އިއްޔެ އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާައްވާ ހާއްސަ ހަރަކާތުގައި ފަސް މިނެޓަށް ހަވާ އަރުވާނެ ކަން އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.

މަޖިލީސް އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މަޖިލީހުގެ ސުޕާ މެޖޯރިޓީން ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން މިހާތަނަށް ލިބުނު ނަތީޖާއަށް ސަރުކާރަށް 73 ގޮނޑިއެއް ވަނީ ކާމިޔާބުވެފައެވެ.

އެކަމުގެ އުފަލުގައި މިރޭ ހަވާ އެރުވުމާއެކު ބޮޑު އިވެންޓެއް އޮތީ އާޓިފިޝަލް ބީޗްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ 21:30 ހާއިރު ހަވާ އެެރުވުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އަދި މި ހަރަކާތް ފަސް މިނެޓަށްހާއިރަށް ކުރިއަށްގެންދާއިރު، މިއީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދެވޭ ހަރަކާތެއް ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.

އާއްމު ގޮތެއްގައި މީގެ ކުރިން ހަވާ އަރުވަނީ އާންމުކޮށް 3-2 މިނެޓަށެވެ. މިއީ މިފަހުން މިހާ ގިނައިރު ހަވާ އަރުވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރިއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއްގެ އިތުރުން އެމްޑީއޭގެ ދެ ކެންޑިޑޭޓެއް ވަނީ ކާމިޔާބު ކުރައްވާފައެވެ.