ވެލާނާ އިންޓަނޭޝަނަލް އޭއާޕޯޓްގެ މަލަމަތި ބަދަލުކޮށްލާފަދަ ގޮތަކަށް ތަރައްގީކޮށްފައިވާ ވޯޓާ ފްރަންޓް ރެސްޓޯރަންޓްގައި ހަދާފައިވާ ފްރެންޗައިސް ރެސްޓޯރަންޓްތަކުގެ ތެެރެއިން ދެ ރެސްޓޯރެންޓެއް މަދަމާ ހުޅުވައި ހިދުމަތް ދޭން ފަށާނެކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމެޕްނީ ލިމިޓް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، މާދަމާ ހަވީރު އެއާޕޯޓްގައި އޮންނަ ރަސްމިއްޔާތެއްގެ ތެރެއިން އެތަން ހުޅުވިގެން ދާނެ ކަމަށެވެ. މާދަމާ އެތަނުގައި ހުޅުވިގެން ދާނީ ކޭއެފްސީ އާއި ޕިއްޒާ ހަޓްއެވެ.

އެތަނަށް ފްރެންޗައިސް ރެސްޓޯރެންޓްތައް ގެނައުމަށް ހަވާލުކޮށްފައި ވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާއެވެ. އެތަނުގައި އިނގިރޭސިވިލާތުގެ މަޝްހޫރު "ކޮސްޓާ ކޮފީ" ހާވެސް މާކެޓްވެސް ހުޅުވާނެއެވެ.

އެތަނުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އެ ތަންތަން ހުވާނެ ތާރީހެއް އެމްއޭސީއެލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ވޯޓް ފްރަންޓްގެ ތިރީ ބައި، ބޭނުންކުރާނީ މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރުތަކަށެވެ. އެތަންވެސް ވަރަށް އަވަހަށް ހުޅުވިގެން ދާނެއެވެ. އަދި އެކަމަށްޓަކައި އެތަނުގައި ކައުންޓަރުތައްވެސް ގާއިމްކޮށް ވަނީ ނިންމާލާފައެވެ. އަދި ގޮޑިތައްވެސް އެތަނުގައި ވަނީ ޖަހާފައެވެ.