އެޕަލް އިން އެއަރޕޮޑް ކޭސް ވަކިން ވިއްކަން ފަށައިފިއެވެ.

އެޕަލް އިން މިހާރު މިވަނީ އެމީހުންގެ ޒަމާންވީ ލައިޓެނިންގް ކޭބަލް ތައް އެއްކޮށް ދޫކޮށްލުމުގެ މަސައްކަތް ފަށާފައެވެ. ޔޫއެސްބީ ސީ ކޭބަލް އަށް އެޕަލްގެ ހުރިހާ އުފެއްދުންތައް ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 15 ގެ ފޯނުތަކުން ވަނީ ލައިޓެނިންގް ޗާޖިން އުނި ކޮށް ޔޫއެސްބީސީ ހިމަނާފައެވެ.

މީގެ އިތުރުން އެއަރޕޮޑް ތަކަށް ހާއްސަ ޔޫއެސްބީ ސީ ހިމެނޭ ޗާޖިންގް ކޭސް ތަކެއްވެސް އެޕަލް އިން ވަނީ ނެރެފައެވެ. މިއީ އެއަރޕޮޑްސްގެ އެންމެ ފަހުގެ ސެކަންޑް ޖެނަރޭޝަންގެ ކޭސްތަކެކެވެ. ނަމަވެސް މި ކޭސްތައް ޖެހެނީ ވަކިން ގަންނާށެވެ. އެޕަލް ސްޓޯރުގައި މި ކޭސް ތަކުގެ އަގު އުޅެނީ 99 ޑޮލަރަށެވެ. މިއީ މިހާރު ވެސް އެއަރޕޮޑްސް ބޭނުން ކުރާ ފަރާތްތަކަށް ފަހުގެ އެއަރޕޮޑް އެއް ނުގަނެ، ޔޫއެސްބީ ސީ ހިމެނޭ ކޭސް އެއް ގަތުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

އެޕަލް އަށް އެކުންފުނީގެ އުފެއްދުންތަކުގައި ޔޫއެސްބީސީ ބޭނުންކުރަން މަޖުބޫރުވީ ޔޫރަޕިއަން ޔޫނިއަން އިން ލައިޓެނިންގް ކޭބަލް މަނާ ކުރުމާއި ގުޅިގެންނެވެ. ޔޫރަޕިއަން ޔޫނިއަން އިން ނިންމާފައިވަނީ ޔޫރަޕުގެ ގައުމުތަކުގައި އެއް ބާވަތެއްގެ ޗާޖިން ކޭބަލް ބޭނުންކުރުމަށެވެ.

އައިފޯނަކީ ދުނިޔޭގެ ސްމާޓްފޯނު ބޭނުންކުރާ އާބާދީގެ ގިނަ ބަޔަކު ބޭނުން ކުރާ ފޯނެކެވެ. އަދި ދުނިޔޭގެ ސްމާޓްފޯނުގެ ޓެކްނޮލޮޖީ އަށް ތަފާތު އިންގިލާބެއް ގެނެސްދިން ފޯނެކެވެ. މިއީ ދުނިޔޭގެ އެންމެ މަޤްބޫލު ފޯނޭ ދެންނެވުމަކުން ކުށަކަށް ނުވާނެއެވެ. އައިފޯނަށް އޮންނަ ތަރުހީބު އައިފޯނާއި ގުޅިފައިވާ އެޕަލް ގެ އެހެން އުފެއްދުންތަކަށްވެސް އޮވެއެވެ.

އައިފޯނު އުފައްދާ ކުންފުނި އެޕަލް އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏެވެ. ބާޒާރުގައި 3 ޓްރިލިއަން ޑޮލަރުގެ އަގުބޮޑު މި ކުންފުނީގެ އުފެއްދުން ތަކަށް މީހުން ލޯބި ކުރަނީ ޓެކްނޮލޮޖީގެ އެންމެ ފަހުގެ ފީޗަރތައް މި އުފެއްދުންތަކުގައި ބޭނުން ކޮށްފައި ހުންނާތީއެވެ. އެޕަލްގެ އުފެއްދުންތައް ބައްޓަން ކުރަނީ ބޭނުންކުރާ ފަރާތަށް ވީހާ ވެސް ގުޅޭނެ އަދި ބޭނުންކުރަން ފަސޭހަ ގޮތަށެވެ. މި ހުރިހާ ކަމެއް އެޕަލް އިން ކުރަނީ އެމީހުންގެ އަސްލު ނުގެއްލޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު