިގެން ވެއްޓުމުން މަންމަވެސް އަވަސް ފަރުވާ ދޭ ތަނަށް ވެއްދީއެވެ. ދެއަތުން ބޮލުގައި ހިފައިގެން އިނދެ ނިޝްވެސް ރޮމުން ގެންދިޔައެވެ.

"މަލް. އަހަންނަށް މާފުކުރޭ. މިހުރިހާ ކަމެއްވެސް މި ދިމާވީ އަހަރެންގެ ސަބަބުން. އަހަންނަށް ވިސްނާނުލެވުނީ، މަލްގެ ދިރިއުޅުން ހަލާކުވީ އަހަންނާ ހެދި. ކުށްވެރިޔަކީ އަހަރެން. ޝަޒާ ލިބެން ޖެހެނީ އަހަންނަށް. މަލް ކީއްވެ އަހަރެން ދޫކޮށް ތި ދިޔައީ. ކޮބާ އަހަރެންގެ ކުށަކީ." ނިޝް ރޮމުން ގެންދިޔައެވެ.

ފިރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެން ހުރެފައި މަޑުމަޑުން ފަހަތަށް ޖެހެން ފެށިތަން ނިޝްއަށް ފެނުނެވެ. ވަގުތުން ގޮސް ފިރާ ހިފެހެއްޓިއެވެ.

"ކަލޭ އަހަރެންގެ މަލްއަށް ހިތުހުރި ގޮތެއް ހަދާފައި ފިލަންތަ ތިއުޅެނީ." މިހެން ބުނެ ފޯނު ނަގާ ފުލުހުންނަށް ގުޅާލިއެވެ. އެވަގުތު ހޮސްޕިޓަލުގެ ސެކިއުރިޓީ އައިސް އެ ދެމީހުން ދުރުކޮށްލިއެވެ. އަނެއްކާވެސް ފިރާ ދުއްވައިގަތުމުން ސެކިއުރިޓީ އޭނަ ހިފެހެއްޓިއެވެ.

ފުލުހުން އައިސް ފިރާ ހިފެހެއްޓިއެވެ. އެހެންނަމަވެސް ޑޮކްޓަރުގެ ބަހެއް ހޯދައިގެން ނޫނީ ފިރާ ހައްޔަރު ނުކުރުމަށް މަޑުކޮށްލައިގެން ތިއްބެވެ.

"ޕޭޝަންޓަށް ވަރަށް އަނިޔާ ކޮށްފަ ހުރީ، ޖިސްމާނީ ގޮތުންވެސް ނަފްސާނީ ގޮތުންވެސް. އެ އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ޕޭޝަންޓް މަރުވީ." ޑޮކްޓަރު ބުންޏެވެ.

"އަހަރެންގެ ދަރިފުޅު މަރާލީ މި ނުލަފާ މީހާ. ހަފްތާއެއް ވަންދެން އޭނަ ގޭގައި ބަންދުކޮށް ބަހައްޓައިގެން އަނިޔާ ކުރީ. ދަރިފުޅު މަރުވަމުން އެންމެ ފަހު ބަހަކަށްވެސް ބުނީ މީނަ އަނިޔާ ކުރީ އޯ. އެވަރުން ނުފުދޭތަ މި ނުލަފާ ހައިވާނު ހައްޔަރުކުރަން." މަލްގެ ބައްޕަ ހުރީ ވަރަށް ރުޅިގަދަވެފައެވެ.

ވަގުތުން ފުލުހުން ފިރާ އަތުގައި ބިޑި އަޅުވާލިއެވެ. އަދި އެގެ ބަލާ ފާސްކުރުމުން ކޮޓަރިތެރޭގައި މަލްގެ ލެޔާއި ވީދިފައިވާ މަލްގެ ހެދުންތައްވެސް ފުލުހުން ހޯދިއެވެ. ފިރާގެ ބެލްޓުގައިވެސް ލޭ ހުއްޓާ ވަނީ ފެނިފައެވެ. ހުރިހާ ހެއްކަކަށް ބިނާކޮށް ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ސާބިތުވެ ފިރާ ޖަލަށް ލިއެވެ.

ނިޝްގެ މުޅި ހަޔާތް ބަރުބާދުވީއެވެ. ހަޔާތުގައިވެސް އެންމެ ލޯބިވާ މީހާއާ ވަކިވާން ޖެހުމުން ދިރިހުއްޓަސް އޭނަ މަރުވީއެވެ. ކިޔެވުން އެ ހިސާބުން ހަލާކުވެ މީހާ ބިކަވެއްޖެއެވެ. އަބަދުހެން ގޮސް އިންނަނީ އަތިރިމަތީގައެވެ. މަލްގެ ހަދާންތައް އާކުރުން ނޫން އިތުރު ކަމެއް ނެތެވެ. މިއަދު އޭނަގެ ނަސީބުގައި އޮތީ ނިމުން ނުވާ "ކަރުނަ" އެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކައިވެނިކޮއްގެން ފިރިމީހާ އަނިޔާކުރާ ފުރަތަމަ ދުވަހުވެސް ދާނީ ކަމާބެހޭފަރާތައް، ހެދިހާ ގޮތަކާ ގަބޫލުވެގެން ހުންނާނީއެއްނޫން، ލޯބިވެރިޔާއާއެކީ ޒިނޭކުރާނީއެއްނޫން، އަދި މައިންބަފައިންވެސް ދަރިންގެ ރުހުންއޮތްތޯ ބަލާފައި ނޫނީ މީހުނާދެވައިގެންނުވާނެ، ކިހާ ދެރަ ތައުބާނުވެ އެމަރުވީތާ

    5
    1