އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިސްމާއިލް ޒަބީހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

ޒަބީހު ކުރިން ހުންނެވީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ކުރީގެ ސަރުކާރުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. ނަަމަވެސް އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެ މަޤާމުން ވަކިކޮށްފައެވެ.

ރައީސް އޮފީހުގެ ސީނިއާ ރިސާޗް އޮފިސަރުގެ މަގާމާއި، އެމްކިއުއޭގެ ބޯޑު މެމްބަރުކަމާއި އަދި ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ އެކެޑެމިކް ކޮމިޓީގެ މެންބަރު ކަންވެސް ޒަބީހު ވަނީ މީގެކުރިން އަދާ ކުރައްވާފައެވެ.

މީގެއިތުރުން ޒަބީހު ވަނީ ރިޔާސީ އިންތިހާބުގައި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓުގެ މަޤާމު ވެސް އަދާ ކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިހާރު ހަތަރު ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.