ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވުނު ސަރުކާރުތަކުން ވައިކަރަދޫ ދާއިރާ އަށް ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައިވާ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް މުހައްމަދު ޝައްމޫން މިއަދު ވިދާޅުވެއްޖެއެވެ.

"ވަގުތު" ޓީވީގެ "ނިންމާނީ ދިވެހިން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝައްމޫން ވިދާޅުވީ މިދިޔަ ސަރުކާރުންވެސް އެ ދާއިރާއަށް ތަރައްގީ ގެނެސް ދާއިރާ ކުރިއަރުވަން މަސައްކަތް ނުކުރައްވާ ކަމަށެވެ.

"ވައިކަރަދޫ ދާއިރާއަކީ ޒަމާނުއްސުރެ ފަރުވާކުޑަކޮށްލެވިފައިވާ ދާއިރާއެއް. ވޭތުވެދިޔަ ސަރުކާރުތަކުން މި ދާއިރާއަށް ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްލެވިފައިވަނީ." ޝައްމޫން ވިދާޅުވިއެވެ.

ޝައްމޫން ވިދާޅުވީ ދާއިރާގެ ތިން ރަށުގެ މަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ދެރަ ހާލަތަށް ގޮސްފައި ކަމަށާއި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރީ ސަރުކާރުން ފެއްޓި ނަމަވެސް އެކަންތައް ވެސް އޮތީ މިހާރު ދޫކޮށްލާފައި ކަމަށެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައި ނުނިންމާ ހުރުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން ބައްޓަން ކުރަންވީ ގޮތް ނޭނގި ރަށުގެ ތަރައްގީ ހުއްޓުމަކަށް އައިިސްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ދާއިރާގެ ތިން ރަށުގައިވެސް ހުންނަނީ ހެލްތު ސެންޓަރުކަން ފާހަގަކުރައްވަމުން ޝައްމޫން ވިދާޅުވީ އެ ސެންޓަރުތައް މިހާރު ހުރީީ ވަރަށް ދެރަ ހާލުގައި ކަމަށާއި ހެލްތު މިނިސްޓަރު އެ ތަންތަނަށް ވަޑައިގެން ބައްލަވަން ޖެހިވަޑައިގަންނަވާ ހާލުގައި ތިން ރަށުގެ ހެލްތު ސެންޓަރުތައް ހުރި ކަމަށެވެ.

"ދެން އެންމެ ބޮޑު އެއް މައްސަލައަކީ ދާއިރާގެ ސިއްހީ ނިޒާމުގެ މައްސަލަ، އެއީ ތިން ރަށުގައިވެސް މިހުރީ ހެލްތު ސެންޓަރު، ވަރަށް ދެރަ ހާލަތުގައި އިނގޭތޯ ހުރީ. އަޅުގަނޑު އެތަނަށް ގޮސް ބަލާލިއިިރު އެތަނުގެ ފަންކާވެސް ވެއްޓޭ ހާލުގައި ހުރީ. ތަންމަކުނު އެބަހުރި ބައެއް އެނދުތަކުގައި، ވަރަށް ދަށް ހާލުގައި އެނގޭތޯ." ޝައްމޫން ވިދާޅުވިއެވެ.

ޝައްމޫން ވިދާޅުވީ ދާއިރާގައި ވަޒީފާގެ ފުރުސަތު އެއްވެސް ވަރަކަށް ނެތް ކަމަށާއި އޭގެ ސަބަބުން ޒުވާނުން ވެސް ވަޒީފާ ނެތި މަގުމަތިވެފައި ތިބި ކަމަށެވެ. ޒުވާނުންނަށް އެ ފުރުސަތު ނެތުމުން ގިނަ ބަޔަކު ކުށުގެ ވެއްޓަށް ނުކުންނަމުންދާ ކަން ޝައްމޫން ފާހަގަ ކުރެއްވިއެވެ.

ދާއިރާގައި ހުރި މިފަދަ ގިނަ ކަންތައްތައް ބަލައި ހޯދައި މިނިސްޓަރުންނާއި ބައްދަލުކޮށް އިންވެސްޓަރުން ހޯދައިގެން ސަރުކާރުތެރެއިން ދާއިރާއަށް ބޮޑު ބަދަލެއް ގެނެސް ތަރައްގީ ގެންނަވާނެ ކަމަށް ޝައްމޫން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މެމްބަރަކަށް ހޮވިއްޖެނަމަ އެ މަސައްކަތާ ހަވާލުވެ ހުންނަވާ މިނިސްޓަރު އަޅުގަނޑު ގެންނާނަން، ކޮންޓްރެކްޓަރާ އަޅުގަނޑު ބައްދަލުކުރާނަން. ނޫނީ އެ ބޭފުޅުން ގެންދަންޖެހޭ ހިސާބަށް ގެންގޮސް މަސައްކަތް ނުނިމުނީ ކީއްވެތޯ، ކޮބައިތޯ ހުރި ދަތިތަކަކީ ބަލައި އެ ކަންތައްތަކަށް ހައްލު ހޯދައިދޭނަން. މަސައްކަތްތައް ނިންމާ ރައްޔިތުންނަށް ފޮނި މީރުކަން ގެނެސްދޭނަން." ޝައްމޫން ވިދާޅުވިއެވެ.

ޝައްމޫނު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެވިއްޖެނަމަ ދައުރު ނިމުމުގެ ކުރިން ސިއްހީ ދާއިރާއަށް 100 އެނދު ގާއިމުކޮށް ދެއްވާނެ ކަމަށެވެ. އެ ދާއިރާ ރަނގަޅުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން ޝައްމޫން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތޭރަވާ

    މީހާރު ހުރި ހުސޭނަކަށް ކަމެއް ނުކޮށްދެވުނު. ދެން ހުރި ހުސޭނަކީ އަދާލަތު ޕާޓީން މީހަކު ވާދަ ކުރާކަން ދައްކާލަން ކުރިމަތިލި މީހެއް. މި 5 އަހަރު މުއިއްޒު ސްޕީޑުގަ ރަށަށް ތަރައްގީއެއް ލިބޭނީ ހަމައެކަނި ޝައްމޫނު ހޮވައިގެން އިންޝާﷲ

    8
    7
  2. އިރުބެ..

    ފޮނިކަޑާތި. ކުދި ރައްތަކަށް އެއްވެސް ކަމެއް ކުރުމުގެ ވިސްނުން ހުރި ސަރުކާރެއްނޫން. ޕާޓީކުދިންންކޮޅަކަށް ވަޒީފާ ދިނުން ފިޔަވާ އިތުރުކަމެއް ނެތް ރޭވިފަ ވެސް.

    4
    7