އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އަޕްޑޭޓްކޮށް އަދާހަމަކުރުމުގައި ގެންގުޅެފައިވާ ނިޒާމް ވަރަށް އަވަސްވެފައި ފުރިހަމަ ކަމަށް އެ އިންތިހާބު އޮބްޒާވްކުރި ބޭރުގެ އޮބްޒާވަރުން ބުނެފިއެވެ.

އިންތިހާބުގެ ކަންކަން ހިނގައި ދިޔަގޮތް ހިއްސާކުރުމަށް އޮބްޒާވަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އީސީއިން އިންތިހާބު ރާވައި ހިންގައި ކުރިއަށް ގެންދެވި ގޮތަށް ވަރަށް ބޮޑަށް ތައުރީފްކުރިއެވެ. އޮބްޒާވަރުން ހާމަކުރި ގޮތުގައި މިއިންތިހާބުގެ ވޯޓަރސް ޓަރން އައުޓް ވަރަށް ރަނގަޅެވެ. އެހެން ކަމުން މިއީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ލީޑަރޝިޕަށް ތައުރީފް ހައްގު ކަމެއްކަމަށް އޮބްޒާވަރުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އޮބްޒާވަރު ވިދާޅުވީ، ރާއްޖޭގައި ވޯޓުލުމަށް ބޭނުންކުރާ ބޫތު ބަހައްޓާފައި ހުންނަ ގޮތް ވަރަށް ތަފާތު ކަމަށެވެ. އަދި އެއީ ވޯޓުލުމުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ހަދާފައިވާ ވަރަށް ފުރިހަމަ ގޮތެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިހާބުުގެ ކަންކަމުގެ އިސް ސަފުގައި އަންހެނުން ތިބުމަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ ބޭރުގެ ގައުމުތަކުގައި ވޯޓުލާ މީހުންނަށް ކޮމިޝަނުން ހަމަޖެއްސި އިންތިޒާމު ކުރިއަށް އޮތް ތާނުގައިވެސް ތަކުރާރުކުރުމަށް. މިއީ އަޅުގަނޑުމެންގެ ގައުމުގައިވެސް ބޭނުންކުރަން ބޭނުންވާ އިންތިޒާމެއް." އޮބްޒާވަރަކު ވިދާޅުވިއެވެ.

ފިލިޕިންސްގެ އިލެކްޝަންސް ކޮމިޝަނަރ ނެލްސަން ޖީ ސެލިސް ވިދާޅުވީ، ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު ނޫން ކަމަށާއި އެކަށީގެންވާ ވަރަށް މީހުން ނިކުތް ކަމަށެވެ. އަދި މިގޮތަށް ވެގެން ދިޔައީ އީސީގެ ހަރުދަނާ ފިޔަވަޅުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރީރެޖިސްޓްރޭޝަން ކަންކަން ކުރިއަށް ގެންދިޔައީ ވަރަށް ހަރުދަނާކޮށް އެހެން ގައުމުތަކުން ނަމޫނާ އަކަށް ބަލަންވީ ގޮތަކަށް ކަމަށެވެ. އަދި އީސީން އިންތިހާބު ކުރިއަށް ގެންދިޔަ ގޮތުން އެޓީމަށް ވެސް ވަރަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ރާއްޖެއާއި ބޭރުގެ އޮބްޒަރވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 6000 އަށްވުރެ ގިނަ މީހުން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ ތެރޭގައި 2495 އޮބްޒާވަރުންނާއި 4614 މޮނިޓަރުންނާއި 1816 މަންދޫބުން ހިމެނެއެވެ.