ސްމާޓް ފޯނަކީ މިހާރު ކޮންމެ މީހެއްގެ އަތުގައި ވެސް އޮންނަ އެއްޗެކެވެ. ސްމާޓް ފޯނުތައް މި ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލައިފައެވެ.

ދުނިޔޭގެ ސްމާޓްފޯނުގެ ބާޒާރަށް ބޮޑު އިންގިލާބެއް ގެނުވި އެއް ޕުރޮޑަކްޓަކީ ފޯލްޑަބަލް ފޯނުތަކެވެ. ނުވަތަ ފަތްޖަހާލެވޭ ފޯނުތަކެވެ. އާންމުކޮށް މީހުން ފޯނު ބޭނުން ކުރަމުން އަންނަ ގޮތް މުޅިން ބަދަލުކޮށްލައި، ފަތްޖަހާލެވޭ ފޯނުތަކުން މި ވަނީ އެތައް ފައިދާތަކެއް ފަސޭހައިން ލިބޭނެ ގޮތް ހަދައިދީފައެވެ.

އެންމެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު ސަމްސަންގް އިން ނެރުނު ފަހުން މިހާރު މި ވަނީ އޭގެ ޓެކްނޮލޮޖީ އާއި ޑިޒައިނަށް ވެސް އެތައް ބަދަލުތަކެއް އައިސްފައެވެ. އެއިން ކުރެވޭ ބޭނުންތައްވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެޕްލިކޭޝަންތައް އުފައްދާ ފަރާތްތަކުން ވެސް މިހާރު އެޕްތައް އުފެއްދުމުގައި ފަތްޖަހާލެވޭ ފޯނަށް ވެސް ސަޕޯޓްކުރާ އެޕްތައް ވަނީ ހަދަން ފަށައިފައެވެ. އެއީ މިހާރު ފަތްޖަހާލެވޭ ފޯނުތަކުގެ މަގުބޫލުކަން އިންތިހާ އަށް ގޮސް، ފަތްޖަހާލެވޭ ފޯނު ބޭނުން ކުރާ ފަރާތްތައް އިތުރުވުމުންނެވެ.

ފަތްޖަހާލެވޭ ފޯނުތަކަކީ އަގުބޮޑު ފޯނުތަކެކެވެ. އެހެންކަމުން ފަތްޖަހާލެވޭ ފޯނެއް ގަތުމަށް ވަރަށް ގިނަ ފަރާތްތަކުން ޖެހިލުންވެސް ވެއެވެ. އެއީ މި ފޯނުތަކުގައި ހަރަކާތްކުރާ ބައިތައް ހުންނާތީ އަވަހަށް ހަލާކުވުން ނުވަތަ ފޯނުގައި މައްސަލަތައް ޖެހުން އަވަސްވެދާނެތީއެވެ.

ނަމަވެސް ސަމްސަންގް އިން ވަނީ ސަމްސަންގް ގެ ފަތްޖަހާލެވޭ ފޯނު ތަކަކީ ވަރުގަދަ ފޯނުތަކެއް ކަމުގެ ޔަގީން ކަން އެމީހުންގެ ކަސްޓަމަރުންނަށް ދީފައެވެ. އެގޮތުން ސަމްސަންގް ގެ ފަތްޖަހާލެވޭ ފޯނުތައް އެއްވެސް މައްސަލައެއް ނުޖެހި ދެ ލައްކަ ފަހަރު ހުޅުވި ލެއްޕޭނެ ކަމަށް އެ ކުންފުނިން ޔަގީންކަން ދެއެވެ.

ޓެކްނޮލޮޖީ ހަބަރު ގެނެސްދޭ ނެދަލޭންޑްސް ގެ ވެބްސައިޓެއް ކަމަށްވާ "ގެލެކްސީ ކުލަބް" އިން މައުލޫމާތު ދޭ ގޮތުގައި ސަމްސަންގް އިން ވަނީ އާ ވައްތަރެއްގެ ސްކްރީނެއް ސްމާޓްފޯނު ތަކުގައި ބޭނުން ކުރުމަށްޓަކައި ޕެޓެންޓް ކުރުމަށް ދެކުނު ކޮރެއާގެ ޕެޓަންޓް އޮފީހަށް ހުށަހަޅާފައެވެ.

އެ ޓެކްނޮލޮޖީގެ ސަބަބުން ސަމްސަންގް ގެލެކްސީ ފަތްޖަހާލެވޭ ފޯނުތަކަށް އޮލެޑް ލައްޕާލެވޭ ސްކްރީންތައް އަންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ވެބްސައިޓުގައި ބުނެފައި ވެއެވެ. އޭގެ ސަބަބުން ސަމްސަންގް ގެ ފަތްޖަހާލެވޭ ފޯނުތަކުގެ ކޮލެޓީ އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށް ބެލެވެއެވެ.

ސަމްސަންގް އިން ވަނީ ކުރިން ވަރަށް ގިނަ ފަތްޖަހާލެވޭ ސްކުރީނުތައް ދައްކާލާފައެވެ.

ނަމަވެސް މި އާ ސްކްރީންތައް އަދި އުޅެނީ ތަރައްގީ ކުރުމުގެ މަރުހަލާގައި ކަމުން މި ސްކުރީންތައް ލެޕްޓޮޕާއި ޓެބްލެޓްތަކުގައި ބޭނުން ކުރެވޭނެ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް ލެޕްޓޮޕާއި ޓެބްލެޓް ތަކަށް ވެސް ފަތްޖަހާލެވޭ ސްކްރީންތައް ގެނައުމުގެ ގާބިލްކަން ސަމްސަންގް އަށް ލިބިގެންވެއެވެ.