ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ވެރިކަމަށް ހުވާ ކުރެއްވުމަށްފަހުގައިވެސް ރައީސް ދިރިއުޅުއްވަމުން ގެންދިޔައީ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގައެވެ. އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަން އެމަނިކުފާނު ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މުލިއާގެ ދޫކޮށްލިއިރު އެތަން މަރާމާތް ކުރަން ޖެހިފައިވާތީއެވެ.

މުލިއާގެ މަރާމާތު ކުރި ނަމަވެސް އެތަނުގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މުލިއާގޭގައި އެންމެ ފުރަތަމަ ރައީސަކަށް ދިރިއުޅުއްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެކަމަކު، އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވީ ވަރަށް ކުޑަ ދުވަސްކޮޅެއްގައެވެ. އެއީ ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ. ނަޝީދު ވެރިކަމަށް ވަޑައިގެން ފުރަތަމަ ގ. ކެނެރީގޭގައި ހުންނެވި ނަމަވެސް ފަހުން ވަނީ މުލިއާގެއަށް ބަދަލުވެވަޑައިގެންފައެވެ. އޭގެ ފަހުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރައީސް ކަމަށް ވަޑައިގެން ބޭނުން ކުރެއްވީ ހިލާލީގެއެވެ.

ވަހީދުގެ ވެރިކަމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވީ އަމިއްލަފުޅު ގޭގަައެވެ. އެ ސަރުކާރުގައި މުލިއާގެ ބޭނުންކުރީ ސިޔާސީ ބައްދަލުވުންތައް ބޭއްވުމަށެވެ. އަދި ފަހުން ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެކިއެކި ހަރަކާތްތައް ހިންގެވުމަށް އެ ތަން ބޭނުން ކުރެއްވިއެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައި މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވެވިއެވެެ. އަދި އެ ގެއިން އެ ދެ ކަނބަލުން ނިކުމެ ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު