އެއީ ފަތިސް ވަގުތެވެ. ވަށައިގެން ވަނީ ހަމަހިމޭން ކަމެވެ. މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގަސްތަކުގެ ފަތްތައް ވަޔާ ހެލޭ އަޑު ވަަރަށް ސާފުކޮށް ކަންފަތަށް އިވެއެވެ. ފަތިސް ފަތިހާ ތެދުވެގެން ނަމާދުކޮށްލައިގެން އެކަނި މާ އެކަނި ހިނގާލަން ނުކުތުމަކީ މިމްރާޙު ބައެއް ދުވަސް ދުވަހު ކޮށްއުޅޭ ކަމެކެވެ. އެ ދުވަހު ވެސް މިމްރާޙް ހިނގާލަން ނުކުތީއެވެ. ހިނގަމުން ދިޔައިރު ކޮންމެ މަގެއްގައި ހުންނަ ގެތަކަށާއި އިމާރާތްތަކަށް ވަރަށް ރަނގަޅަށް ބަލަމުން ދިޔައެވެ. މާ ބޮޑު ބަދަލެއް ރަށަށް އައިސްފައި ނެތަސް، ފަނުން ހަދާފައި ހުރި ބައެއް ގެތައް އަލުން ހަދައި އެޅި ގަލުން ރާނާފައި ހުރި ކަން ފާހަގަކުރެވުނެވެ. އެހެން މިމްރާޙް އެކަނި ނުކުމެ އުޅޭ ތަން ޝަމްޙާއަށް ފެނިއްޖެއެވެ. ޝަމްޙާ ވެސް ވަރަށް ގިނައިން ފަތިސް ވަގުތު އެހެން އެކަނި ހިނގާލަން ނުކުމެ އުޅެއެވެ. މިމްރާޙް ފެނުމާއެކު ޝަމްޙާ ދުވެލާފައި ގޮސް އޭނާއާ އަރާ ހަމަވިއެވެ.

"ހޭ.." ޝަމްޙާ، މިމްރާޙާ ވާހަކަ ދައްކަން ވެގެން ހޭއޭ ކިޔާފައި ގޮވާލުމުން ވެސް މިމްރާޙު އަނގައިން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

"އެ ބަލާލި ގޮތެއް.. ބިރުވެރި ފާޑަކަށް.. އެހެންޏާ ހީނލާނެ.. މި ފަހަރު ހީ ވެސް ނުލާ.." ވަށްކަޅިއަކުން މިމްރާޙް ޝަމްޙާއާ ދިމާއަށް ބަލައިލުމުން ޝަމްޙާގެ ހިތަށް އެރިއެވެ.

"ހޭ.." ޝަމްޙާ އަނެއްކާ ވެސް ހޭއޭ ކިޔާފައި ގޮވާލީ މިމްރާޙް ވާހަކަ ދައްކަން ފަށާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކޮށްގެންނެވެ.

ޝަމްޙާ ގޮވާލުމުން މިމްރާޙު އޭނާއާ ދިމާއަށް ބަލާލިއެވެ. މި ފަހަރު މޫނު ރަނގަޅަށް ޝަމްޙާއާ ދިމާއަށް އަނބުރާ ހަތަރު ކަޅި ހަމަކުރިއެވެ. ހަތަރު ކަޅި ހަމަވުމާއެކު ޝަމްޙާ ހީލިއެވެ. ރައްދުގައި މިމްރާޙް ވެސް ހީލިއެވެ.

"އެންމެ ފަހުން ހީލައިފި.. ހާދަ ލޯތްބޭ.. އަދި އެއް ފަހަރު ހީލާނެނަމަ.. ލޯބި ލޯބި ހިނިތުންވުމެކޭ.." ޝަމްޙާ ހިތާ ހިތުން ބުންޏެވެ.

ދެން ޝަމްޙާ މަޑުކޮށްގެން ހުރީ މިމްރާހް ވާހަކަ ދައްކަން ފަށާތޯއެވެ. އެހެން ވިޔަސް، މިމްރާޙު އެއްވެސް އެއްޗެކޭ ނުބުނެ ހިނގަމުން ދިޔައެވެ.

"ތިޔަހެން އަނގައިން ނުބުނެ މޫނު ކުނިކޮށްފަ ހުންނައިރު ނުގުޅޭ ތީނައަކާ.." ދެން ވެސް އަނގައިން އެއްވެސް އެއްޗެކޭ ނުބުނެ މިމްރާޙް ހިނގަމުން ދިޔައީއެވެ.

"މަށަކަށް ހިއެއް ނުވޭ ތި މީހަކީ މަންމަނުއެއްހެން.." ޝަމްޙާ މިހެން ބުނީ އޭނާ ވާހަކަ ދައްކަން އެ ވަރަށް މަސައްކަތް ކުރާއިރު ވެސް މަންމަނު މީހެއްހެން މިމްރާޙު އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން އެއްޗެކޭ ބުނޭތޯއެވެ.

ދެން ވެސް މިމްރާޙް އެއްވެސް އެއްޗެކޭ ނުބުނެ ހިނގަމުން ދިޔައެވެ. އެހެން ހިނގަމުން ހިނގަމުން ވަކި ހިސާބަކަށް ގޮސްފައި މިމްރާޙް މަޑުކުރިއެވެ.

"ތި ގޮލާ.. މަށާ ވާހަކަ ދައްކަން ބޭނުން ނުވަނީތަ.؟" މިމްރާޙުގެ ކުރިމައްޗަށް އަރާފައި ޝަމްޙާ އެހިއެވެ.

"މަށަށް ކިޔަނީ ހޭ.. ތީނާ.. ތި މީހާ.. ނޫނީ ތި ގޮލާއެއް ވެސް ނޫން.. މަގޭ ނަމަކީ މިމްރާޙް.. މިމްރާޙް ކިޔާފަ ވާހަކަ ދެއްކީމަ ދޯ އެނގޭނީ މަށާ ކަން ތި ވާހަކަ ދައްކަނީ.." އެއް ލޯ މަރާލަމުން މިމްރާޙް ބުންޏެވެ.

"ހޫނ.. ވަރަށް ސޮރީ.. މައި މިސްޓޭކް.. މިމްރާޙް ދޯ.. ވަރަށް ރީތި ނަމެއް.." ޝަމްޙާ ބުންޏެވެ.

"ނަން އެކަނިތަ ރީތިވީ.؟" ސަމާސާ ރާގުގަނޑަކަށް މިމްރާޙް ބުންޏެވެ.

"އާނ.. ބަލާލަން ރީއްޗެއް ނޫން.." މިމްރާޙާ ދިމާކޮށްލުމުގެ ނިޔަތުގައި ޝަމްޙާ މިހެން ބުންޏަސް މިމްރާޙުހާ ރީތި ފިރިހެނަކު ޝަމްހާ ނުދެކޭ ކަމަށް އޭނާގެ ހިތް ޤަބޫލު ކުރެއެވެ.

"ޤަބޫލު ކުރަން މަށަކީ ހުތުރު މީހެއް ކަން.." މިމްރާޙް ބުންޏެވެ.

"އެހެންނެކޭ ނުބުނަންދޯ.." ހިނގަން ފަށާފައި ޝަމްޙާ ބުންޏެވެ. ޝަމްޙާއާ އެއް ކައިރިން މިމްރާޙް ވެސް ހިނގަން ފެށިއެވެ.

"އެކަމަކު ދެންމެ ތި ބުނީ ބަލާލަން ރީއްޗެއް ނޫނޭ.." ޝަމްޙާއަށް މިމްރާޙަކީ ހުތުރު މީހެކޭ ބުނެވިއްޖެ ކަން މިމްރާޙް ހަނދާން ކޮށްދިނީއެވެ.

"ބަލާލަން ރީއްޗެއް ނޫނޭ ހަމަ.. އެކަމަކު ހުތުރު މީހެކޭ ނުބުނަން ދޯ.." ގޮތް ދޫނުކުރަން ވެގެން ޝަމްޙާ ބުންޏެވެ.

"ތި ބުނެވުނީއޭ.. އެކަމަކު ބުނެފަ.. ދެން ތި ބުނީ ހުތުރު މީހެކޭ.. އެހެން ބުނެފަ ނުބުނަން ދޯ އޭ ބުނީ.. ތި ދުލުން ހުތުރު މީހެކޭ ބުނެވިއްޖެ.. ހަހަ.." މިމްރާޙް މަޖާވެލިއެވެ.

"ދުލުން ބުނި ޖުމުލައިގެ އެއްބައި އެއީ.. މުޅި ޖުމުލައިގައި ވަނީ ތަފާތު މާނައެއް ދޯ.." ތުންފަތް މައްޗަށް ވައްތަރު ޖައްސާލާފައި ޝަމްޙާ ބުންޏެވެ.

މިމްރާޙު ގެއާ އަރާ ހަމަވުމުން ގޭގެ ދޮރު ހުޅުވާލިއެވެ.

"މަޑުކޮށްބަލަ.." މިމްރާޙް ގޭތެރެއަށް ވަންނަން އުޅުމުން ޝަމްޙާ ބުންޏެވެ.

"މިއީ ދެން އެކުވެރިން ދޯ.؟" ސަލާމް ކޮށްލަން ވެގެން މިމްރާޙާ ދިމާއަށް ޝަމްޙާ އަތް ދިއްކޮށްލިއެވެ.

"ލައްބަ.. އެކުވެރިން.." ޝަމްޙާއާ ސަލާމް ކޮށްލަމުން މިމްރާޙު ބުންޏެވެ. އެއަށް ފަހުގައި މިމްރާޙް، ގޭތެރެއަށް ވަނީއެވެ.

****

މެންދުރުގެ ކެއުން ހަދައި ނިމިގެން، ބޭރު ޖޯލީގައި ތިބި ތަކުރަށާއި މިމްރާޙަށް އީމާ ގޮވިއެވެ.

"އެ އިވެނީ އީމާ ގޮވާ އަޑު.. ހިނގާ ކާގެއަށް.." އީމާ ގޮވާ އަޑު އިވުމުން ކާން ހަދައި ނިމުނީކަން ތަކުރަށް އެނގުނެވެ.

ދެން އެ ދެ މީހުން ކާގެ ތެރެއަށް ވަނެވެ. ކާން ހަދާފައި ހުރީ ކުކުޅު މަހާއެކު ބިރިޔާނީއެވެ. ދުވަހަކީ ހުކުރު ދުވަސް ވިއްޔާއެވެ.

"އަސްލު ވެސް އީމައްތަ ހަދާ އެއްޗެހި ވަރަށް މީރު.." ކާ އެއްޗެހީގެ ރަހަ ރަނގަޅު ކަމުނ މިމްރާޙް ތައާރަފް ކުރިއެވެ.

އެ ވަގުތު ކާން އިން ޝަމްޙާ، ލަދުން އިސް ދަށަށް ޖަހާލިއެވެ. އެ ދުވަހު ކާން ހެދީ އިމާއެއް ނޫނެވެ. ޝަމްޙާއެވެ. މިމްރާޙަށް ޝަމްޙާ ކައްކާ އެއްޗެހި މީރު ވުމުން އުފަލުން ފޮޅުނެވެ. ހަމައެއާއެކު ލަދު ވެސް ގަތެވެ. ޝަމްޙާއަށް މިމްރާޙު ކަމުދާ ކަން އީމާއަށް އެނގެއެވެ. ޝަމްޙާގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް ހިއްސާ ކުރާހެން މިމްރާޙުގެ ވާހަކަ ވެސް ޝަމްޙާ ވަނީ އިމާއާ ހިއްސާ ކޮށްފައެވެ.

****

ކައި ނިމިގެން ތަކުރު ދިޔައީ ފިހާރައަށެވެ. ތަކުރުގެ ކޮންމެ ދުވަހެއްގެ ގިނަ ވަގުތު ހޭދަވާނީ ފިހާރައިގައެވެ. ކުރާނެ ކަމެއް ނޭނގި ފޫހިވެގެން ޝަމްޙާ ދިޔައީ ބައިސްކަލު ބުރެއް ޖަހާލާށެވެ. ބައިސްކަލުގައި ދުއްވާފައި ދަނިކޮށް ޝަމްޙާއަށް މިމްރާޙް ފެނިއްޖެއެވެ. އޭނާ ހުރީ މަގުމަތީގައި އޮތް ބުޅަލަކަށް ކާން ދޭށެވެ.

"ފެންނަ ފެނުމުން ވަރަށް ހީވޭ ބުޅާ ގެންގުޅޭ ހިތްވާހެން.." މިމްރާޙް ގާތުގައި މަޑުކޮށްލުމަށް ފަހު ޝަމްޙާ ބުންޏެވެ.

"އާނ.. ކުޑައިރު ގެންގުޅުނީމޭ ބުޅަލެއް.. ޕެޓްއެއް ގޮތަށް.." މިމްރާޙް ބުންޏެވެ.

"ދެން މިހާރު ކޮބައި އެ ބުޅާ.." ޝަމްޙާ އެހިއެވެ.

"ނޭނގެ.. އެ ބުޅާ ގެއްލުނީ.." މިމްރާޙަށް ޖަވާބު ދެވުނީ ވަރަށް އަޑު މަޑުކޮށެވެ. ދިމާވި ދެރަ ކަމެއް ހަނދާންވީ ކަހަލައެވެ.

"ބުޅާ މަތިން ވަރަށް ހަނދާންވޭ ދޯ.؟" ޝަމްޙާ އެހިއެވެ. އާނއެކޭ ބުނުމުގެ ގޮތުން މިމްރާޙް ބޯ ޖަހާލިއެވެ.

"ރާޒުވާ ކުޅޭނަންތަ.؟" ޝަމްޙާ ބޭނުންވީ ގިނަ ވަގުތު މިމްރާޙާއެކު ހޭދަ ކުރާށެވެ.

"ރާޒުވާއޭ.؟ މަ ވަރަށް ދަށް ވާނެ ތި ކުޅެން.." މިމްރާޙް ބުންޏެވެ.

"މަ ވެސް އެހާ މޮޅެއް ނުވާނެއޭ.. ދެން ފޫހިވާތީއޭ.. ހިނގާބަލަ.. ކިޔައިދޭނަމޭ ކުޅެންވާ ގޮތް.." ޝަމްޙާ އެ ވަރަށް އެދުމުން މިމްރާޙް އެއްބަސްވިއެވެ.

ހަތަރު ވަރަކަށް ގަނޑު ކުޅެ ނިމިއްޖެއެވެ. މިމްރާޙް ހީކުރި ވަރަށް ވުރެ ވެސް ޝަމްޙާ ރާޒުވާ ކުޅެން ކުޅަދާނައެވެ.

"ރާޒުވާ ވަރަށް ނުކުޅެން ދޯ.؟" ޝަމްޙާ އެހިއެވެ.

"ތެދު ތެދަށް ބުނަންޏާ ތިއީ އެއް ގޮތަކަށް ވެސް ވިސްނާ ވިސްނާ ސިކުނޑިއަށް ނުވަތް ކުޅިވަރެއް.." މިމްރާޙް ބުންޏެވެ.

"ސުވާލެއް ކޮށްލަންތަ.؟" ޝަމްޙާ އެހިއެވެ.

"ލައްބަ.. ކޮށްބަލަ.." މިމްރާހް ބުންޏެވެ.

"މިމްރާޙް މި ދުވަސްކޮޅު ކީއްކުރަނީ ތި.. މި ބުނީ އާމްދަނީއެއް ހޯދުމަށް.." ޝަމްޙާ އެހިއެވެ.

"ބޯޓު ދަތުރު ކުރަން އުޅެފަ މި އައީ.. އޭރު ހޯދި ހުރިހާ ފައިސާއެއް ރައްކާކޮށްފަ ހުންނާނީ.." މިމްރާޙް ބުންޏެވެ.

"އޯ.. އެއްވެސް ވަރަކަށް ހޭދައެއް ނުކުރަންތަ.؟" ޝަމްޙާ އެހިއެވެ.

"މި ކޮޅަށް އައިސް ހޭދަ ކުރަން ފެށީ.. އެ ތަނުގަ ހުންނައިރު ދޯނިން ކާން ލިބޭ.. ލާނެ އަންނައުނާއި ރީތިވާ އެއްޗެހި ވެސް ލިބޭ.. އެހެންވެ ފައިސާ ޚަރަދުނުކޮށް ވެސް އުޅެވުން.." މިމްރާޙް ބުންޏެވެ.

****

އެއަށް ފަހުގައި ކޮންމެ ދުވަހަކު މިމްރާޙާއި ޝަމްޙާ ގިނަ ވަގުތު އެކުގައި ހޭދަ ކުރަން ފެށިއެވެ. ދެ ގާތް ރަހުމަތްތެރިންގެ ގޮތުގައެވެ. އެކީގައި ހިނގާލަން ނުކުމެ އުޅެއެވެ. ބައެއް ފަހަރު ބައިސްކަލު ދުއްވާލަން ވެސް ނުކުމެ އުޅެއެވެ. ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ތިބެގެން ވަރަށް ގިނަ ވާހަކަ ދައްކާ ހަދައެވެ. މިމްރާޙަށް އިތުބާރު ކުރަން ފެށި ދިރިއުޅުމުގެ ބައެއް ކަންކަން ވެސް މިމްރާޙަށް ހިއްސާ ކުރަން ފެށިއެވެ. ކޮންމެ ދުވަހަކު އެކުގައި ރާޒުވާ އެއް ގަނޑު ނަމަވެސް ކުޅެލައެވެ. ޝަމްޙާއާއެކު ރާޒުވާ ކުޅެކުޅެ މިމްރާޙަށް ވެސް ރާޒުވާ މޮޅަށް ކުޅެން ދަސްވާން ފެށިއެވެ. މިހެން ގޮސް ދެ ހަފުތާ ވޭތުވެގެން ދިޔައީއެވެ. ނަމަވެސް ޝަމްޙާގެ ހިތުގެ ވާހަކައެއް އަދިވެސް މިމްރާޙްގެ ގާތުގައި ނުބުނެއެވެ.

****

އެހެން ދުވަސްތަކެކޭ އެއް ފަދައިން އިރުއޮއްސޭ މަންޒަރު ބަލަން ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ހުންނަ ޖޯލިފަތީގައި މިމްރާހު އިންނާނެ ކަމަށް ހިތައި ޝަމްޙާ ދިޔައީ އެ ދިމާއަށެވެ. ބައިސްކަލުގައި ދުއްވާފައި ގޮސް އެ ތަނުގައި ހުރި ގަހެއްގައި ބައިސްކަލު ލައްކޮށްލިއެވެ. އެއަށް ފަހު ޖޯލިފަތީގައި ޝަމްޙާ އިށީނެވެ. އަދި އެ ތަނަށް މިމްރާޙް ނާދެއެވެ ދެ ކުދިން ކޮންމެ ދުވަހަކުހެން މި ތަނުން ބައްދަލު ކުރެއެވެ. އިރުކޮޅެއް ފަހުން މަޣްރިބް ނަމާދު ބަންގީގެ އަޑު އިވެން ފެށިއެވެ. އިރު އޮއްސިގެން އުނޑުމަތިން އިރު ގެއްލުނީއެވެ. އަދިވެސް މިމްރާޙް ނާދެއެވެ.

"އަނެއްކާ މިއަދު ކިހިނެއްބާ ވީ.؟ އެހެންޏާ ކޮންމެ ދުވަހަކު ނަމާދަށް ބަންގި ގޮވުމުގެ ބައި ގަޑިއިރު ކުރިން މި ތަނުގައި އިންނާނެ.. ދާނީ ބަންގި ގޮވާ ނިމުނީމަ.. ކޮންމެ ވެސް ކަމެއްގަ ބިޒީވީ ކަމަށް ވާނީ.. މިސްކިތަށް ގޮސްލަންވީ.. ފަހަރެއްގަ މިސްކިތުން ދިމާވެދާނެ.." އެހެން ދުވަސްތަކެކޭ ޚިލާފަށް އެ ދުވަހު އިރުއޮއްސޭ މަންޒަރު ބަލަން މިމްރާޙް ނުދިއުމުން ޝަމްޙާގެ ހިތަށް އެރިއެވެ.

މަޣްރިބް ނަމާދުކޮށް ނިންމައިގެން މިސްކިތު ދޮރު މަތީގައި ޝަމްޙާ މަޑުކޮށްގެން ހުރީ މިމްރާޙު ބޭރަށް ނުކުންނަން ދެނެވެ.

"މާ ބޮޑަށް ޞާލިޙްވި ރެއެއްބާ.؟ އިނދެދާނެ މިސްކިތު ތެރޭގަ ޤުރްއާން ކިޔަވަން ވެސް.. އަނެއްކާ މިސްކިތަށް ވެސް ނާންނަ ރެއަކީބާ.؟"

އެ ދުވަހު އަދި ޝަމްޙާގެ ލޮލަށް މިމްރާޙު ނުފެންނާތީ ހުރީ ހިތް ނުތަނަވަސް ވެފައެވެ. ބޮލަށް އުނދަގޫ ވާން ފެށިއެވެ. ގެއާ ދިމާއަށް މިސްރާބު ޖެހީ ރޭގަނޑުގެ ކެއުމަށް އެ ރޭ މިމްރާހް އެ ގެރެއަށް ދާނެ ކަމަށް އުންމީދު ކޮށްގެންނެވެ.

"އެހެންޏާ ކޮންމެ ދުވަހަކު ހުރިހާ ގަޑިއަކު ކާން އާދޭ ގެއަށް.. މިއަދު ހެނދުނުގެ ނަސްތާއަށް ވެސް.. މެންދުރުގެ ކެއުމަށް ވެސް ނާދޭ.. އިރުއޮއްސޭ މަންޒަރު ބަލަން ނުދޭ.. މިސްކިތަށް ވެސް ދިޔަހެނެއް ހިއެއް ނުވޭ.. އަނެއްކާ ކަމެއް ގޯސްވީބާ.؟" ގެއަށް ދިޔަ މަގުމަތީގައި ވެސް ޝަމްޙާގެ މުޅި ސިކުނޑީގައާއި ހިތުގައި މިމްރާޙުގެ ހިޔާލުތައް ދިޔައީ ރަސްކަން ކުރަމުންނެވެ. އޭނާ ނުފެނި މުޅި ދުވަސް ނިމި ދިޔުމުން ހުރީ ކަންބޮޑުވެފައެވެ.

****

އެހެން ރޭތަކެކޭ އެއް ފަދައިން އެ ރޭ ވެސް އަށެއް ޖެހުމާއެކު ރޭގަނޑުގެ ކެއުމަށް ކާގެއަށް ވަނެވެ. ކާގެއަށް ތަކުރު ވަން އިރު، ކާ މޭޒުމަތީގައި އެއްވެސް ކާއެއްޗެއް ބަހައްޓާފައެއް ނެތެވެ.

"އީމާ މިރޭ ކާން ނުހަދާ ރެއެއްތަ.؟"

ތަކުރުގެ އަޑު ޖެހުމާއެކު ބަދިގެއިން ތަށްޓަކަށް ގަރުދިޔަ އަޅައިގެން އީމާ ކާގެއަށް ވަނެވެ. ބަތް ތަށި ހިފައިގެން ކާގެއަށް ވަނީ ޝަމްޙާއެވެ. އެއަށް ފަހުގައި، ޝަމްޙާއާއި އިމާ ވެސް ކާން އިށީނެވެ. ރޭގަނޑުގެ ކެއުމަށް ވެސް މިމްރާޙް ނާދެއެވެ. އިމާގެ އަތުގައި މަޑުމަޑުން ޝަމްޙާ ވިކާލުމުން ކަތި ނަޒަރަކުން ޝަމްޙާއާ ދިމާއަށް އިމާ ބަލާލިއެވެ. ޝަމްޙާ އޭނާގެ ދެ ބުމަ ހިއްލާލީ މިމްރާޙާ ބެހޭ ގޮތުން ތަކުރާ ސުވާލު ކުރަން ބުނަން އިޝާރާތެއްގެ ގޮތުގައެވެ. ޝަމްޙާ އިޝާރާތް ކުރީ ކޮން ކަމަކަށް ކަން އިމާއަށް އެނގުނެވެ.

"ތަކުރާ.. މިއަދު މިމްރާޙް ކޮބައި.؟ އެއްވެސް ގަޑިއަކު ކާން މިއަދަކު ނާދޭ ވިއްޔާ.. ކަމެއް ގޯސްވެގެން އުޅެނީ ތަ.؟" ތަކުރު ގާތުގައި އީމާ އެހިއެވެ.

"އާނ.. މެންދުރު ފަހު އޭނާ އުޅޭ ގެއަށް ދިޔައިން.. އޭނާގެ ޚަބަރެއް ހެނދުނު ނުވީމަ.. ހުންގަދަ ކޮށްލައިގެން ގޭގަ އޮތީ.. އަހަރެމެން ފިހާރައިން އެ ކަމަށް ދެ ތިން ދިވެހި ދިޔާ ބޭހަކާއި ކާ ބޭސް ގެންގޮސްދިނިން.." ތަކުރު ބުންޏެވެ.

"ދެން އޭނަ ކަނީ ކޮންތާކުން.." ވަރަށް ބޮޑަށް ކަންބޮޑުވެފައި ހުރެ ޝަމްޙާ އެހިއެވެ.

"އޭނާ ބުނީ އޭނާގެ ގެއިން އަމިއްލައަށް ކައްކައިގެން ކެވޭނެއޭ.. ބަލި ހާލު ހުރި ގޮތުން މާ ގިނައިން ހިނގާފަ ނޫޅެވޭނެއޭ.." ތަކުރު ބުންޏެވެ.

މިމްރާޙް ބަލިކޮށް އުޅޭ ކަން އެނގުމުން އޭނާއަށް ގޮވާލަން، އެ ގެއަށް ދާން ޝަމްޙާ ބޭނުންވިއެވެ.

****

ކާ ނިމިގެން މިމްރާޙު ހާލު ބަލަން އެ ގެއަށް ދާން ޝަމްޙާ ހިނގައިގަތެވެ. ހިނގާފައި ގޮސް މިމްރާޙުގެ ގެއާ އަރާ ހަމަވިއިރު، ގޭގެ ދޮރު ކުރިމަތީގައި މަރުވެފައި އޮތް ބުޅަލެއް އޮތެވެ. ގޭގެ ދޮރު ހުޅުވާފައި ގޭތެރެއަށް ޝަމްޙާ ވަދެގެން ދިޔައެވެ. ދެ ފަރާތުގައި ވެސް ކޮޓަރިތައް ހުރުމުން އެ ތަނުން މިމްރާޙް އުޅެނީ ކޮން ކޮޓަރިއެއްގައި ކަމެއް ޝަމްޙާއަކަށް ނޭނގުނެވެ. އެހެންވެ ފަހަރަކު ކޮޓަރިއެއްގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އެއްވެސް ކޮޓަރިއަކުން މީހެއްގެ ހިލަމެއް ނުވިއެވެ.

"ގޭގަ ނެތީބާ.. ކައިރީގަ ހުރި ފިހާރައަށް ވެސް ގޮސްދާނެ.." މިހެން ހިތައި ގޭގެ ދޮރޯށި ހުޅުވާފައި ޝަމްޙާ ބޭރަށް ނުކުތެވެ.

ހަމަ އެ ވަގުތު، ގޭގެ ފުރާޅު މަތިން ދޮރު ކުރިމައްޗަށް މީހަކު ފުންމާލިއެވެ. ދެން އެ މީހަކު ޝަމްޙާއާ ދިމާއަށް ބަލައިލިއެވެ. ކަޅު ފޮތިގަނޑަކުން އަނގަމަތި ފޮރުވާފައި ހުރުމުން އެއީ ކާކު ކަމެއް ނޭނގެއެވެ. އޭނާގެ ކަނާތު އަތުގައި ކުޑަކުޑަ ވަޅިއެއް އޮތް އިރު، ވާތް އަތުގައި ތީރު ފޮނުވާ ދުނިދަނޑިއެއް އޮތެވެ. ލައިގެން ހުރީ ގަދަ ނޫކުލައިގެ "ހޫޑީ" ޖެކެޓެކެވެ. ތިރިން ހުރީ ޖިންސް ފޮތީގެ އަޅި ކުލައިގެ ކުރު ސޯޓެއް ލައިގެނެވެ. އޭނާ ލައިގެން ހުރި ޖެކެޓްގެ ޖީބަކުން ކުޑަކުޑަ ބިއްލޫރި ފުޅިއެއް ނެގިއެވެ. އެ ފުޅީގެ މަތިގަނޑު ނަގާފައި ފުޅި ހޫރާލިއެވެ. ހޫރާލުމާއެކު މުޅި އެ ތަނަށް ދުންގަނޑެއް ފެތުރުނެވެ. ދުންގަނޑުގެ ސަބަބުން ޝަމްޙާއަށް އެއްވެސް ތަނެއް ސާފުކޮށެއް ނުފެނެއެވެ. މާ އިރުތަކެއް ނުވެ ދުންގަނޑު ފިލައިގެން ގޮސްފިއެވެ. އޭރު އެ ތަނުގައި އެ މީހަކު ނެތެވެ.

އިރުކޮޅެއް ފަހުން ގޭތެރެއިން މިމްރާޙް ގޮވާ އަޑު އިވުނެވެ.

"ހޭ.. ކޮން އިރަކު އައީ.." ޝަމްޙާ ފެނުމުން މިމްރާޙް އެހިއެވެ.

"ކިތަންމެ އިރެއް.. ހުންގަދަވެގެން އުޅޭ ޚަބަރު ލިބުނު.. އެހެންވެ ގޮވާލަން ވެގެން އައީ.. އައިސްފަ ކޮޓަރިތަކުގެ ދޮރުތަކުގަ ޓަކި ވެސް ޖެހިން.. ނުހުޅުވީމަ ނުކުތީ.." ޝަމްޙާ ބުންޏެވެ.

"އޯ.. މަ އުޅުނީ ގިފިލި ފަޅީގަ ފެންވަރަން.. އެހެންވެ އައިކަން ނޭނގުނީ.. ސޮރީ އިނގޭ.. ކޮފީ ތަށްޓެއް ބޯލަންވީނު.." މިމްރާޙް ބުންޏެވެ.

"ނޫން.. ދެން މި ދަނީ.. އެހެން ރެއަކުން ދެން.. ރަނގަޅަށް ބަލައިގެން އުޅޭތި.. ގަޑިން ގަޑިއަށް ބޭސް ކާތި.. ޓޭކް ކެއާ.." މިހެން ބުނެފައި ޝަމްޙާ، މިމްރާޙާ ގާތް ވެލާފައި މިމްރާޙުގެ ކޮލަށް ދޮނެއް ދިނެވެ.

ދެން ގެއަށް ދާން ޝަމްޙާ ހިނގައިގަތެވެ. ހުޅަނގަށް ހުރި ގޯޅިން ޝަމްޙާ ލަނބާލަން ދެން އެ ދިމާއަށް ބަލަހައްޓައިގެން މިމްރާޙް ހުއްޓެވެ. މިރޭ ޝަމްޙާގެ ހަރަކާތްތައް ހުރި ގޮތާ މެދު ވިސްނަމުންނެވެ. އާންމުކޮށް އެކުގައި ވަގުތު ހޭދަކުރަން ބޭނުންވެގެން ބުނާ ޝަމްޙާ ވަގުތުން ގެއަށް ދިޔައިމައެވެ. ދަމުން އޭނާ ކަންކަން ކުރި ގޮތުންނެވެ. ގޯޅިން ޝަމްޙާ ލަނބާލުމާއެކު މިމްރާޙް ގޭތެރެއަށް ވަނެވެ.

****

ގެއަށް ދިޔަ މަގުމަތީގައި ޝަމްޙާ ވިސްނަމުން ދިޔައީ މިމްރާޙުގެ ގެއިން ނުކުތް ތަނާ ހިނގައި ދިޔަ ކަންތަކާ މެދުގައެވެ. އެ މީހެއްގެ އަނގަ މަތި ފޮރުވާފައި ހުރުމުން އެއީ ސީދާ ކާކު ކަމެއް ޝަމްޙާއަށް ދެނެ ނުގަނެވުނު ނަމަވެސް އެ މީހެއްގެ ދެ ލޮލަކީ ޝަމްޙާ ދެކެ ފަރިތަ ދެ ލޮލެއްކަން ޝަމްޙާއަށް ހީވާން ފެށިއެވެ.

"އެއީ މިމްރާޙްގެ ދެ ލޯ.. އަހަރެންގެ ހިތް ބުނަނީ އެއީ.. މިމްރާޙް.. މިދިޔަ 25 އަހަރު ތެރެއިން ދިހަ އަހަރު.. ބޯޓު ދަތުރު ކުރި ކަމަށް ކިޔަސް.. އޭނާ އުޅުނު ތަނެއް.. ކުރި ކަމެއް.. ނުކުރާ ކަމެއް ދަންނަ މީހަކު މި ރަށަކު ނެތް.. ކޮންމެ ވެސް ކަންތައް ގަނޑެއް އެ ދިހަ އަހަރު ހިނގާފަ ވާނީ.. މިމްރާޙަށް ފާރަލާން މަށަށް ފެންނަނީ.." ޝަމްޙާގެ ނިދާ ކޮޓަރިއަށް ވަދެ، ކައިރީގައި އިން އިމާ ކައިރީގައި އޭނާ ބުންޏެވެ.

(ނުނިމޭ)